ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ -2

141

ކުރީގެ ޢަދަދާއި ގުޅޭ ….

https://sandhaanu.today/3145/

ވެރިކަމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ތަރަފުގެ ދިރިއުޅުން ދެމެހެއްޓުމެވެ. މީގެ އިތުރުން، އިޖުތިމާއީ އެތައް ބަލިތަކެއް ވެސް އޮތީ ފެތުރިފައެވެ. ސަރުކާރުގެ އިދާރާތަކުގައި ރިޝްވަތާއި ފަސާދަ އޮތީ އަށަގެންފައެވެ. ތަނުގެ ޝަރުއީ ނިޒާމު އޮތީ ހަލާކުވެފައެވެ. ގާޒީންނަށް ރިޝްވަތު ދީގެން މައްސަލައްތައް ނިންމުމުގެ ފަސާދައެވެ. ގާތް ތިމާގެ މީހުން ކުށްކުރުމުން ކުށްވެރިނުވުމުގެ ފަސާދައެވެ. މަސްތުވާތަކެތީގެ ވަބާ ވެސް އޮތީ އާންމު ވެފައެވެ. ގާތްތިމާގެ ކަމާއި ރައްޓެހިކަމުގެ ތަރާދުން ކިރައި ސަރުކާރުގެ އިސް ވަޒީފާތައް ބަހާލުމުގެ ސަގާފަތް ވެސް އޮތީ އާންމު ވެފައެވެ. ދައުލަތުގެ ބައިތުލްމާލު އޮތީ ‘ގާނޫނީ ސިފަލިބިގެން’ ވެރިޔާ ބޭނުންފުޅުވާ ގޮތަށް، އެއާ މެދު ކަންތައް ކުރެވޭ ގޮތަށް ހަމަ ޖެހިފައެވެ. ‘ގަނޑުވަރުގެ’ ޚަރަދުތަކުތެރޭގައި ރައީސް ބޭނުންފުޅު ކޮންމެ ކަމެއް ވެސް ހިމަނާލެވޭ ގޮތަށެވެ. އަދި، ހަމަ މިފަދަ ގޮތެއްގައި، ދައުލަތުގެ މުދަލާއި ފައިސާއާ ކުޅެވޭ ގޮތަށް، ވެރިޔާގެ އާއިލީ ބައެއް ވެރިންނަށް ވެސް ކަންތައްތައް އޮތީ ހަމަޖެހިފައެވެ.

މިފަދަ ހާލަތެއްގައި ރާއްޖެ އޮތުމުން، 2008ގައި، އިދިކޮޅު ހުރިހާ ޕާޓީތަކުގެ އެދުމަކަށް ވެފައި އޮތީ، އޭރު އޮތް ސަރުކާރު، އާދެ، ރައީސް މައުމޫނުގެ އިސްތިބްދާދީ ވެރިކަން، ނިމުމަކަށް ގެނައުމެވެ. މިކަމުގެ ޒާތަށް ބަލާލާއިރު، މިއީ ހަމަ އެންމެ ރަނގަޅު ކަމެކޭ ބުނެވިދާނެއެވެ. އިތުރު އެއްވެސް ހެވެއް އެވެރިކަމުން ދެން، ލިބެން ނެތް ވެރިކަމަކީ އެކަމަށް ނިމުން ގެނައުން ހަމަ އެންމެ ރަނގަޅު ކަމަކަށް ވާތީއެވެ. އަދި ގުދުރަތީ ސުންނަތުގެ، ނުވަތަ ގުދުރަތުގެ ގާނޫނުގެ ވެސް، ނިޔާއަކީ މިއެވެ.

ނަމަވެސް، މިވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، ގައުމު ބިނާކުމުގެ ފިކުރެއް، އިދިކޮޅު ޕާޓީތަކަކުން ހުށަހަޅާއެއް ނުލައެވެ. ގައުމަށް ކުރިމަތިވެފައ އޮތް މައްސަލަތައް ހައްލުކޮށް، އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެ، ގައުމާއިގެން ކުރިއަށްދާނޭ ސިޔާސަތުތަކެއް އެ ޕާޓީތަކަކުން ހުށަހަޅާއެއް ނުލައެވެ. އެންމެންގެ ވެސް ހަމައެކަނި އަމާޒަކަށް ވެފައި އޮތީ ވެރިކަން ބަދަލުކުރުމެވެ. މިއަމާޒަކީ ހަމަ އެކަނި ޕާޓީތަކުގެ އަމާޒެއް ވެސް ނޫނެވެ. 2008ގައި ވަރަށް ގިނަ މުވާތިނުންގެ ވެސް އެދުމަކަށް ވެފައި އޮތީ ހަމަ މިއެދުމެވެ. 30އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމެވެ. ދެން، އެއަށް ފަހު، ގައުމާއިގެން ކުރިއަށްދާނީ ކިހިނެއްތޯއާއި ގައުމަށް ކުރިމަތިވެފައި އޮތް މައްސަލަތައް ހައްލުކޮށް އަލުން ގައުމު ބިނާކުރުމުގެ މަސައްކަތް ކުރާނީ ކިހިނެއްކަމީ، އޭގެ މައްޗަށް ވިސްނާ ފިކުރުކުރަން ޖެހުނު ކަމަކަށް ނުވިއެވެ.

ދެން، ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ 30 އަހަރުގެ ވެރިކަމާއި ދެކޮޅަށް އިއްތިހާދުވެވެނު އިއްތިހާދުން، 2008ގައި އިންތިޚާބު ކާމިޔާބުކުރުމެވެ. ނަމަވެސް، އެއަށް ފަހު، އިއްތިހާދު ރޫޅެން ދިމާވިއެވެ. ތަފާތު ކުލަތަކުގެ އިއްތިހާދު އެއް ކުލައަކަށް ބަދަލުވެގެންދާ ތަން ފެނުނެވެ. ޖޯޖު އޯވެލްގެ އެނިމަލް ފާމު، (ޖަނަވާރުންގެ ދަނޑު) މި ފޮތުގައި، ދަނޑުން އިންސާނާ ބޭރުކުރެވި، އޫރުގެ ވެރިކަމެއް ގާއިމުކުރެވި، މާގިނަ ދުވަހެއް ނުވެ، އޫރަށް، އިންސާނީ ސޫރަ ލިބިގެން ދިޔަފަދައިންނެވެ. އާދެ، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ އުސޫލުގެ މަތިން އިންތިޚާބު ބޭއްވި، ވެރިކަމާ ހަމައަށް ބަޔަކަށް އާދެވުމުން، ޑިމޮކުރަސީގެ އުސޫލުގެ މަތިން އެމީހުން ހަނދާންނެތުނެވެ. ދެން، ހަމަ ކުރީގެ ތިރީސް އަހަރުގައްޔާއި އަދި، އޭގެ ކުރިން ވެސް ރާއްޖޭގައި އަށަގެންފައި އޮތް، އިސްތިބްދާދީ ސިޔާސީ ސަގާފަތަށް ކާމިޔާބު ލިބުނެވެ. ސަރުކާރުގެ ހުރިހާ ވަޒީރުންނަށް އިސްތިއުފާދޭން އަންގައި، ވެރިޔާ ބޭނުން ގޮތަކަށް ކަންތައް ކުރެވޭ ގޮތް ހަދަން މަސައްކަތްކުރެވެން ފެށުނެވެ. އާދެ، ކުރީގެ އިސްތިބްދާދީ ވެރިކަމުގެ ބަދަލުގައި އާ އިސްތިބްދާދީ ވެރިކަމެއް ގާއިމު ކުރެވުނީއެވެ.

ދެން ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ ވެރިކަމާއި ސިޔާސީ ސަގާފަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ވެރިކަމުގައި ހުންނެވި ބޭފުޅާއަށް ހީފުޅުވެވަޑައި ގަތީ ހުރިހާ ކަމެއްގެ މޮޅު ގޮތް އެނގިވަޑައި ގަންނަވާނީ ހަމަ އެކަނި އޭނާއަށް ކަމެވެ. އޭނާއަށް ތާއީދުކުރައްވާ މީހުންގެ ނަޒަރުގައި ‘އޭނާ ކަންތައް ކުރައްވާނީ ރަނގަޅަށެވެ.’ އާދެ، ކުރިން ވެސް އޮތް އިސްތިބްދާދީ ވެރިވެރިކަމުގައި ކަންތައް އޮތް ގޮތެވެ. އެހެންވެ، އޭނާ ބޭނުންފުޅުވެވަޑައިގަތް ގޮތަކަށް ކަންތައްތައް ކުރައްވަމުން ގެންދެވިއެވެ. ގަވާއިދުތަކާއި ގާނޫނުތަކަށް ވެސް ބެއްލެވުމެއްނެތިއެވެ. އިސް ވަޒީފާތައް ދެވެމުން ދިޔައީ ހަމަ ކުރިއެކޭ ވެސް އެއްފަދައިން ގާތް ތިމާގެ މީހުންނަށް ނޫނީ ރައްޓެހިންނަށް އިސްކަން ދެވިގެންނެވެ. އެ މީހުންގެ ކިބައިގައި އެމީހުންނާ ހަވާލުކުރެވޭ ވަޒީފާތައް އަދާކުރުމުގެ ގާބިލުކަމެއް ނެތް ކަމުގައި ވިޔަސް ވެހެވެ. ގޯތި ގެދޮރު ދިނުމުގައި ވެސް ސިޔާސީ ވަކި ޕާޓީގެ މެމްބަރުންނަށް އިސްކަން ދެވޭނޭކަން އިއުލާނުކުރެވުނެވެ. އާންމުންގެ ސިޔާސީ ސަގާފަތް ވެސް އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށެވެ. ވެރި މީހާއަށް ތާއީދުކުރުމާއި ނުކުރުން ބިނާވެފައި އޮތީ، ބުއްދީގެ މީޒާނުން ވެރި މީހާގެ އަމަލުތައް ކިރައި، ރަނގަޅު ނުރަނގަޅު ކަނޑައަޅާލައިގެންނެއް ނޫނެވެ. ތިމާއަށް ލިބޭ ޒާތީ ފައިދާއެއްގެ މައްޗަށް ބިނާކޮށެވެ. މީގެ އިތުރުން، ތަނުގެ ދުވަސްވީ އާދަކާދަކާދަތަކާއި އާންމު މީހުންގެ ރައުޔަށް ވެސް ބެލުމެއް ނެތި، ކަންތައްތައް ކުރެވެން ފެށުމުން، 2008ގައި އިންތިޚާބުވި ސަރުކާރު ވެއްޓި ނިމިގެން ދިޔައީ އެންމެ އެދެވޭ ގޮތެއްގައެއް ނޫނެވެ. އެއްބަޔަކު ދުށް ގޮތުގައި، ޣައިރު ގާނޫނީ ސިފައެއްގައެވެ. އާދެ، އިންގިލާބަކުންނެވެ. އަނެއް ބަޔަކު ދުށް ގޮތުގައި، ވެރިކަންކުރުމާއި މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރު ނެތުމާއި ތަނުގެ އާދަކާދައާއި އަގުތަކަށް އިހުތިރާމުކުރުމެއް ނެތި، އަދި، ތަނުގެ ޚާއްސުންނާއި އަދި އާންމުންގެ އެތައް ބަޔަކު އެކަމާ ނުރުހުނު ބައެއް ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ވެރިޔާއަށް އިސްތިއުފާދޭން މަޖުބޫރުވީއެވެ. މިކަމުގައި ހައްގު ގޮތަކީ ކޮބައިކަން ބެލުމަކީ މި ލިޔުމުގެ މަގުސަދެއް ނޫނެވެ. މި ލިޔުމުގެ މަގުސަދަކީ، ނަފުރަތާއި ފަނާކުރުވަނިވި ފިކުރުގެ މައްޗަށް ބިނާވާ ގުޅުމަކީ ދެމި އޮންނާނޭ ގުޅުމެއް ނޫންކަން ފާހަގަކުރުމެވެ. އަދި މިފަދަ ގުޅުމެއްގެ މައްޗަށް ގައުމު ބިނާ ކުރުމަކީ ނުވާނޭ ކަން ބަޔާންކުރުމެވެ. މިކަން، 2008ގައި ގާއިމުވެގެން ދިޔަ އިއްތިހާދީ ވެރިކަން ދާދި އަވަހަށް ރޫޅި، 2012ގައި އެވެރިކަން ވެއްޓި ދިޔުމުން، ވަރަށް ސާފުކޮށް ފެނިގެން ދިޔައެވެ.

ދެން، 2013ގެ ރިޔާސީ އިންތިޚާބުގައި ވެސް ހަމަ މިކަން ފެނުނެވެ. މި އިންތިޚާބުގައި ވެސް އިއްތިހާދެއް އުފެދުނެވެ. މިފަހަރުގެ އިއްތިހާދުގެ މަގުސަދަކަށްވީ 2012ގައި ވެއްޓުނު ވެރިކަން އިއާދަވެ ނުދިޔުމެވެ. އެގޮތް މިގޮތް ހަދައިންގެން، މި މަގުސަދު މި އިއްތިހާދަށް ވެސް ހާސިލުކުރެވުނެވެ. ނަތީޖާއަކީ ހެއްޔެވެ؟ ދާދި އަވަހަށް އިއްތިހާދު ރޫޅިގެން ދިޔުމެވެ. މިއިއްތިހާދު ކާމިޔާބު ހޯދައި ދިނުމުގައި މުހިއްމު ރޯލުތަކެއް އަދާކުރި މީސްމީހުން އިއްތިހާދުން ވަކިވެ، އެ އިއްތިހާދާ އިދިކޮޅުވެސް ވުމެވެ. މިހެން ވުމުގެ ސަބަބަކީތޯއެވެ؟ އެއްކޮޅުން އިއްތިހާދުގެ ބޭނުމަކަށް އޮތީ ގައުމުގެ މަސްލަހަތު އިސްކުރުމެއް ނޫނެވެ. މައިގަނޑު މަގުސަދަކަށް އޮތީ ވަކި މީހަކު ވެރިކަމަށް އަޔަ ނުދިނުމެވެ. ދެން، ތިމާ ބޭނުންވާ މީހަކު ވެރިކަމަށް އައުމުން، ތިމާ ބޭނުންވާ ގޮތަކަށް، ސަރުކާރުގެ އިސް ވަޒީފާތަށް ހަމަޖެހިގެން ދިޔުމެވެ. އިއްތިހާދު ކާމިޔާބުކޮށް ދިނުމުގައި މަސައްކަތްކުރި ބައެއް އިސްވެރިން، އިއްތިހާދު ކާމިޔާބުވުމުން ބޭނުންވީ، އެމީހުންގެ ދަރިދަރިންނަށް، ނުވަތަ ގާތް މީސް މީހުންނަށް ސަރުކާރުގެ ވުޒާރާތައް ހަވާލުކޮށް އިސް ވަޒީފާތައް ދިނުމެވެ. އަދި، ކުރިއަށް އޮތްތާގައި، އެ ދަރިދަރިންގެ ތެރެއިން މީހަކު ވެރިކަމަށް އަންނާނޭ މަގު ވެސް ފަހިވާ ގޮތް ހެދުމެވެ. ދެން، އެންމެ އެދެވޭ ގޮތަށް މިކަންކަން ނުވުމުން އިއްތިހާދު ރޫޅި، އިއްތިހާދުގެ ބައިވެރިން 2013ގައި ގާއިމުކުރެވުނު ވެރިކަމާ ދެކޮޅުވީއެވެ. އަދި، ކޮންމެ ގޮތެއް ހަދައިގެން ވިޔަސް، އެ ވެރިކަން ވެސް ވައްޓާލުމުގެ މަސައްކަތް ފެށުނީއެވެ. ބޭރުގެ ބާރުތައް ތަނުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވައްދައި، ރިޝްވަތު ދީގެން ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނާއި އަދި، ކޯޓުތަކުގެ ގާޒީންވެސް ގަނެގެންނެވެ. މިއީ ތިމާގެ ދީންވެރިކަން ނޫނީ ތިމާގެ އާންމު އަޚުލާގީ މިންތައް މަނާކުރާކަމެއް ކަމުގައި ނުވިއެވެ.

ދެން އައީ 2018ގެ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ވެސް، ފެނިގެން ދިޔައީ ހަމަ ނަފުރަތުގެ މައްޗަށް ބިނާވި އިއްތިހާދެކެވެ. މަގުސަދަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ކުރީގެ އާދަކާދައިގެ ވެސް މަތިން، އޭރު އޮތް ސަރުކާރު ވައްޓާލުމެވެ. މިކަން ކުރުމަށް އެހީވެދިން ސަބަބުތަކެއް ވެސް ހުއްޓެވެ. ސަރުކާރުގައި ފަސާދައިގެ ހަރަކާތްތައް ކުރިއަށް ވުރެވެސް ބޮޑަށް އަށަގަނެ، ފާޅުގައި މިކަން ކުރުމެވެ. މީސްމީހުންގެ ‘ވަފާތެރިކަން’ ގަނެވިއްކުމުގެ ވިޔަފާރި އާންމުވެ، އެއީ ތިމާގެ ޒަމީރު މަނާކުރާކަމަށް ނުވުމެވެ. އަދުލު އިންސާފުގެ ނިޒާމު، ގޯހުން ގޯހަށް ގޮސް، ހަލާކުވެ ދިޔުމެވެ. ގާތް ތިމާގެ މީހުންގެ ކުށަކީ ކުށަކަށް ނުވުމެވެ. މިސާލަކަށް ޕެންޝަން ފަންޑާ ބެހޭ އޮފީހުގެ އިސް މުވައްޒަފަކު ލައްކައިން ރުފިޔާ ނަގައި، ޚިޔާނަތްތެރިވުން އެއީ ކުށްވެރިވާ ކަމަކަށް ނުވިއެވެ. އަދި، ވެސް މިނޫންވެސް، ޚިޔާނާތުގެ ބޮޑެތި ބޮޑެތި މައްސަލަތަކެވެ. މީގެ އިތުރުން، ވޯޓަކީ މުޅިންހެން ގަނެ ވިއްކޭ އެއްޗަކަށް ވުމެވެ. މިފަދަ އެތައް ސަބަބުތަކެއް ހުރުމާއެކު، 2018ގައި، އޭރު އޮތް ސަރުކާރާއި އިދިކޮޅު އިއްތިހާދެއް އުފައްދައި، ރިޔާސީ އިންތިޚާބު މެދުވެރިކޮށް، އެ ސަރުކާރު ނިމުމަކަށް ގެނަވުނެވެ. މިކާމިޔާބު ބިނާވީ އިދި ކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ގާބިލުކަމުގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރި އިދާރީ ތަޖުރިބާއާއި ގައުމުގެ އިގުތިސާދު ކުރިއަށް ގެންދާނޭ ގޮތަކީ ކޮބައިކަން އޭނާއަށް އެނގިފައި އޮތުން ދެނެގަނެގެންނެއް ނޫނެވެ. މިއިން އެއްވެސް ކަމަކީ އެކަންކަމުގެ މައްޗަށް ބަލަން ބޭނުންވި ކަމަކަށް ނުވިއެވެ. ހުރިހާ ވެސް ބޭނުމަކީ ސަރުކާރު ބަދަލުކޮށްލުމެވެ. އެހެންވެ، އިދި ކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ‘ހިމާރެއް’ ކުރިމަތި ލިޔަސް، އެ ހިމާރު އިންތިޚާބު ކާމިޔާބު ކުރީހެވެ. މިއިބާރާތަކީ ބައެއް މީހުން ފާޅުގައި ބޭނުން ކުރި އިބާރާތެކެވެ. ސަބަބަކީތޯއެވެ؟ އިއްތިހާދުގެ އަމާޒަކީ ވެސް، އަދި، ގިނަ މުވާތިނުންގެ އަމާޒަކީ ވެސް، އޭރު އޮތް ސަރުކާރު ނެތިކޮށްލުމެވެ. އެހެންވެ، އިދި، ކޮޅު ކެންޑިޑޭޓަކީ ހިމާރެއްތޯ ނޫނީ ގަމާރެއްތޯ ބެލުން މުހިއްމުނުވީއެވެ! އަދި، ދެން އަންނަ ސަރުކާރު ކަންތައް ކުރާނީ ކިހިނެއްކަމާ މެދު ބަލަން ބޭނުންނުވީއެވެ. އާދެ، ނަފުރަތުގެ ފަނާކުރުވަނިވި ފިކުރުގެ މައްޗަށް ގާއިމުވާ އިއްތިހާދުގެ ނަތީޖާއެވެ! އެކަމުގެ ދުރުވިސްނުން ފޯރާ އެންމެ ދުރުމިނެވެ!

އާޚިރު ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ މިކަމުގެ ދެރަ، ރައްޔިތުން އުފުލަން ޖެހުމެވެ. ކަންތައްތައް ހަމަ ކުރިންވެސް އޮތް ގޮތުގައި އެއްވެސް ހެޔޮ ބަދަލެއް ނައިސް އޮތުމެވެ. ފަސާދައިގެ ސަގާފަތް ބަދަލު ނުވެ، އެކަމަށް އިތުރަށް ދިރުން ލިބިގެން ދިޔުމެވެ. އެއް ބަޔަކު އަނެއް ބަޔަކު ބަދުނާމުކޮށްކޮށް ތިބުމެވެ. ކުނިވެފައި އޮތް ކިސަޑު ފެންގަނޑެއްގެ ތެރެއަށް މުޅި ގައުމު، މަޑުމަޑުން ގެނބިގެން ދިޔުމެވެ. ކަންކަން ނުކުރެވުމުން، އެކަމުގެ ހަގީގީ ސަބަބުތަކަކީ ކޮބައިކަން ހޯދައި، ކަންކަން ހައްލުކުރަން އުޅުމުގެ ބަދަލުގައި ކުރިން ކަން އޮތީ ވެސް މިހެންނޭ، އެހެންނޭ ކިޔައި، ބަހަނާތައް ދައްކަ ދައްކައި ތިބުމެވެ. ކުރީގެ އުނިކަމަކީ މިހާރުގެ އުނިކަން ފޫބައްދައި އެކަމަށް ފުރިހަމަކަން ގެނެސްދޭ ކަމެއް ކަމަށް ވުމެވެ. މިވެނި މީހެއްގެ ފަސާދައާއި ގުޅޭ މައްސަލައެއް ނުވަތަ ދޯހަޅި ކަމެއް، ފާހަގަކުރެވިއްޖެ ނަމަ، ހަމަ އެފަދަ ސިފަތައް، ކުރިން ތިބި މީހުންގެ ކިބައިގައި ވެސް ހުރިކަން ބުނުމެވެ. އަދި، ކަންތައް އޮތީ ކަންތައް އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތަށްކަމަށާއި އަދި ކަންތައްތައް ކުރެވެމުންދަނީ ވެސް އެންމެ ރަނގަޅަށްކަން ބުނެދޭން ދައްކަން އޮތް މޮޅު ހުއްޖަތަކީ، ކުރީގައި ވެސް އޮތީ ފަސާދައާއި ވައްކަމާއި ހިތުހުރި ގޮތަކަށް ކަންތައް ކުރުންކަން ބުނުމެވެ.

ދެން މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ މިކަމުގެ ހައްލު އޮތީ ރައްޔިތުންގެ އަތް މަތީގައެވެ. އެންމެ ފުރަތަމަ، ރައްޔިތުން ހޭލުންތެރިވާންވީއެވެ. ރައްޔިތުންނަކީ އެމީހުން ތާއީދުކުރާ މީހުންނަކީ ކުދިކުދި ކަލާނގެތަކަކަށް ހަދާ ބަޔަކަށް ނުވާންވީއެވެ. އަދި، ވެރިންގެ ފާރަވެރިންކަމުގައި ރައްޔިތުންވާންވީއެވެ. ވެރިންނަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ދިފާއުކުރަން ތިބޭ ބައެއްކަމުގައި ހެދުމަށް ރައްޔިތުން މަސައްކަތްކުރަންވީއެވެ. މިކަން ކުރެވޭނީ، އެންމެ ފުރަތަމައިން ވޯޓުވިއްކުން ހުއްޓާލައި، ވެރިންނަށާއި ރައްޔިތުން ތަމްސީލުކުރުމަށް ގާބިލު މީހުން ހޮވައިގެންނެވެ. އަދި، އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ހިސާބުން، ގައުމުގެ ޖަމާއީ ހަޔާތުގައި ބައިވެރިވުން ނިންމާނުލައި، ވެރިންގެ އަމަލުތަކަށް ބެލުމުގައި ރައްޔިތުން ފާރަވެރިވެ ތިބެގެންނެވެ. އަދި، އެ އަމަލުތަކުގެ މައްޗަށް ބުރަވެ ހުރެ، އެމީހުންގެ އަގު ވަޒަންކޮށް، އެމީހުން މަސްއޫލުވެރި ކުރުވަން ދަސްކޮށްގެންނެވެ. ވެރިކަމުގެ އިސް ސަފުގައި ހިމެނުމުން، އެމީހުން ދައްކާ ކޮންމެ ވާހަކައަކީ، އޭގެ މައްޗަށް ބުއްދީގެ ނަޒަރުން ނުބަލައި، ކަމުދާ ރަނގަޅު ވާހަކަތައް ކަމުގައި ކަނޑަނާޅަންވީއެވެ. މިފަދަ ހޭލުންތެރި ރައްޔިތެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދިއްޖެ ނަމަ، ނަފުރަތާއި ފަނާވަނިވި ފިކުރުގެ މައްޗަށް ބުރަވެ ތިބެ، ވަކި ބަޔަކު ނުވަތަ ވަކި މީހަކު ވެރިކަމަށް ނުގެނައުމައްޓަކާ، އަޅުގަނޑުމެންގެ އިގުތިސާދު، އެބަޔެއްގެ އަތްމަތީ އެއް ފަހަރު، ހަލާކުވެ ދިޔަ ބައެއްގެ އަތް މައްޗަށް، ދެވަނަ ފަހަރަށް، އެމީހުންގެ އަތް މަތީގައި ގައުމުގެ އިގުތިސާދު އަނެއްކާވެސް ހަލާކުވެ ދިޔުމައްޓަކައި އެމީހުންނާ ވެރިކަން ހަވާލެއް ނުކުރާނެއެވެ. އަދި، ހަމަ ކޮންމެ މީހަކު ވެސް، ވެރިކަމަށް އައުމުން، ހަގީގަތަކަށް ބެލުމެއް ނެތި، އޭނާއަށް ތައުރީފުކޮށް ޚުޝާމަދުގެ ބަސްތަކެއް ނީއްވާނެއެވެ.

ނަމަވެސް، ހިތާމައަކީ އަދިވެސް، މިފަދަ ގޮތެއްގައި ކަންތައް ކުރެވޭ ކަމެވެ. ދާދި ފަހުން ލިޔެވި ޝާއިއުކުރެވުނު ލިޔުމެއްގައި، މިހާރުގެ ރައީސަކީ ދިވެހި ޕަރުލަމާނީ ހަޔާތުގެ މިހާރުގެ އެންމެ އުސް ތަނބުކަމުގައި ފާހަގަކުރެވިފައި ލިޔެވުނެވެ! އެއްވެސް، ޝައްކެއް ނެތް ގޮތުގައި، ލިޔުންތެރިޔާ މިހެން ލިޔުނީ، އެހެން ލިޔަން، މަޖުބޫރުކުރެވިގެންނެއް ނޫނެވެ. ކުރިން އިޝާރަތް ކޮށްލި، އަޅުގަނޑުމެންގެ ތެރޭގައި އޮތް، ބަތަލުންގެ ސަގާފަތުގެ ސަބަބުންނެވެ. އެހެން ނޫން ނަމަ، އަދުގެ ރައީސަށް އެފަދަ މަތިވެރި ލަގަބެއް ދިނުން ހައްގުވާ ރަނގަޅު ސަބަބެއް، ހެއްކާއެކު ލިޔުންތެރިޔާ ބަޔާން ކުރީހެވެ. އެ ލަގަބު، ރައީސަށް އެރުވުމުގެ ހަމަ އެކަނި ސަބަބަކަށް ލިޔުންތެރިޔާ ފާހަގަކުރަނީ ދިގު މުއްދަތެއްގައި މަޖުލިހުގައި ރައީސް އިންނެވުމެވެ. އެތަނަށް ރައީސް ހޮވި ވަޑައިގަތީ ކިހިނެއްކަމާއި އެތަނުގައި އިންނަވައިގެން، ގައުމަށް ފައިދާކުރާނޭ ގޮތެއްގައި ކުރެއްވީ ކޮންކަމެއްކަން، ލިޔުންތެރިޔާއަކަށް ފާހަގައެއް ނުކޮށްދެވެއެވެ. ގިނަ ދުވަހު، ތަނެއްގައި، ކަމެއް ނުކޮށް ވިޔަސް، ދެމިހުރުމަކީ، މަތިވެރިކަމަކަށްވާ ނަމަ، މަޖުލިހުގެ ފާރުތަކާއި ކޮންކުރީޓު ތަނބުތަކަކީ ވެސް އެފަދަ މަތިވެރި ލަގަބުތައް ހައްގުވާ ތަކެއްޗަށް ވީހެވެ! މިވާހަކަ ނަންގަނެލުމުގެ ބޭނުނަކީ، ގައުމުގެ ކަންކަން އިސްލާހުވާނީ، މިފަދަ ބަތަލުން ނޫފައްދައި، ކަންކަމާ ދޭތެރޭ، އިންސާފުވެރި ކަމާއެކު، ފާޑުކިޔުމުގެ ނަޒަރުން ބަލަން ދަސްކުރެވިގެންނޭ ބުނުމެވެ. އަދި، މިގޮތުން މަސައްކަތްކުރެވި، އަޅުގަނޑުމެންގެ ސިޔާސީ ސަގާފަތް ބަދަލުކުރެވިގެނޭ ވެސް ބުނުމެވެ. ހަމަ އެހެންމެ، އާންމު ރައްޔިތުންގެ ވިސްނުން ވެސް ބަދަލުކޮށް، ބިނާކުރަނިވި ފިކުރުގެ މައްޗަށް އެކުލެވޭ ސިޔާސީ ސަގާފަތެއް ވެސް އުފެއްދިގެން ފާހަގަކުރުމެވެ. އެހެން ވުމުން، އަޅުގަނޑުމެންގެ ސިޔާސީ ގުޅުންތައް ބިނާވެފައި އޮންނާނީ ނަފުރަތާއި ފަނާކުރުވަނިވި ގުޅުމުގެ މައްޗަކަށް ނޫނެވެ. އަޅާލުމާއި ބިނާކުރުވަނިވި ފިކުރުގެ މައްޗަށެވެ. ކަންކަމާ ދޭތެރޭ ވިސްނާފިކުރުކޮށް، ކަންކަން ކުރިއަށް ގެންދިޔުމައްޓަކައި އެކުލަވާލެވޭ ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ނަޒަރު ހިންގައި، އެކަމުގެ ރަނގަޅު ނުރަނގަޅުގެ މައްޗަށް ބެލިގެންނެވެ. އަދި، ފޯރުންތެރިކަން ތަންދޭ މިންވަރަކުން، އެ ސިޔާސަތުތަކަށް އަމަލީ ސިފަގެނެވޭނީ ކިހިނެއްތޯ ވެސް ބެލިގެންނެވެ. އިސްކަންދޭންވީ ކަންކަން ފާހަގަކޮށް އެކަންކަމަށް އިސްކަން ދެވިފައިވޭތޯ ވެސް ބެލިގެންނެވެ. ދެއްކުންތެރިކަމާއި އިސްރާފުގެ މަގުން އެއްކިބާވެތިބިތޯ ވެސް ބެލިގެންނެވެ. އަމިއްލަ ނުރަނގަޅު ގޮތްތައް ރަނގަޅުކުރުމައްޓަކައި މާޒީގެ ވާހަކަތައް ދެއްކުން ހުއްޓާލައިގެންނެވެ. މާޒީގެ ވާހަކަ ދައްކަން ޖެހޭނީ މާޒީގެ ކުށްތަކުން އިބުރަތް ލިބިގަނެ، އެކުށްތަކަށް އަރައި ނުގަނެ، އެކުށްތަކާ ދުރުހެލިވުމުގެ މަގުސަދުގައެވެ. މާޒީގެ ނުރަނގަޅު ގޮތްތައް އިސްލާހުކުރުމުގެ ބޭނުމުގައެވެ. އަމިއްލަ ނަފްސަށް އިތުބާރުކޮށް، އަމިއްލަ ކަންކަން އިސްލާހުކުރެވޭނީ އަމިއްލައަށްކަން ދެކި، އަމިއްލަ މީހުންގެ މައްޗަށް ބަރާސޯވެ ތިބެގެންކަން ވެސް ބުނެދީގެންނެވެ. އިރާދަކުރެއްވިއްޔާ މިކަމާ ބެހޭ އިތުރު ސިލްސިލާ ލިޔުމެއް ވަރަށް އަވަހަށް ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

 

4 ހިޔާލުތައް

  1. އަސްތާ އަސްތާ މިއީ ދޯ މިގައުމުގެ ޙާލަތަކީ؟ ރައީސް ނާސިރު ވެރިކަން ދޫކޮށްލައްވާއި މައުމޫނަށް ވެރިކަން ޙަވާލުކުރެއްވުމުންވެސް އެހެރީ އިސްލާމީ ތަޢުލީމުގެ ޙާސިލްކޮށްގެން ހުރި ޢާލިމު މައުމޫނާއި އޭނާގެ ޝެއިޚުންތައް މިގައުމުގައި ފެއްޓީ ޙަސަދަވެރިކަން. ވެރިކަން މުށުދަށުލުމަށް މިކަހަލަ މަގުމަތީ ސަކަރާތް ޖެހުމުގެ ނަތީޖާވަރަށްވެސް ހިތިކޮށްމިފެނިގެން ދަނީ. އެކަކަށްވުރެ އަނެކަކު ނުލަފާކަން ދައްކާއި އެކެއްގެ އަބުރު އެނެކަކު ކަތިލާ ޙަސަދަވެރިކަމުގެ ތެރެއިން ކަލްޓް ސިސްޓަމުގެނެސްގެ ވެރިކަންކުރުން ނިމެންޖެހެއެވެ. އުންމީދަކީ ރައީސް އިބޫ ސޯލިޙުގެ މި ދައުރު އުނދަގުލާއި އެކުގައިވެސް ފިތުނަފަސާދައާއި ދުރުހެލިވެ ހެޔޮގޮތުގައި ނިންމާލެއްވުމެވެ. އަބަދު ދިވެހިން މަގުމަތިން ޖައްސާ ސަރުކާރު ބަދަލުކުރުމުގެ ޚިޔާލާއި ދުރަށްދާމް އެބަޖެހެއެވެ.

  2. މިފަސް އަހަރު ނިމޭއިރު ކަންތައްތަކެއް ރަނގަޅުވާނެކަމަށް ބަލަމާހެއްޔެވެ. ރައިސް އިބޫ މާގިނައިން ބަސްމޮށެ ތަނެއް ނުފެނެއެވެ. އަނގަގަދަ މިތުރުހެނެއް ނޫޅުއްވައެވެ. ވީމާ އުންމީދީ ބެލުމަކުން ހެޔޮހިތުނެ ރައްޔަތުން ބަލައިގަތުން ބުއްދިވެރިއެވެ.

  3. ކޮބާތަ މިހާރު ރިލުވާނުގެ ގާތިލުން. ކޮބާ ޝެއިޚު އަފުރާޝިމްގެ ގާތިލު އަދި ލިޔުންތެރިޔާ ޔާމީނު؟ އިލެކްޝަން ސްލޯގަންތެއްތޯމީ؟؟ ކޮބާ މަރު ކަމިޝަން؟ ހެޔޮވާނީ ކިހިނެއް މީހުންގެ މަރާއި އެ ޢާއިލާގެ މެމްބަރުންނަށް މިހެެން ވަޢުދުވެ ވޯޓުހޯދައިފާ ދެން އެދަނީ ދެ އަހަރު. ކޮބާ އަންނި؟ އެމީހުންމަތި ހަނދާންނެތި މިހާރު ބޮޑުވަޒީރުކަމާހެދި ވަރަށް ބިޒީއޭ މީހަކު ބުންޏެވެ. އެއީ ތެދެއްބާ މި މަރުތަކުގެ ވާހަކައާއިގެން މިހާރު ނުނިދިގެން ނޫޅެނީ؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ