ޔަމަނުގެ ސުލްޙައަށް އިތުރު ތަކުލީފް

Loading

Facebook
Twitter
WhatsApp

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށްކުރަމުންގެންދާ މަސައްކަތުގައި އެ ހަނގުރާމައިގެ އެންމެ ފުނުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސްގެ މެދުގައި އުފެދެމުންދާ ދެބަސްވުންތަކުގެ ސަބަބުން ސުލްޙައަށް ކުރެވެމުންދާމަސައްކަތަށް އިތު ތަކުލީފު ތަކެއް މެދުވެރި ވެއްޖެއެވެ.

ޔަމަންގެ ހަނގުރާމާގައި މިހާތަނަށް ހަތަރުލައްކައަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަނގުރާމާގައި ހޫތީންނާ ދެކޮޅަށް އެމިރޭޓްސްއަށް ތާއީދުކުރާ 126000 ސިފައިން ޙަރަކާތްތެރި ވަމުންގެންދާއިރު ސަޢޫދީ އެރޭބިޔާ އަށް ވަފާތެރި އެއްލައްކަ ސިފައިންވެސް ހޫތީންނާ ދެކޮޅަށް ޙަރަކާތްތެރި ވަމުންގެންދެއެވެ.                                      

އީރާނުގެ މަދަދު ލިބެމުން ދިޔަކަމަށް ބެލެވުނު ޔަމަނުގެ ހޫތީންނާއި ޔަމަނުގެ ސަރުކާރާއި ދެމެދު ހިނގަމުންދިޔަ ދާޚިލީ ހަނގުރާމައިގާ 2015 އިން ފެށިގެން އަތުގުޅާލައިގެން ޔަމަން ސަރުކާރަށް މަދަދު ކުރަމުން ގެންދިޔަ ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސްއިން އެއިން ކޮންމެ ގައުމެއްގެވެސް ވަކި އެޖެންޑާއެއް އޮތްކަން ހާމަވެގެން ހިނގައްޖެއެވެ.

ޔަމަންގެ ހަނގުރާމާގައި އަރަބިންގެ ބާރުގަދަ މި ދެ ގައުމުގެ މެދުގައި މީގެ ކުރިންވެސް ފުށޫ އެރުންތަކެއް ވަނީ އުފެދިފައެވެ. ސަޢޫދީ އެރޭބިޔާއިން ބޭނުންވަނީ ޔަމަނަކީ އެއްގައުމެއްގެ ގޮތުގައި ދެމިއޮތުމަށެވެ. 

އެކަމަކު އެމިރޭޓްސްއިން ބޭނުންވަނީ އެމިރޭޓްސްއިން ތާއީދުކުރާ ފަޅީގެ ވަކި ސަރުކާރެއް ގާއިމްކުރުމަށެވެ. ރިޔާޒުން މިކަމާ އެއްބަހެއް ނުވެއެވެ. މި ކަމާއިގުޅިގެން އެމެރިކާގެ ބައިޑްންގެ ސަރުކާރުން ކަންބޮޑުވަނީ އީރާނުގެ ޚާރިޖީ ސިޔާސަތު އިތުރަށް ފުޅާވެގެން ހިނގައިދާނެތީއެވެ. އިމިރެޓްސް އާއި ސަޢޫދީގެ ކޯޅުން އެމެރިކާއަކަށް ކަންބޮޑުވާ ކަމަކަށް ނުބުނެއެވެ.                                                      

މި އަހަރު  މޭމަހުގެ ތެރޭގައި އެމިރޭޓްސްއިން  ތާއީދުކުރާ ޖަމާޢަތުގެ އެންމެ އިސް ލީޑަރ އައިދަރޫސަލް ޒުބައިދީ ޔަމަނުގެ މުކައްލާއަށް ވަޑައިގެން ދެކުނު ޔަމަނުގެ ވެރިކަމަށް ދެން ވަޑައިގަންނަވާނީ އެ ބޭފުޅާކަން ދޭހަވާކަހަލަ ގޮތަކަށް އަމަލުތައް ބެހެއްޓެވުމުން ސަޢޫދީ އެރޭބިޔާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ސަޢޫދީ އެރޭބިޔާއާއި އެމިރެޓްސްގެ ނަމުގައި ފަތުރަމުން ގެންދާ ޚަބަރުތަކުގައި އެމިރެޓްސްގެ ދުބާއި ފަހަތަށް ޖައްސާލާފައި ސަޢޫދީ އެރޭބިޔާއަކީ އިގްތިސާދާއި ހަކަތައާއި އަދި އެނޫނަސް އެހެން ހުރިހާ ދާއިރާއަކުންވެސް މެދު އިރުމަތީގެ މައި މަރުކަޒް ކަމުގައި ހަދަން ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނު ކުރައްވާ މަސައްކަތުގެ ވާހަކަތައް ކެނޑި ނޭޅި މީޑިއާތަކުން ގެންނަމުން ދިއުމަކީ ވެސް އިމެރެޓްސް އަށް ހަޖަމް ނުކުރެވޭވެރު ކަމަކަށްވެސް ވަނީ ވެފައެވެ. 

އެގޮތުން ކެނޑިނޭޅި މީޑިއާގެ މަސައްކަތަކަށް ވެފައި މިވަނީ މަސްރަޙު އެކުވެރިކަމާއި އަޚްވަންތަކަމާއިއެކު މީގެ ކުރިން ދިރިއުޅެމުން ގެންދިޔަ މި އަވަށްޓެރި ދެގައުމެގެ ތެރޭގައި ފަނި އުފައްދަން ކަމަށް މެދުއިރުމަތީ ފުންނާބު އުސް ބައެއް ތަޖްރިބާކާރުން ތުޙުމަތު ކުރައްވައެވެ. 

މި ދެގައުމުގެ މެދުގައި ކޮންމެވެސް ވަރެއްގެ ދެބަސްވުމެއް އުޅޭކަމަށް އެބޭފުޅުންވެސް އެއްބަސްވެ ވަޑައި ގަންނަވައެވެ. މި ދެބަސްވުން ބޮޑުކޮށްގެން ހުޅަނގުން ބޭނުންވާ ގޮތަށް ނުރައްކާތެރި ފައްތަރަކަށް މިދެ ގައުމު ގެންދަންއެބައިމީހުންގެ މީޑިއާގެ އެހީގައި މަސައްކަތްކުރަނީ ކަމަށް ބައެއް ބޭފުޅުން ތުޙުމަތު ކުރައްވައެވެ.                                                           

މީޑިއާގައި ދައުރު ވަމުންދާ މިވާހަކަތަކާއި ދޭތެރޭ އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕް އޭގެ ސީނިއަރ ޔަމަން އެނަލިސިސްޓް އަޙްމަދު ނަގީ ބުނެފައިވާ ގޮތުގައި ސަޢޫދީ އެރޭބިޔާއިން މަޝްވަރާ ދީފައިވާގޮތަށް އ. ދ. ގެ ބެލުމުގެ ދަށުން ޔަމަންގެ ހަނގުރާމަ އެންމެހާ ކަންތައް ނިންމުމަށް އަބޫދާބީން ފުރިހަމައަށް ތާއީދު ކުރެއެވެ.

އެ ދެ ގައުމުގެ ދެމެދުގައި ޚިޔާލު ތަފާތުވެ ޔަމަނުގެ ޙާލަތު އަލުން ނުރައްކަލާ ދިމާލަށް ހިނގައިދާނެ ކަމަށް ފަތުރަމުން ގެންދަނީ މުޅިން ދޮގު ޚަބަރު ތަކެކެވެ.                                                 

ސަޢޫދީ އެރޭބިޔާއިން އީރާނާއެކު ގުޅުން ގާއިމް ކުރުމާއިއެކު ޔަމަނުގައި ހަނގުރާމަ ކުރަމުން ގެންދާ ހޫތީންނާއިއެކު މަޝްވަރާ ކުރަންފެށިއެވެ. އަދި ހަނގުރާމާގައި ބައިވެރިވާ ފަރާތްތައް އެއްގަލަކަށް އެރުވުމަށާއި ސުލްޙައިގެ މަގު އަމާންކުރުމުގެ ބޭނުމުގައި އެމެރިކާއިންވެސް ރުހުން ލިބިދީފައިވާ ރާޝިދު އަލް ޢާލިމީގެ ރިޔާސަތުގައި ރިޔާސީ ކައުންސިލެއް އުފެއްދެވިއެވެ.

އެމިރެޓްސް ސަރުކާރުން މި ކައުންސިލަށް ރުހުން ދިންކަމުގައި ވިޔަސް ހޫތީން ބައިވެރިކުރުމާއި މެދު އެއްބަސްނުވާ ކަމަށް މީޑިއާތައް ބުނެއެވެ.                                    

ސަޢޫދީ ސަރުކާރުން ޔަމަން ބިނާކުރުމުގެ މަގްސަދުގައި 320 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ލިބިދޭނެ ކަމުގެ ވަޢުދާއެކު އާލިމީ ހަޒްރަމައުތަށް ފޮނުވިއެވެ. ހަޒްރަމައުތަކީ ސަޢޫދީންނާއި އެމިރެޓްސްއިން އެންމެބޮޑަށް ދެކޮޅަށް ފައިވިއްދާ ސަރަހައްދެވެ. ޔަމަނުން ނަގާ ތެލުގެ %80 ހިއްސާކުރަނީ ހަޒްރަލް މައުތުންނެވެ.                 

އަދި އެމިރެޓްސް އިން ބޭނުންވަނީ އެގައުމަށް ވަފާތެރި ސިފައިންގެ ބާރުގައި ވަކި ސަރުކާރެއް މުކައްލާއިން ފެށިގެން ބާބުލް މަންދޫބުވެސް ހިމެނޭގޮތުގައި ކަށަވަރުކުރުމެވެ.

ބާބުލް މަންދޫބަކީ ސުވޭސް ކެނެލްތެރެއިން ނިކުމެގެން އިރުމައްޗަށް ދަތުރުކުރަން ބޭނުންވާ ބޯޓުފަހަރު ރެޑްސީގެ ތެރެއިން ލާފާ ނިކުމެވެން އޮންނަ ހަމައެކަނި ކަނޑުއޮޅިއެވެ.  އަދި އިރުމަތިން ދަތުރުކުރާ ބޯޓުފަހަރު ރެޑްސީގެ މަގުން ސުވޭސް ކެނަލަށް ދެވޭނީވެސް ހަމައެކަނި މި ކަނޑު އޮޅިން ލާފައެވެ.

ބަބުލް މަންދޫބް ކަނޑުއޮޅިއަކީ ގަލްފު ސަރަޙައްދުގައި އޮންނަ ހޮރްމޫޒް ކަނޑުއޮޅިއަށް ވުރެންވެސް ގިނަ ބޯޓުފަހަރު ދަތުރުކުރާ ކާރުބާރޫ ބޮޑު ކަނޑުއޮޅި އެކެވެ. މި ސަބަބަށްޓަކައި އެ ކަނޑުއޮޅީގެ ބާރުވެރިކަން ދޫކޮށްލަން އެއްވެސް ބަޔަކު ބޭނުމެއް ނުވެއެވެ.                                 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް