ޔޫކްރެއިންގެ އިދިކޮޅު ހަމަލާތައް ފޭލިވާތީ ހުޅަނގުން ވެލި ކާންޖެހިދާނެ

Loading

Facebook
Twitter
WhatsApp

ޓެލިގްރާފުން ޚަބަރު ދީފައިވާގޮތުގައި ހުޅަނގުގެ ފުރިހަމަ އެއްބާރުލުމާއެކު ޔޫކްރެއިނުން ރަޝިޔާއާއި ދެކޮޅަށް ކުރިއަށްގެންދާ ކައުންޓަރ އޮފެންސިވް ހަމަލާތައް ކާމިޔާބު ވަމުންނުދާތީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާއި ކުރިމަތި ލުމުގެ ގާބިލުކަން ނެތްކަމުގައި ގަބުޅުކުރަން ޖެހިދާނެއެވެ.

ހުޅަނގުގެ ބާރުގަދަ ބަރު ހަތިޔާރުތަކާއެކު ޔޫކްރެއިނުން ރަޝިޔާއާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް 18 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ޔޫކްރެއިނަށް ޙާސިލުކުރެވުނު ފާހަގަ ކުރެވިދާނެފަދަ ކާމިޔާބީއެއް ފެންނާކަށް ނެތެވެ.                           

ކިތަންމެވަރަކަށް އަޑުގަދަކޮށްފާ ޔޫކްރެއިން ކާމިޔާބު ކުރާނެއޭ ގޮވަމުންދިޔަ ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް ޖަރުމަނާއި ފަރަންސޭސި ވިލާތުންތިބީ ދެފަރާތަށް ކިރިކިރިއެވެ. ރަޝިޔާގެ ހަކަތަ ނުލިބިއްޖެނަމަ ދެން ދިމާވެދާނެ ޙާލަތަކާ ދޭތެރޭ ކަންބޮޑުވެފައެވެ. 

ޔޫރަޕުގެ ސިޔާސީ ބޭފުޅުން ގެންދަވަނީ ހަނގުރާމަ ކުރިއަށް ދާގޮތުންއެގައުމުތަކުގެ ސިފައިން ހަނގުރާމައިން ދުރުކުރެވިދާނެ ގޮތްތަކާއިދޭތެރޭ ވިސްނަވަމުންނެވެ. އަނެއްކޮޅުން އެ ހަނގުރާމައިގާ ހުޅަނގަށް އެންމެ ބޮޑަށް ފިއްތުން ކުރިމަތި ކުރަމުންގެންދާ އެމެރިކާގެ ކުރިމަތީގައިވެސް ކުނި މޫނު ދެއްކުން އެބޭފުންނަށް ފަސޭހަކަމަކަށް ނުވެއެވެ.

ޙަގީގަތުގައި އެމެރިކާގެ ރައީސް ބައިޑްންވެސް ޔޫކްރެއިނަށް އެހީއާއި މަދަދު ފޯރުކޮށް ދެއްވަމުން ގެންދަވަނީ ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ މިންވަރު ބަލައިގެން ހަމައެކަނި ހަނގުރާމަ ކުރިޔަށް ގެންދިއުމުގެ ބޭނުމުގައޭ މިހާރު ބުނެވިދާނެއެވެ. ހަނގުރާމަޔަކީ އެއްއެއްގެ ފަނާ ކަމުގައިވާއިރު އަނެއްބަޔެއްގެ ނަފާކަން އެނގެއެވެ.

ހަނގުރާމަ ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު ހަތިޔާރު ފޯރުކޮށްދިނުމަށް ބަހަނާދައްކައި އަދި ޔޫކްރެއިނުން ނޭޓޯގެ މެމްބަރަކަށްވުމަށް ކުރާ މަސައްކަތުގައި އުޒުރު ދައްކަނީވެސް މި ސަބަބާހުރެއެވެ. ރަޝިޔާއާއި ދެކޮޅަށް ޔޫކުރެއިން ތެދުވަންކެރުނީ އެމެރިކާ އާއި ނޭޓޯ އިން ދެއްކުވި ހުވަފެނީ ނޭޓޯ މެމްބަރޝިޕަގެ ސަބަބުންނެވެ. މިއަދު ޔޫކްރެއިނަށް އެހީތެރިވެދިނުމާއިމެދު ޔޫރަޕާއި އެމެރިކާގެ އާންމު ރައްޔިތުންގެ ރުހުންވެސް ދުވަހުން ދުވަހަށް ދަނީ މަދުވަމުންނެވެ. މިހާރު އާންމު ރައްޔަަތުންގެ 30% ސަޕޯޓްވެސް ޔޫކުރެއިންއަކަށް ނެތެވެ. ވުމާއިއެކު ނޭޓޯގެ ސަރުކާރުތަކުން ބޭނުންހާގޮތަކަށް ކުޅިބައި ރޭވޭކަށްވެސް ނެތެވެ.                                          

ހުޅަނގުގެ ގައުމުތަކުން މިހާރު އުންމީދުކުރަނީ މިއަންނަ އޯޓަމްގެ މޫސުމުގައި ޔޫކްރެއިނުން މީގެކުރިން ރަޝިޔާއިން ހިފާފައިވާ ބައެއް ބިންތައް މިނިވަން ކުރާނޭ ކަމަށެވެ. އެކަމަކު އެއީ ހަމައެކަނި އުންމީދެކެވެ. ޔޫކްރެއިން ގެ ކޮރަޕްޝަންގެ މައްސަލަތަކާއި ޔޫރަޕްގެ ގައުމުތަކުގެ ތެރެއަށް އެމެރިކާއިން މާބޮޑަށް އަތްބާނަމުން ގެންދާތީ އުފެދިފައިވާ ޚިޔާލުގެ ތަފާތުވުންތައްވެސް ދަނީ ނުރަނގަޅު ހިޔަނިތަކެއް އަޅަމުންނެވެ.

ރައީސް ޒެލެންސްކީއަށްވެސް މީގެ ބައެއް ކަންތައްތަކުގެ ސީރިއަސްކަން މިހާރު ވިސްނި ވަޑައިގަންނަވައެވެ. މިސާލަކަށް އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި މަހުޖަނު އަދި ޕްރޮވިންޝަލް ގަވަރނަރ ކޮލޮމޮއިސްކީ ކޮރަޕްޝަންގެ މައްސަލާގައި ޖަލަށްލާންޖެހުމާއި ހަނގުރާމައިގެ މި ހޫނުގަނޑުތެރޭގައި ދިފާއީ ވަޒީރު ރެޒްނިކޯވް ވެސް ކޮރަޕްޝަންގެ މައްސަލާގައި ވަޒީފާއިން ވަކިކުރަންޖެހުންފަދަ އެތައްކަމަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

މިއަށްވުރެންވެސް ބޮޑެތި މައްސަލަ ތަކުގެތެރޭގައި ޖަރުމަނުގެ އޯލަފް ޝޮލްޒާއި ފަރަންސޭސި މެކްރޯންއާއި އަދި ވަކިންޚާއްސަކޮށް އެމެރިކާގެ ރައީސް ބައިޑްންގެ ވިސްނުންތަކަށް ބޯނުލަނބާ ހެދޭނެގޮތެއް ނެތްކަންވެސް ރައީސް ޒެލެންސްކީއަށް އެނގިވަޑައި ގަންނަވައެވެ.

މިދިޔަ ސަމަރގެ މޫސުމުގައި އެމެރިކާ ސަރުކާރަށް ރައީސް ބައިޑްން އަންގަވާފައިވަނީ އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރާއި މަދަދު ފޯރުކޮށްދެނީ ރަޝިޔާ  ބަލިކުރަން ނޫންކަމަށާއި ހަނގުރާމަ ދިގުދަންމާލައިގެން ވިޔަސް ސުލްޙައިގެ މޭޒުގައި ޔޫކްރެއިނަށް ބާރުގަދަ މަގާމެއް ހޯދާދިނުމުގެ ބޭނުމުގައި ކަމަށެވެ.

ދެން ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ސުލްޙައިގެ ވާހަކަތަކަށް ރަޝިޔާ ގެނައުމުގެކުރިން މިހާރުއަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭނެއެވެ. އެނޫންގޮތެއްގައި މަޝްވަރާގެ މޭޒަށް ރަޝިޔާ ގެނެވިދާނެ ކަމަށް ބަލައިގެން ނުވާނެއެވެ.  

މިއަށްވުރެންވެސް އުދަނގޫ މައްސަލައަކަށްވަނީ އީރާނުންނާއި އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވިދާނެ ގޮތެއް ހޯދުމެވެ. ހަނގުރާމާގައި ގެއްލުންލިބޭ މީހުންނަށް ބަދަލުދިނުމަށޭ ކިޔާފައި ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ހުޅަނގުގެ ބާރުން ހިފާއްޓާފައިހުރި 600 ބިލިއަން ޕައުންޑަކީވެސް ގާނޫނީ ހަމަތަކާއި އެއްގޮތަށް ހިފާއްޓާފައިހުރި ފައިސާކަމަށް ހަދަން އެބަޖެހެއެވެ. 

މިއީ ޔޫކްރެއިނަށް ހަނގުރާމަ ކާމިޔާބު ކޮށްދިނުމަށްޓަކައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ކުރަންޖެހިފައިވާ މުހިންމު ބައެއް ކަންތަކެވެ. މިކަންތައްތައް ކާމިޔާބު ނުކުރެވިއްޖެނަމަ ހުޅަނގުން ޖެހޭނީ ޔޫކްރެއިންގެ ހަނގުރާމައިގާ އެންމެފަހުން ބިމަށް ތުންހަރާލާށެވެ. ދިވެހިން ބުނެއުޅޭގޮތަށް ވެލިކާށެވެ.                           

Loading

One Response

  1. ނުކުޅެވޭނެރަސިޔާއަކާ އެމެރިކާ ތީސުމެއްގެތަނެއް ދުނިޔޭގަ ބޮޑުބާރަކީ އުތުރުކޮރެޔާ އާ ރަސިޔާ ދެންތިބީ ހައްޕުޑުން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް