ޗައިނާއިން އެކުލަވާލި އެގައުމުގެ ޗާޓުގެ މައްސަލާގައި އަރާރުން ނުވަން ބުނެފި

Loading

Facebook
Twitter
WhatsApp

މިހާރު އިންޑިއާގެ ސަރަޙައްދުތަކެއް ކަމުގައި ބަލަމުންގެންދާ އިރުމަތީ އަރުނާޗަލް ޕްރަދޭޝް ސްޓޭޓާއި އަދި މިހާތަނަށް އެއްބަސްވުމަކަށް ނާދެވިފާއޮތް އަކްސާއި ޗިން ސަރަޙައްދަކީ ޗައިނާގެ ތަންތަން ކަމުގައި އެގައުމުން އަލަށް އެކުލަވާލި ޗާޓަށް އިންޑިއާއިން އިއްތިރާޒް ކުރަން ފެށުމުން އަމިއްލައަށް އެ ޗާޓު ތަރުޖަމާކޮށްގެން ޒުވާބު ނުކުރަން ޗައިނާއިން ބުނެފިއެވެ.

ޗައިނާއާއި އިންޑިއާއިން ދެބަސްވުން އުފެދިފައިމިވާ ސަރަޙައްދަކީ ހިމާލިޔާފަރުބަދަ ތަކުގެ ސަރަޙައްދުގައި ރަނގަޅަށް އިންވަކި ނުކޮށް އޮތް އަދި ދޭތެރެ ދޭތެރޭން ދެގައުމުގެ ސިފައިންގެ މެދުގައި ޙަމަލާތައް ބަދަލު ކުރެވެމުންދާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ނުވަތަ އެލް އޭ ސީ ގެ ގޮތުގައި ބެލެވޭ 3440 ކިލޯމީޓަރުގެ ސަރަޙައްދެކެވެ.     

މީޑިއާގެ ޚަބަރުތަކުން ބުނެފައިވާގޮތުގައި ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-20 ގެ ލީޑަރުންގެ ބައްދަލުކުރެއްވުމަށް 9 ން 10 ށް މީގެކުރިން ދިއްލީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ޗައިނާގެ ރައީސް މިހާރު ވަޑައެއް ނުގަންނަވާނެއެވެ. 

އަދި ބަދަލުގައި ވަޑައިގަންނަވާ ގޮތަށް ހަމަ ޖެހިފައިވަނީ ޕްރިމިއަރ ލީ ގިއާންގް ކަމަށް ނުރަސްމީ ރިޕޯރޓްތައް ބުނެއެވެ. މިކަމާއި ގުޅޭގޮތުން ޗައިނާގެ ޚާރިޖިއްޔާގެ ބަހެއް ބީ ބީ ސީ އަކަށް އަދި ރޮއިޓާރސް އަކަށްވެސް ނުލިބުނެވެ.                            

ޗައިނާއިން އަލަށް އެކުލަވާލި އެ ގައުމުގެ ޗާޓުގައި ދެކުނު ޗައިނާ ކަނޑުގައި އެގައުމުގެ ސަރަޙައްދު ކަނޑައަޅާފައިވާ ގޮތާއި މެދު ފިލިޕީންސް އާއި މެލޭޝިޔާއިންވެސް އެއްބަސް ނުވާނެކަން ވަނީ ފާޅުކޮށް ފައެވެ. އަދި ޗައިނާއިން އަލަށް އެކުލަވާލި އެގައުމުގެ ޗާޓާއި ގުޅިގެން އިންޑިއާއިން އިއްތިރާޒް ކުރަމުންގެންދާތީ ނޭޕާލްގެ ސިޔާސީ ބޭފުޅަކު ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުވެސް ވަނީ ކެންސަލް ކުރައްވާ ފައެވެ.                                                               

ޗައިނާގެ ޗާޓު 2023 ޝާއިއުކުރުމުގެ އެއްދުވަސްކުރިން ބްރިކްސްގެ ވެރިންގެ ބައްދަލު ކުރެއްވުމުގެ ހަވާސާގައި ރައީސް ޝީ އާއި ބޮޑުވަޒީރު މޯދީ ވަނީ ބައްދަލު ކުރައްވާފައެވެ. އަލަށް އެކުލަވާލި ޗާޓަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ކަމަށް ދެކިވަޑައި ނުގަންނަވާކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރް ވިދާޅުވިއެވެ. 

އަދި އިންޑިއާގެ އެހެން ސިޔާސީ ބޭފުޅަކު ވިދާޅުވެފައިވަނީ ދެބަސްވުން އުފެދިފައިވާ ސަރަޙައްދުތައް އަމާންކުރުމުގެ މަޝްވަރާތައް އަވަސްކުރަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. 

އެހެންނަމަވެސް ޗައިނާއިން ބުނަމުން ގެންދަނީ އެގައުމުން އެކުލަވާލި ޗާޓުގެ މައްޗަށް ފައިން ނާރާނެކަމަށެވެ. ޗައިނާގެ ޚާރިޖިއްޔާގެ ސްޕޯކްސް ޕަރސަން ވޭންގް ވެންބިން ބުނެފައިވަނީ އެއީ ޗައިނާގެ ސަރަޙައްދުތަކެއް ކަމުގައި އެގައުމުގެ ގާނޫން ކަނޑައަޅާފައިވާ ކަމަށާއި ގާނޫނު ތަންފީޒުކުރުމުގައި ޗައިނާއިން ފަހަތުފަޔަށް ބުރަނުވާނެ ކަމަށެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން އެބައިމީހުން ބޭނުންވާ ގޮތަށް ޗައިނާގެ ގާނު ތަރުޖަމާ ނުކޮށް އަރާރުންވުމުން އެއްކިބާވެގެން ތިބޭނެކަމަށް އުންމީދު ކުރާކަމަށެވެ.

ޗައިނާއިން ބުނަމުން ގެންދަނީ މުޅި އަރުނާޗަލް ޕްރަދޭޝްއަކީ އެގައުމުގެ ދެކުނު ޓިބެޓް ކަމަށެވެ. ހަމައެފަދައިން އިންޑިއާއިން ބުނަނީ ޗައިނާގެ ބާރުގެ ދަށުގައި އޮތް އަކްސައި ޗިން އަކީ އެގައުމުގެ ސަރަޙައްދެއް ކަމަށެވެ. 

މިއީ ޙަގީގަތުގައި ކަޝްމީރެކޭ އެއްފަދައިން އިންޑިއާއާއި ޗައިނާއަކީވެސް އަބަދާ އަބަދު ދުޝްމިނުންގެ ގޮތުގައި ބޭތިއްބުމުގެ ބޭނުމުގައި ފުރިހަމައަށް އިންވަކިނުކޮށް އިނގިރޭސިން ދޫކޮށްލާފައި ދިޔަ ސަރަޙައްދެކެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް