އުތުރުތިލަފަޅު އެގްރީމަންޓް ބަލައި މިނިވަންކަމަށް ނުރައްކާވާނަމަ ބާތިލްކުރާނަން: މުއިއްޒު

Loading

Facebook
Twitter
WhatsApp

ވެރިކަން ލިބިއްޖެ ނަމަ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ކަންކަން ބަލައި ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ކަމެއް އޭގައި އޮތް ނަމަ އެ އެއްބަސްވުން ބާތިލްކުރާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި މިހާރު ކުރިއަށްދާ ”ސަންގު ބަހުސް“ ގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.

އުތުރުތިލަފަޅު އެގްރީމަންޓުގައިވާ ކަންކަން ބެލުމަށް ބައެއް ނޫސްތަކުން އެދުމުންވެސް ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ސަރުކާރުން އެ މައުލޫމާތުތައް ހާމަކޮށްފައިނުވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްްގައި އުތުރުތިލަފަޅު އެގްރީމަންޓްގެ ޓާމްސްތައް ބަލައި ހާމަކުރާނެ ކަމަށެވެ.

”އަޅުގަނޑުމެން އެ އެގްރީމަންޓް ބަލާނަން، އެއީ މިނިވަންކަމަށް ނުރައްކާވާކަމެއް ނަމަ އެ އެގްރީމަންޓް ބާތިލްކޮށް، އުތުރު ތިލަފަޅު ދިވެހީންނާ ހަވާލުކުރާނަން“ މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ނަމަ އުތުރުތިލަފަޅުގެ އެގްރީމަންޓް ބާތިލްކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވީ، އުތުރުތިލަފަޅު އެގްރީމަންޓްގައި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުހިމެނޭ ކަމަށާއި އުތުރުތިލަފަޅަކީ ދިވެހީންގެ މިލްކެއް ކަމަށެވެ. އަދި އެތަނުގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ 21 ފެބްރުއަރީ 2021ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް