މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު, އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންގޮސްދޭނަން: ނަޝީދު

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް 5އަހަރުގެ ދައުރަށް އިންތިޚާބުކުރި ޑރ.މުޙައްމަދު މުޢިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ދެއްވައިފިއެވެ.

އިންތިޚާބީ ރައީސް މުޢިއްޒާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެކަން ކޮށްދެއްވާނެ ކަމަށާއި އާ ސަރުކާރަށް މަޖިލީހުގެ އިދާރާއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށެވެ.

ގާނޫނުއަސާސީގެ 114ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާ ކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލަސާއެއްގައެވެ.

އެ ޖަލްސާ ނޮވެމްބަރ މަހުގެ 17، 2023 ވާ ހުކުރުދުވަހުގެ ބޭއްވުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާކަމަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ ބުނެފައެވެ.

މަޖިލީހުގެ އިދާރާގައި މުޢިއްޒާއި ނަޝީދު މިއަދު ބޭއްވި ބައްދަލުވުމަށްފަހު މުޢިއްޒު ވިދާޅުވީ އެއީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި ސަރުކާރު އެކުލަވާލުމާއި އެމަނިކުފާނު ހުވާކުރެއްވުމާއި އަދި އެހެން ހުރިހާ މަރުހަލާއެއްގައި މަޖިލީހުގެ ދައުރު ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވި ކަމަށެވެ.

“ މެޖޯރިޓީ ލީޑަރު ވެސް މައިނޯރިޓީ ލީޑަރު ވެސް އެބޭފުޅުންގެ ފަރާތްޕުޅުން ޒިންމާދާރު އޮޕޮސިޝަނެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެކަމުގެ، ގައުމު މަސްލަޙަތު އިސްކޮށްގެން“ މުޢިއްޒު ވިދާޅުވިއެވެ.

މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވީ ރިޔާސީ އިންތިޚާބުގެ ބޮޑުކާމިޔާބީއާއެކު އިންތިޚާބީ ރައީސް މުޢިއްޒާއި މަޖިލީހުގެ ރައީސް ނަޝީދު ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ބައްދަލުވުމުގައިވެސް އިންތިޚާބީ ރައީސް މުޢިއްޒު ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކޮށްދިނުމަށް އެމްޑީޕީއަށް ގޮވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް