ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދަށް ކޮރަޕްޝަންގެ ދަޢުވާ ކޮށްފި

Loading

Facebook
Twitter
WhatsApp

ޑރ ޒިޔާދަށް ކޮރަޕްޝަންގެ ދަޢުވާ ކޮށްފައިމިވަނީ ކުރީގެ ސަރުކާރުގައި ޑރ ޒިޔާދު އިސްލާމިކް މިނިސްޓަރ އަކަށް ހުންނެވިއިރު ޒިކުރާ މިސްކިތް 10ބުރިއަށް އިމާރާތް ކުރުމަށް އެސްޖޭ ކުންފުންޏާއި ހަވާލު ކުރިއިރު އެކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދީ ދައުލަތަށް މާލީ ގެއްލުން ދިންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުޤީޤަށް ހާމަވެ ޑރ ޒިޔާދާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލައިގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޑރ ޒިޔާދުގެ މައްޗަށް މިއަދު ދަޢުވާ އުފުލައިފައިވަނީ ޤާނޫނުލް އުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)އާއި ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެއްމައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދުން ކަމަށެވެ. އަދި މިއެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކަންޖެހި އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެކުންފުންޏަށް ވަނީ ނާޖާއިޒު ފައިދާތަކެއް ލިބިފައެވެ.

މިކުށުގެ އެންމެ އަސާސީ އަދަބަކީ 1އަހަރާއި 7މަހާއި 6ދުވަހުގެ ޖަލު ބަންދެކެވެ.

ޑރ ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަނުގެ ކުރީގެ ވެރިޔާ މ. މުހައްމަދީއާބާދު އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ވެސް ދައުވާ އުފުލައިފައިވަނީ ހަމަ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހާވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ..

އެއީ، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތުތަށް ނެތްނަމަވެސް، އެ ޕްރޮޕޯސަލްތަކާއި ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ބަޔާންކޮށް، އޮޅުވާލައި ނާޖާއިޒު ފައިދާއެއް ހޯދައިދިން މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެސްޖޭއާ އެކު އިސްލާމިކް މިނިސްޓްރީން ހިންގި މުޢާމަލާތުގެ އެކި މަރުހަލާތަކުގައި ހިމެނޭ ޑަބްލިއުއެންޑްއޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއި، އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުޤީގެއް ހިންގަންޖެހޭ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އޭސީސީއަށް ލަފާދީފައިވާނެ ކަމަށެވެ.

ޕީޖީ އޮފީހުން މިމައްސަލައާއި ގުޅިގެން އިތުރަށް ބުނަފައިވަނީ މި މައްސަލައިގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައި ނުވާ މަޢުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާ ގޮތް އިތުރަށް ތަހުޤީގުކޮށް މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫން ކަމާއި މެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުއްވުމަށް ވެސް އޭސީސީއަށް ވާނީ ލަފާދީފައި ވާނެ ކަމަށެވެ..

މިނިސްޓަރު ކަމުގައި ޒިޔާދު ހުންނެވިއިރު ”ދާރުލް ޒިކްރާ“ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2018ގަ އެވެ. ކޮންޓްރެކްޓަރާއި ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ.

ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ކޯޓަށް މައްސަލައެއް ހުށައަޅައިފައެވެ.

Loading

One Response

  1. ޑރ. ޒިޔާދު ވައްކަމެއް ނުކުރަށްވާނެއެވެ. އެއީ ބުރޯމެން ފެންވަރުގެ މީހުނެއްނޫނެވެ. ނަމަވެސް ވިދާޅުވެގެން އެއްޗެއްގައި ސޮއިކުރަށްވަފާނެއެވެ. ދެން ޝަރީޢަތް ނިމެންދެން މަޑުކޮށްލާނަމެވެ. މިގައުމުގައި ރައީސް ޔާމީނު ނޫނީ ވައްކަންކުރި މީހަކުވެސް ތި އެމްޑީޕީގެ ސަރުކާރަކަށް ނެތެއްނޫންހެއްޔެވެ. ހަމަ ހަސަދަވެރި ކަން ބޮޑު ބަޔަކީއެވެ. އެހެން މިބުނީ އެމީހުންގެ ފަރާތުން މަޖިލީސްގެ ނައިބު ރައީސާކަމަށް ލައިފައެވޭ އަންނިބެގެ ކޮށްކޮ އީވާ މަޖިލީހުގައި އެގޮވާނަނީ ތިމަންމެންގެ ޕާޓީގެ ބޮޑުންވެސް އެބުނާ އެމްއެމްޕީއާރސީ ގެ ވައްކަމުގައި ބައިވެރިވިއޭ. ޖާބިރުވެސް އެގޮވަނީ މިވެނިއެވެނި މީހުން ވައްކަންކުރިއޭ އަދި ކުރީ ސަރުކާރު ވައްޓާލުމަށްޓަކައި ތިމަންނައަތުންނޭ ފައިސާނެގީ!!؟؟ ވީމާ އަޅެފަހެ ބަޔަކުކޮސް ބޮލަށްނާރާނެތަ އެމައްސަލަތަށްނުބަލާ ޒީރޯ ޓޮލެރެންސްގެ ވެރިން ދައުލަތް ހިންގާ ގޮތާއިމެދު. ނިޔަތްވަރަށް ސާފުދޯ؟ ބޭނުންމީހަކު އިންދާލުން ކޮންމެހެން ޢަދުލުއިންސާފުގެ ދަށުން ހިންގާ ޝަރިޢަތްތަކެއް ނޫނެވެ. ދައްކާވާހަކަޔާއި ޢަމަލުން މީހުން އެނގޭނެއެވެ. ޔާމީނުގެ ސަރުކާރަކާއި މިސަރުކާރަކާއި މިކަމުގައި ތަފާތެއްނެތެވެ. ވެރިކަމަށް އުނދަގުނުކޮށް ވައްކަންކުރިޔަސް އޯކޭއޭ ބުނާކަހަލައެވެ. ނޫންތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް