ޔުކްރެއިނުން ކަންތައް ކުރާގޮތާއި ދޭތެރޭ އެމެރިކާ ނުރުހިއްޖެ

Loading

Facebook
Twitter
WhatsApp

ނިއުޔޯރކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި ޔޫކްރެއިނުން ހަނގުރާމަ ކުރަމުންގެންދާގޮތާ ދޭތެރޭ އެމެރިކާ ނުރުހިއްޖެއެވެ. އަދި މިހާރު ކަންތައް ވަމުންދާގޮތުން ޔޫކްރެއިންގެ ކައުންޓަރ އޮފެންސިވް ވައިވެގެން ހިނގާދާނެ ކަމަށް ބުނެފިއެވެ.

އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި ޔޫކްރެއިންގެ ލަޝްކަރުން ކާމިޔާބު ހޯދަން ބޭނުންނަމަ ޙަރަކާތްތެރިވުން އިތުރު ކުރަން ޖެހޭނެއެވެ. އެމެރިކާގެ އޮފިޝަލުންދެކޭ ގޮތުގައި މުހިންމު ދާއިރާތަކުގައި ޔޫކްރެއިންގެ ސިފައިންގެ ލަޝްކަރުތައް ޙަރަކާތްތެރިވުން ވަރަށް ކުޑައެވެ.  

ޔޫކްރެއިނުން ހަނގުރާމައިގާ ގެންގުޅޭ އުސޫލުތަކާއި އަދި ހަނގުރާމައިގެ މައިދާނުގެ ކުރީސަފުގައި ޙަރަކާތްތެރި ކުރުވަނީ ކޮން ދިމަ ދިމާލަކުންތޯއާއި އަދި އެއީ ކޮންފެންވަރެއްގެ ލަޝްކަރުތަކެއްތޯ އެމެރިކާގެ ވަރަށް ގިނަ އޮފިޝަލުން ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ގެންދަނީ މީޑިޔާގައި ފާޑުކިޔައި ސުވާލު އުފައްދަމުންނެވެ.

އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޔޫކްރެއިނުން ހަނގުރާމައިގެ ލަޝްކަރުތައް ދެކުނާއި އިރުމައްޗަށް ބަހަމުން ގެންދަންވީ ވަގުތަކީ މިއެއްނޫނެވެ. ރަޝިޔާއިން މައިން އަޅާފައިވާ ދެކުނުގެ ސަރަޙައްދު ތަކަށް އަރާގަތުމުގެ ސަބަބުން ސިފައިންތަކެއް މަރުވެ ހަތިޔާރުތަކެއް ހަލާޖުވެގެން ދިޔަސް މިވަގުތު ބޮޑަށް އިސްކަން ދޭންޖެހޭނީ ދެކުނުގެ ސަރަޙައްދުތަށް ކަމުގައި އެބޭފުޅުން ރައުޔު ދެއްވައެވެ.

އެހެންނަމަވެސް ރަޝިޔާއިން އެ ސަރަޙައްދުތައް ރައްކާތެރިކޮށްފައިވާ ގޮތާއި ފެންވަރު އެނގޭތީވެ ޔޫކްރެއިނުން ގެންދަނީ އެ ސަރަޙައްދު ތަކުގައި ވަރަށް ކުދިކުދި ލަޝްކަރުތަކާއި ހުޅަނގުން ފޯރުކޮށްދީފައިވާ ވަރަށް މަދު ހަތިޔާރުގެ ބޭނުންކުރަމުންނެވެ.                       

މިހާރު ފެށިގެންއުޅޭ ފާޑުކިއުންތަކަށް ރައްދު ދެއްވައި ޔޫކްރެއިންގެ ދިފާޢީ ވަޒީރު ވިދާޅުވެފައިވަނީ “ ކޮންމެ މީހަކީވެސް މިހާރު މިލިޓްރީ ތަޖްރިބާކާރަކަށް ވެއްޖެއެވެ. އަދި ހަމަ އެކަކަށްވެސް މިހަނގުރާމަ އަހަރެމެންނާ އެއްވަރަށް ނޭންގޭ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް ސިޔާސީ ބޭފުޅުންނަކަށް މިލިޓްރީ މައިދާނުގައި ސިފައިން ރުކުރުވާނެ ގޮތް ބުނެދޭކަށް ނޭންގޭނެއެވެ “ .                         

ލަންޑަންގެ ކިންގްސް ކޮލެޖުގެ ޑިޕާރޓްމެންޓް އޮފް ވޯރ ސްޓަޑީޒްގެ ޑޮކްޓޯރަލް ރިސާޗަރ މަރީނާ މައިރަން ދެކިވަޑައިގަންނަވާ ގޮތުގައި ހިނގަމުން މިދާ ހަނގުރާމައަކީ ދިގުލައިގެން ދާނެ ހަނގުރާމައެއް ކަމަށާއި އަދި ޔޫކްރެއިނަށް ސަޕޯރޓް ކުރުމަކީ އަވަހަށް ހުއްޓާ ލެވެން އޮތް ކަމެއްވެސް ނޫންކަން ސިޔާސީ ބޭފުޅުންނަށް ވެސް މިހާރު ވިސްނިވަޑައި ގަންނަވައެވެ.

ނަތީޖާއެއްގެ ގޮތުން ބައެއް އެހެންބޭފުޅުންވެސް މަރީނާ މައިރުގެ ވިސްނުމަށް އެއްބަސްވެ ވަޑައިގެން ވިދާޅުވަމުން ގެންދަވާ ގޮތުގައި ނޭޓޯގެ ސަޕޯރޓްވެސް ވަކި ހިސާބަކުން ފަނިވެގެން ދާނެއެވެ. އަދި ހަނގުރާމައިގެ ތެރެއަށް ނޭޓޯ ވަދެފާނެކަމަށް ދެކޭ ދުށުމަކީވެސް ޚިޔާލީ ފޮލަޔަކަށް ނޫނީ ނުވާނެއެވެ. އެހެނީ ރަޝިޔާއާއި ސީދާ ކޮންފްރަންޓޭޝަނަކަށް ދެވޭނެފަދަ ފެންވަރެއް ނޭޓޯގައި ނެތްކަން އެބައިމީހުން ދަނެތެވެ.  

   ޔޫކުރޭން ހަނގުރާމަ ޗައިނާ އާއި އެމެރިކާގެ ނުސީދާ ކޯޅުމަކަށްވެފާ

ރޮޔަލް ޔުނައިޓެޑް ސަރވިސް އިންސްޓިޓިޔުޓުގެ ސީނިއަރ އެސޯޝިއޭޓެޑް ފެލޯ ޑޭވިޑް ލެވިސް ދެކިވަޑައި ގަންނަވާ ގޮތުގައި މިހާރުގެ ޙާލަތުގައި ހުޅަނގުގެ ލީޑަރުންނަށް ޖެހިވަޑައިގަންނަވާނީ އެހެން ގޮތެއް ހޯދާށެވެ. 

ސުލްޙައިގެ ވާހަކަތަކަށް ގޮވާލާ އަޑު ގަދަވެގެން ދާނެއެވެ. އެކަމަކު ރަޝިޔާއިންދެން އެގޮތް ބޭނުމެއް ނުވާނެ އެވެ. ރަޝިޔާއަކީ ބިޔަ ބޮޑު އަދި ބާރުގަދަ ގައުމަކަށްވީމާ ރަޝިޔާއަށް ގަބޫލު ކުރެވިދާނެ ޙާލަތެއް ކަށަވަރު ކުރަންޖެހޭނެއެވެ.

ހަމައެފަދައިން ހުޅަނގުން ކިތަންމެ ގިނަ ހަތިޔާރަކާއި މަދަދެއް ފޯރުކޮށްދިންނަމަވެސް ޔޫކްރެއިނުން ވެސް ހުޅަނގުން ބުނާ ކޮންމެ ގޮތަކަށް އެއްބަސްވެދާނެ ކަމަށް ބަލައިގެން ނުވާނެއެވެ.      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް