ހިފާފައިވާ ކަޝްމީރުގައި އިންޑިއާއިން ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވަންޖެހޭ، އެކަކަމު އެކަން ކުރާނީ ކާކު؟ ދިވެހިން މިކަމުން ނަގަންވީ ކޮން ފިލާވަޅެއް؟

Loading

Facebook
Twitter
WhatsApp

1947ގައި ޖައްމޫ އާއި ކަޝްމީރު ބައިކޮށް އިންޑިއާގެ ބާރުގެ ދަށުގައި އޮތް ޖައްމޫއާއި ކަޝްމީރު ފަޅިއަށް ޚާއްސަ ގޮްތްތަކެއް (ސްޓޭޓަސް) އެއް ވަނީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއިން ދީފައެވެ. އެ ޚާއްސަ ގޮތްތައްވަނީ އިންޑިއާގެ ކަނާތު ފިޔާގެ މިހާރުގެ ސަރުކާރުން އުވާލާފައެވެ. 2019 ވަނަ އަހަރުގެ އޮގަސްޓު 5ގައި ކަޝްމީރުގައި ބޭއްވި މުޒާހިރާ ތަކަކީ ”ކަޅު ދުވަހެއް“ ކަމަށް ބަލައި އިންޑިއާއިންވަނީ ކަޝްމީރުގައި ސިފައިން ބައިތިއްބައިގެން އެތަން ބަންދުކޮށްފައެވެ. 

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ “ އޭ“ އިން ޚިޔާލު ތަފާތުވެފައިވާ މިތަނަށް ޚާއްސަ ގޮތްތަކެއްވަނީ ހަމަޖައްސާފައެވެ. މިގޮތުން ކަޝްމީރުގެ މީހުންނަށް ވަކި ޚާއްސަ ގާނޫނުތަކެއް އެކަށައަޅާފައި ވެއެވެ. ޚާއްސަ ގޮތްތަކުގެ ތެރޭގައި އެތާގައި އެހެންމީހުން ވަޒަންވެރިވުން ވަކި ހައްދެއްގައި ބެހެއްޓުމާއި،  ޖައްމޫ އާއި ކަޝްމީރުގައި އުޅޭ މީހުންނަށް އެކަނި  އެތާގެ ބިމާއި މުދަލުގެ ވެރިކަން ދިނުން ހިމެނެއެވެ. މިއީ އދ އިން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ބަދަލުކުރުމަށް ވޯޓުލުންފަދަ ކަމަކަށް ކޮންމެހެން ބޭނުންވާނެ ކަންކަމެވެ. މި ގާނޫނުގެ ސަބަބުން، އިންޑިއާގެ އެހެން ސްޓޭޓު ތަކުގެ މީހުންނަށް ޖައްމޫ އާއި ކަޝްމީރުން ބިން ގަނެ މިލްކު ނުކުރެވެއެވެ. އެހެންނަމަވެސް އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލައި،  އަދ ން ކަނޑައަޅާފައިވާގޮތާއި ޚިލާފަށް ޖައްމޫ އާއި ކަޝްމީރު އަޅުވެތިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލައި، ޕަބްލިކް ސޭފްޓީ ގާނޫނާއި، ގާނޫނާއި ޚިލާފު އަމަލު ހުއްޓުވާ ގާނޫނުފަދަ އަނިޔާވެރިކަން އިތުރު ކުރެވޭނެ ގިނަ ގާނޫނުތަކެއްވަނީ ހަދާފައެވެ. އަދި   ޖައްމޫ އާއި ކަޝްމީރުގައި ވަޒަންވެރިވުމާއިބެހޭ އާ ގާނޫނެއް ވަނީ ހަދާފައެވެ. މިކަމުގެ ބޭނުމަކީ  ޖައްމޫ އާއި ކަޝްމީރުގެ މުސްލިމު އާބާދީ  މަދުކޮށް، އިންޑިއާގެ މުސްލިމު ނޫން މީހުންނަށް  ޖައްމޫ އާއި ކަޝްމީރުން ބިންގަނެ، މުސްލިމުން ނޫން މީހުންނަށް އެތަނުގެ އަޣުލަބިއްޔަތު ހޯދައިދިނުމެވެ. 

1989 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިންޑިއާ ސިފައިންވަނ 100،000އަށްވުރެ ގިނަ ކަޝްމީރު މީހުން މަރާލާފައެވެ. ރަސްމީ ފަރާތްތަކުން ހާމަކުރި ޢަދަދުތަކަށް ބަލާނަމަ، މީގެ ތެރެއިން  7،200 މީހުން މަރާލާފައިވަނީ އިންޑިއާ ސިފައިން ހައްޔަރުކޮށްފައި ތިއްބައެވެ. 23،000 އަށްވުރެ ގިނަ އަންހެނުން ހުވަފަތްވެ، 110،000 އަށްވުރެ ގިނަކުދިން ޔަތީމުވެ، ކަޝްމީރު ބަންދުކޮށްގެންތިބި އިންޑިއާ ސިފައިން ވަނީ 11،000އަށްވުރެ ގިނަ އަންހެނުން ރޭޕްކޮށްފައެވެ. މީގެ އިތުރުން، އެތައް ހާސް ބަޔަކު ވަޅުލާފައިވާ 7،000އަށްވުރެ ގިނަ ވަޅުގަނޑުވަނީ ފެނިފައެވެ. 

މިދިޔަ އަހަރު 200،000އަށްވުރެ ގިނަ ސިފައިން އިތުރުކޮށް، ޖައްމޫ އާއި ކަޝްމީރުގައި ތިބި ސިފައިންގެ އަދަދުވަނީ 700،000އަށްވުރެ މައްޗަށް ގޮސްފައެވެ. މިހާރު ޖައްމޫ އާއި ކަޝްމީރަކީ ދުނިޔޭގައިވާ އެންމެބޮޑު މިލިޓަރީ ޒޯނެވެ. އަދި އެންމެ ބޮޑު ޖަލެވެ. 

މި ކަންކަމުން އާދައިގެ ދިވެހިންވަނީ ވަރަށްބޮޑަށް ކަންބޮޑުވެފައެވެ. މިހާރުގެ ސަރުކާރުންވަނީ އިންޑިއާ މިލިޓަރީއަށް ގައުމުގެ ޖައްވާއި، ކަނޑު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން އެކި އެއްބަސްވުންތައް ހަދައި، ސަރުކާރުގެ މުވައްސަސާތައްވެސް ބޭނުންކުރެވޭގޮތް ހަދާފައެވެ. 

ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ވަރުގަދަކުރަމުންދާ ބާރުމިނުގެ ސަބަބުންނާއި، އިންޑިއާ ސިފައިން ގާނޫނުތަކާއި ޚިލާފުވެއްޖެނަމަ އިންޑިއާ މީހުން ފޮނުވާލެވިދާނެ ގާބިލުކަން ހުރިތޯ ކުރެވޭ ސުވާލާއެކު ރާއްޖޭގެ މިވަގުތުގެ އިނދިކޮޅު ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރު އަޅުވެތިކޮށްގެ އިންޑިއާއިން ހިންގާ ޖަރީމާތަކަކީ ދިވެހިރާއްޖެފަދަ %100 މުސްލިމު ގައުމަކަށް ދެވޭ ވަރަށް ސާފު އިންޒާރެކެވެ. 

އިންޑިއާއިން ރުޅިއަތުވެދާނެތީ، ޕާކިސްތާނުގެ ތެރެއިން ދިވެހިން ކަޝްމީރަށް ދިއުންވަނީ ދިވެހި ސަރުކާރުން ހުއްޓުވަން ފަށާފައެވެ. އިންޑިއާއިން އެދިގެން ދިވެހި ސަރުކާރުންވަނީ، ކަޝްމީރަކި އިންޑިއާގެ މިލިޓަރީން ބަންދުކޮށްފައިވާ ތަނެއްކަމަށް ބުނުމުގެ ބަދަލުގައި ”ޚިޔާލު ތަފާތުވެފައިވާ ތަނެއް“ގެ ގޮތުގައި ކަނޑައަޅާފައެވެ. 

މިކަމުން އެގެނީ ކަޝްމީރުގެ މުސްލިމުންގެ ވޭނާއި ކެކުޅުމުގެ ވާހަކަ މިނިވަންކަމާއެކު ދެއްކުން ހުއްޓުވުމަށް  އިންޑިއާގެ މިލިޓަރީންގެ ނުފޫޒު މިސަރުކާރުގެ ސިޔާސީ މީހުންނަށް ފޯރުވާ، އެމީހުން އަނގަބަންދުކޮށްފައިވާ މިންވަރެވެ. މިއީ ދިވެހިން ނުހަނު ކަންބޮޑުވާ ކަމެކެވެ. 

ޖައްމޫއާއި ކަޝްމީރު އަޅުވެތި ކުރުމުގެ ގާނޫނާއި ޚިލާފު އެޖެންޑާއާއިބެހޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުގެ އަޑުމަޑު ކުރުވައި، ހިންދޫންގެ ވިސްނުމާއި އެއްގޮތަށް އަމަލުކޮށް، އިންޑިއާގެ އަނިޔާވެރިކަންދަނީ ޖައްމޫއާއި ކަޝްމީރުގައި އިތުރު ކުރަމުންނެވެ. ޖައްމޫއާއި ކަޝްމީރުގެ މިހާރުގެ ހާލަތަކީ ބައިނަލްއަގުވާމީ ސަމާލުކަމަށް މިހާރުން މިހާރަށް އަންނަންޖެހޭފަދަ ނާޒުު ހާލަތެކެވެ. އެކަމަކު ދުނިޔެވަނީ ހިމޭންވެ، ބީރުވެފައެވެ.

Loading

One Response

  1. އަބަދުވެސް ކާބަފައިން ބުނެއުޅޭ ރައްކާވެ ތިބިއްޔާ ދަތުރޭ. ހަމަގައިމުވެސް މަލިކު ދިވެހިންނަށް ގެއްލުނުގޮތްވެސް އެނގޭމީހުން އެހިތި ތަޖުރިބާވެސް އެބަ ކިޔައިދޭ. އަދި ހަމަ ތާރީޚުލިޔާމީހުން ސޯލިޙު ރައީސްގެ ސޯލިޙުވެރިކަންވެސް ދިރާސާކޮށް ލިޔާނެއެވެ. ވީމާ ރައްކާވެތިބިއްޔާ ދަތުރޭ، އެކަން އެނގިގެން ރައްޔަތުމީހާގެ ޢަމަލުތަށް ބައްޓަންކުރުން މޮޅު އިތުރުވެގެން ވެއެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް