އިބޫއަށް ދެވޭ ކޮންމެ ވޯޓަކީ އިންޑިއާއަށް ދެވޭ ވޯޓެއް!

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އަސްކަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމުގެ މައުޟޫއުގައި ނޭނގި ނަމަވެސް އަތް ނުޖެހުމަށް ދިވެހި ސަރުކާރުން ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެތައް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

2018 ވަނަ އަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކޮށް ރިޔާސީ ގޮނޑި ނެގުމަށް އިންޑިއާއިން ޚަރަދުކޮށް އެހީތެރިވެދީފައިވާ ކަމަކީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. އެހެންވީމާ، އިންޑިއާއާއި އެކުގައި ޚާއްސަ ގުޅުމެއް ވެސް އޮންނާނެތާއެވެ.

އެކަމަކު، އެމްޑީޕީއަށް ވޯޓުދިން ފަރާތްތަކުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓުދިނީ އިންޑިއާގެ އަސްކަރިއްޔާއަށް ދިވެހި ގައުމު ހުޅުވާލުމުގެ ހުއްދައާ އެކުގައެއް ނޫނެވެ.

ސަރުކާރުގެ ކެބިނެޓް ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުން އާންމުކޮށް ދައްކަވާފައިވާ ބައެއް ވާހަކަތަކުން އެނގޭގޮތުގައި ހާލަތު އަތުން ސޮއްސާލައިގެން ގޮސް މިހާރު ދިވެހި ސަރުކާރަށް އިންޑިއާއާ ދެކޮޅަށް ނިޔަފައްޗެއް ވެސް އުފުލާލެވޭކަށް ނެތެވެ. ހަގީގަތަކީ މިއީ ނޫންނަމަ، އިންޑިއާ ބޭނުންނަމަ ދިވެހިރާއްޖެ ހިޞާރުކޮށް އިންޑިއާގެ ބާރުގެ ދަށަށް ގެންދެވިދާނެކަމަށް ދިވެހި ވަޒީރަކު ވިދާޅުވާންވީ ކީއްވެ ހެއްޔެވެ؟ އެހެން ގައުމެއްނަމަ މިފަދަ ބަހެއް ވަޒީރަކު ވިދާޅުވިނަމަ އެގައުމެއްގެ ވެރިއަކަށް ހުންނަ ބޭފުޅަކު އެ ވަޒީރު މަގާމުން ދުރުކުރައްވާނެއެވެ. އެކަމަކު ކަންތައްވީ އެހެނެއް ނޫނެވެ. ކީއްވެގެން ހެއްޔެވެ؟ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް އެމަނިކުފާނުގެ ވަޒީރުން އިންޑިއާދެކެ ޖެހިލުންވެވަޑައިގަންނަވާ ފަދައިން އިންޑިއާދެކެ ޖެހިލުންވެވަޑައިގަންނަވައެވެ.

އިންޑިއާގެ އެދުންތަކުގެ ކުރިމަތީގައި ސާބިތުވެ ހުންނަވައި ނޫނެކޭ ބުނުމަށް ރައީސް ޞާލިޙް ނުކުޅެދުންތެރިވެވަޑައިގަތީއެވެ. ގަބޫލުކުރެވެނީ އިންޑިއާގެ އިންޓެލިޖެންސްގެ ކުރިމަތީގައި އެމަނިކުފާނާއި އެމަނިކުފާނުގެ ވަޒީރުން ކޮމްޕްރޮމައިޒްވީ ކަމަށެވެ. ނޫނީ، ބަދަލުގައި ކޮންމެވެސް ކަމެއް ލިބޭތީ އިންޑިއާގެ ހުރިހައި އެދުމަކަށް ވެދުން ކުރައްވަނީކަމަށެވެ.

ހާލަތު މިހިސާބަށް އައިސްފައިމިވަނީ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ކޮންމެ މީހަކަށް ވެސް ޝައްކެއްނެތި ގަބޫލުކުރެވޭނެ ކަމަކީ، މިއީ ހަޤީޤަތްކަމެވެ.

އާއެކެވެ. ސިޔާސީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނޫނެވެ. އަދި މީހުންނަކީ ވެސް އެންމެ ފުރިހަމަ ބައެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމަކީ ދެފުށް ފެންނަ އިންތިޚާބެކެވެ. އަދި ކޮންމެ ދިވެހި ފަރުދެއް ވެސް ވޯޓުލާން ޖެހޭނެއެވެ. މިފަހަރު ދިވެހީން ލާ ވޯޓަކީ އަމިއްލަ ނަފްސަށްޓަކައި އެކަނި ލާ ވޯޓެއް ނޫނެވެ. އެއީ ދިވެހި ގައުމަށްޓަކައި، އަދި އެގައުމުގެ މުސްތަޤުބަލަށްޓަކައި ލާ ވޯޓެކެވެ.

ދިވެހި ގައުމުދެކެ ލޯބިނުވާނަމަ އަދި އެގައުމުގެ ސިޔާދަތާއި، ގައުމުގެ އިސްލާމްވަންތަކަން މިނިވަންކަމާއެކު ދެމިގެންދިޔުމަށް ލޯބިނުކުރާނަމަ، ތިމާގެ ދަރީންނާއި ދަރީންގެ ދަރީންނާއި ހަމައަށް ރަނގަޅު ގައުމެއް ވާރުތަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟

މައްސަލައެއް ނެތެވެ. ރައީސް ޞާލިޙަށް ތާއީދުކޮށްގެން ތިޔަ ދަމަހައްޓަނީ އަމިއްލަ ވަޒީފާއާއި، ގާތް ތިމާގެ މީހުންގެ ސަރުކާރު ވަޒީފާތައް ކަމުގައި ވެދާނެއެވެ. އެކަމަކު ތިޔަ ވިއްކާލެވެނީ އަމިއްލަ ގައުމާއި އަންނަން އޮތް ޖީލުތަކުގެ މުސްތަޤުބަލެވެ. އިންޑިއާއަށެވެ.

ފްރާންސްގެ ނުފޫޒުގައި ޖެހި އެތައް އަހަރުތަކެއް ވާންދެން އެފްރިކާގެ ގައުމުތަކުގައި ވެރިކަންކޮށްފައިވާ ޚުދުމުޚުތާރު ވެރީން ވެރިކަމުގެ ބާރުން ދުރުކުރަމުން ގެންދާއިރު، ފެންނަމުން މިދާ މަންޒަރަކީ ދިވެހި ބިން އިންޑިއާގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިޔުމުގެ މަގު ކޮށައިދެމުން ބައެއް ދިވެހީން ގެންދާ މަންޒަރެވެ.

ޕާޓީ ފިކުރާއި ސިޔާސީ ފިކުރު އެއްކިބާކޮށް، ގައުމާއި ދަރީންގެ މުސްތަޤުބަލާމެދަށް ވިސްނާލާށެވެ. ބޭނުންވަނީ އިންޑިއާގެ ހައްޤަށްޓަކައި ވޯޓުދިނީތީ ތިބާގެ ދަރީން މާދަމާ ތިބާ ކުށްވެރިކުރުމަށް ހެއްޔެވެ؟ ހުރަސްކުރަން ނުޖެހޭ ރޮނގެއް ހުރަސްކޮށް، އިޚުލާސްތެރިކަމާއެކު ދިން މެހެމާންދާރީގެ ނާޖާއިޒު ބޭނުން ހިފާފައިވާކަން އިންޑިއާއަށް އަނގައިދިނުމަށް ދިވެހިންނަށް ލިބޭ އެންމެ ބޮޑު ފުރުސަތަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުކަމަށް ވާއިރު، ދިވެހިރާއްޖެ އެމީހުންގެ ”ޕަޕެޓް“ ގައުމަކަށް ހެދުމަށް ބޭނުންވާ ކޮންމެ މުސްލިމްނޫން ގައުމަކަށް ވެސް މިކަން ވެގެންދާނީ އިބްރަތްތެރި ފިލާވަޅަކަށްކަން ޔަގީނެވެ.

އެހެންވީމާ، ގައުމުގެ ހެވައް އެދޭނަމަ އަދި ގައުމުދެކެ ލޯބިވާނަމަ، އެންމެހައި އަޚުންނާއި އުޚުތުންނަށް ބާރުއަޅަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް، އަދި އޭނާއަށް ތާއީދުކުރާ ކުދި ޕާޓީތަކާއި ކެނޑިޑޭޓުންނަށް ވެސް ވޯޓުނުދިނުމަށެވެ. ގެއްލުމުގެ ބިރު އޮތް ކަންކަން އެނގިތިބޭ ހާލު އަދި، ރައީސް ޞާލިޙަށް ދެވޭ ވޯޓަކީ އިންޑިއާއަށް ދެވޭ ވޯޓެއްކަން އެނގޭ ހާލު އެފަދަ ދެރައެއް ގައުމަށް ނުދޭށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް