މިނިވަންކަމާ ދިމާއަށް އެޅުނު ފިޔަވަޅެއް، ހަނގުރާމަ ދާނީ ކުރިއަށް!

Loading

Facebook
Twitter
WhatsApp

ބޭރުގެ އަސްކަރީ ސިފައިން ދިވެހިރާއްޖެއިން ބޭލުމަށް ގޮވާލައި ރެއާއި ދުވާލު މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ދިޔަ ގިނަ ދިވެހިރައްޔިތުންގެ މަސައްކަތަށް ނަޞްރު ލިބިއްޖެއެވެ.

އެމީހުން ކުރަމުންދިޔަ އާދޭހާއި، ކުރަމުންދިޔަ ދުޢާތައް ހިންމަވައިދެއްވައިފިއެވެ. އެހެންނަމަވެސް، މިއީ އިންޑިއާގެ އަސްކަރީ ބާރާއި ދެކޮޅަށް ކުރިއަށްދާ ސިޔާސީ އަދި ޤާނޫނީ ހަނގުރާމައިގެ ފެށުމެވެ.

މިހާރު ދެން އިންޑިއާ ސަރުކާރުން މަސައްކަތް ކުރާނީ، އެގައުމުގެ ސަރުކާރާއެކުގައި އެމްޑީޕީއާއި އަދާލަތުން ހަދައިގެން އުޅޭ ސިއްރު އެއްބަސްވުންތަކުގައި ހިމަނާފައިވާ މާއްދާތައް ބޭނުންކޮށްގެން ގާނޫނީގޮތުން ދިވެހީންނަށް ގޮންޖަހައި، ދިވެހިރައްޔިތުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ފެލާލާށެވެ.

އަޅުގަނޑުމެން އެންމެންވެސް މިތިބީ ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުންތަކާއި ލިޔެކިޔުންތައް އާންމުކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދިވެހި ސިޔާދަތަށް ނުރައްކާވާފަދަ މި އެއްބަސްވުންތައް އުވާލުމަށްޓަކައި ދިވެހީން އިތުރު ދަރަނިތަކެއް ބޮލުގައި އަޅަން ޖެހޭފަދަ މާއްދާތަކެއް އޭގައި އެކުލެވޭނަމަ، އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ އެއްބަސްވުމުގައި ސޮއިކުރުމަށް މަގުފަހި ކުރުވި ފަރާތްތަކުންނެވެ.

ދިވެހީންގެ އާންމު ދިރިއުޅުމުގެ ޚަރަދުތަކަކީ މިހާރުވެސް އެހާ ބޮޑެތި ޚަރަދުތަކެއްކަމަށްވީއިރު، އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ވަޒީރުންގެ ކެބިނެޓުން މިފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ފުރުސަތު ދެވުނީ ކިހިނެތް ހެއްޔެވެ؟

ކުރިއަށް ދެން އޮތް ހަނގުރާމާގައި ބައިނަލްއަޤްވާމީ ސްޓޭޖުގައި ދެގައުމުން ވެސް ދެގައުމުގެ ޑިޕްލޮމެޓިކް އުކުޅުތައް ބޭނުންކުރާނެއެވެ. ދަތިކަމަކީ އެންމެ މޮޅު ވަކީލުން ތިބީ ކޮން ފަޅިއެއްގައިތޯ ބެލުމެއް ނޫނެވެ. ހަޤީޤަތަކީ، ބައިނަލްއަޤްވާމީ ޤާނޫނުގެ ނިޒާމަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އަދި ބޮޑެތި ބާރުތައް ކަމަށް ގަބޫލުކުރާ ގައުމުތަކުގެ މަސްލަހަތަށް ބުރަވެ ނިންމުންތައް ނިންމާ ނިޒާމެކެވެ. ދިވެހިރާއްޖޭގެ އިންސާފުގެ މަސްރަޙުގައި ވެސް، ”އިންޑިއާ އައުޓް“ ހަރަކާތުގެ ބާނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެސް ޤާބިލް ވަކީލުންގެ ޓީމަށް އެމަނިކުފާނު މިނިވަންކުރެވޭނެކަމަށް ގަބޫލުކުރި ނަމަވެސް، ބޭރުގެ ނުފޫޒުވެރި ބާރުގަދަ ގައުމުތަކުގެ ބާރާއި ފިއްތުންތަކާހުރެ އެ ވަކީލުންނަށް ކާމިޔާބެއް ނުލިބުނު ފަދައިންނެވެ.

އެ ބީދައިން، ކުރިއަށް އޮތް ތަނުގައި ދިވެހީންނާ ދެކޮޅަށް އެތައް އޮޅުވާލުންތަކަކާއި، ”ބެކްޑޯރ ޕޮލިޓިކްސް“ގެ އެތައް މިސާލެއް އިންޑިއާގެ ފަރާތުން ފެންނާނެއެވެ. އިންޑިއާގެ އަތްދަށުގައި އޮތް ބޮޑު ކޮންޒިއުމާ މާކެޓުގެ ބޭނުންކޮށްގެން އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމަށް އިންޑިއާއިން މަސައްކަތްކުރާނެ ކަމަށް ބެލެވޭއިރު، މީގެތެރޭގައި ސައުދީ އަރަބިއާ ފަދަ މުސްލިމް ގައުމުތަކުން ވަކިކޮޅަކަށް ނުޖެހި ތިބުމަށް ބާރު އަޅާނެކަމަށް ބެލެވެއެވެ. އެމެރިކާ ފަދަ ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ތާއީދު މިހާރުވެސް އޮތީ އިންޑިއާއާއި އެކުގައެވެ.

ހުޅަނގުގެ ބާރުތަކުގެ ތާއީދު މިހާ މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ މިފަދަ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނީ ވުޒާރާތަކާއި، އެ ޤާނޫނީ ނިޒާމުގެ މައްޗަށް އޮންނަ ނުފޫޒެއްގެ ބޮޑުކަމުންނެވެ. އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އެކުވެރި ދައުލަތްތަކުގެ އާންމު ބައްދަލުވުމުގެ ރައީސްކަމުގެ މަގާމު ކަށަވަރުކުރެވުނީވެސް މިފަދަ ބެކްޑޯރ ޕޮލިޓިކްސްގެ ބޭނުންކޮށްގެންނެވެ.

އިންޑިއާ އަސްކަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމަށް ކުރާ ތާއީދު އަނބުރައި ގެންދިޔުމަށް ދުނިޔޭގެ ބާރުތަކަށް ވިސްނައިނުދެވިއްޖެނަމަ، ދިވެހީން މުށުތެރެއަށް ލައި ދާނީ ފިއްތަމުންނެވެ.

އެހެން ގައުމުތައް ލޮބީކުރުމުގެ މަސައްކަތަށް ބޭރުގެ ޕީއާރް ފާމެއް އައްޔަނުކޮށްފިނަމަ ދައުލަތުގެ ޑޮލަރާއި ޔޫރޯގެ ފަނޑުތައް ހުސްވެދާނެއެވެ. ސިޔާސީ މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމުހުރި ދިވެހީން ހޯދައި އެފަރާތްތަކުގެ ބޭނުން ހިފުމަކީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތެވެ. އަދި ކުރީގެ ޚާރިޖީ ވަޒީރަށްވުރެ ޒިންމާދާރު އެފަދަ އެހެން ފަރާތްތައް ހޯދަން އެބަޖެހެއެވެ. ”ކުރީގެ“ ވަޒީރޭ ބުނާ ސަބަބަކީ، ޝާހިދަކީ ތައުލީމީ ބޭފުޅެއް ނަމަވެސް ދިވެހި ސިޔާދަތައް ގަސްތުގައި ގެއްލުންދިނުމަށް އެތައް މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވާތީއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ފަރާތުން ”ފްރެންޑްސް އޮފް ޕަލަސްޓައިން“ އާއި ހަވާލުވެ ހުންނަވާ މުޢާދް ޒަކީގެ އެހީ ހޯދިދާނެއެވެ. އެއްވެސް ސަރުކާރެއްގެ ސިޔާސީ މަގާމެއް އަދި ފުރުއްވާފައި ނުވިނަމަވެސް، މުއާދްއަކީ އިންޓަރނޭޝަނަލް ލޮބީއިންގްގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، ހުޅަނގުގެ ސިޔާސީވެރީންނާއި، މުސްލިމް ވެރީންގެ ކުރިމަތީގައި އަބުރުވެރި ޝަހްސެކެވެ.

އިންޑިއާގެ ި މައްސަލައަކީ ޑިއޭގޯ ގާރސިއާ މައްސަލައިގެ ވެސް މަސްލަހަތު އޮތްކަމަކަށްވީއިރު، އެއީ ދިވެހީންގެ ތަނެއްކަމަށް ބައިނަލްއަޤްވާމީ ކޯޓުތަކުން ނިންމައިފިނަމަ، އެމެރިކާގެ އަސްކަރީ ބޭސް ހިންގުމުގެ ހުއްދަ ދީގެން ޑިއެގޯ ގާރސިއާ މެދުވެރިކޮށް އަހަރެއްގެ މައްޗަށް އެތައް މިލިއަން އެމެރިކާ ޑޮލަރު ދިވެހި ދައުލަތުގެ އާމްދަނީގެ ތެރެއަށް އިތުރުކުރެވޭނެއެވެ.

އެހެންކަމުން، ރައީސް ޞާލިޙްގެ ނަޒާހަތްތެރިކަމެއް ނެތް ކޮރަޕްޓް ސަރުކާރުގެ ސަބަބުން ފައިސާތަކެް ގެއްލުނުނަމަވެސް، ތަދުބީރީގޮތެއްގައި ބައިނަލްއަޤްވާމީ ސިޔާސީ ގޭމްކުޅެފިނަމަ، އެހެނިހެން ގޮތްގޮތުން ގެއްލުނު މާލު އަނބުރާ ހޯދިދާނެއެވެ.

ހަނދާން ބަހައްޓަންވީކަމަކީ، ދިވެހި ކޮންމެ ފަރުދެއް މިއަދު ކުރި ބުރަ މަސައްކަތެވެ. އަދި ވަރުގަދަ، މިނިވަން މުސްތަގުބަލެއްގެ ތަޅުދަނޑިއަކީ ދިވެހީންގެ ސިޔާދަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް