ރޮނާލްޑޯގެ ދެގޯލާއިއެކު ޖުވެންޓަސްއަށް ޕޮއިންޓެއް!

Loading

Facebook
Twitter
WhatsApp
   އިޓަލީގެ ސީރީއޭ ލީގުގައި ރޭ ޖުވެންޓަސްއާއި ރޯމާ ބައްދަލުކުރި މެޗް 2-2 ގެ ނަތީޖާއަކުން ހަމަ ހަމަވެއްޖެއެވެ.
     މެޗްގެ ފުރަތަމަ ހާފް ފެށިގެން ކުރިޔަށް ދިޔައިރު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަ ހަމަ ކުޅުމެކެވެ. ދެޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. މިމެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑްނެގީ ރޯމާއަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޖ.ވެރެޓައުޓްއެވެ. ރޯމާގެ ގޯލަށްފަހު ޖުވެންޓަސްއިން ކުޅުން ރަނގަޅުކޮށް ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މެޗްގެ 44 ވަނަ މިނިޓުގައި ޖުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭރިއާގެ ތެރެއަށް ހަލުވިކަމާއިއެކު ވަދެގެން ދާން އުޅުމުގެ ތެރޭގައި ރޯމާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަޖެހުމުގެ ސަބަބުން ޖުވެންޓަސްއަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނެލްޓީ ގޯލަށް ފޮނުވާލައިގެން މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ވެސް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.  އެގޯލަށް ފަހު ކުޑަވަގުތު ކޮޅެއް ފަހުން އަނެއްކާވެސް ރޯމާއިން މެޗްގެ އޮއެވަރު ބަދަލު ކޮށްލިއެވެ. ޖުވެންޓަސްއަށް ލިބުނު ހިލޭ ޖެހުމެއް ރޯމާގެ ޑިފެންސްއިން ދިފާޢުކޮށް ކުރިޔަށް ދިން ބޯޅަޔަށް، ހަލުވި ކައުންޓަރ އެޓޭކަކަށް ރޯމާގެ ތިން ފޯވާޑުން އެރިއެވެ. އެ ކައުންޓަރ އެޓޭކް ވަރަށް ފުރިހަމަ ކަމާއިއެކު ނިންމާލީ ރޯމާގެ ޖ.ވެރިޓައުޓްއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ މިގޯލާއިއެކު ރޯމާ ކުރީގައި އޮވެގެންނެވެ.
      ދެވަނަ ހާފްގައިވެސް ދެޓީމުން ވަނީ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ. މިހާފްގައި ރޯމާއަށް ލިބުނު ހުސް ފުރުސަތުތައްވެސް ވަނީ ބޭނުން ނުހިފި ބޭކާރުވެފައެވެ. މިހާފްގައި ފެނުނު ހަމަ އެކެނި ގޯލް ކާމިޔާބު ކޮށްދިނީ މެޗްގެ 69 ވަނަ މިނިޓުގައި ޖުވެންޓަސްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިގޯލަކީ ރޮނާލްޑޯގެ ބޮލުން ޖެހުމުގެ ހުނަރު ދައްކާލި ގޯލެކެވެ. މިއީ އޭނާގެ ކެރިއަރުގައި ބޮލުން ކާމިޔާބު ކުރި 130 ވަނަ ގޯލެވެ. ރޮނާލްޑޯގެ މިރޭގެ ދެގޯލާއިއެކު ޖުވެންޓަސްއަށް ޖުމްލަ 67 ގޯލް އޭނާވަނީ ހަމަކޮށްދީފައެވެ.
      މިމެޗުން ދެޓީމަށް ލިބުނު ޕޮއިންޓާއިއެކު ޖުވެންޓަސް އޮތީ 4 ޕޮއިންޓާއިއެކު ޓޭބަލްގެ 4 ވަނައިގައެވެ. އަދި ރޯމާ އޮތީ ޓޭބަލްގެ ތޭރަ ވަނައިގައެވެ. މިވަގުތު ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓާއިއެކު ނަޕޯލީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް