ބުލޫމްބާރްގް ނިއުސް އިން ޚަބަރު ދީފައިވާ ގޮތުގައި 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރު ބްރިކްސް ކްލަބަށް މެމްބަރުން އިތުރު ކުރުމަށް މަގު އަމާންވެގެންދާތަން ފެންނަން ފަށައިފިއެވެ.
ދެކުނު އެފްރިކާގެ ބައިނަލް އަގްވާމީ ގުޅުންތަކާ ބެހޭ ވަޒީރު ނަލޭޑީ ޕާންޑޯރ އުބުންތު ރޭޑިއޯގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބްރިކްސް ކްލަބުގެ މެމްބަރުންނަށް ވުމުގެ އުސޫލުތަކާއި ގަވައިދު އެކުލެވޭ ޑޮކިއުމެންޓަށް މިހާރު ހިނގަމުން ދާ ސަމިޓުގައި ވަނީ އެއްބަސްވެވިފައެވެ.
އަދި އިތުރު ތަފްސީލުތައް ޖޮހަނަސްބާރގް ގައި މިހާރު ހިނގަމުންދާ ސަމިޓް ބުރާސްފަތި ދުވަހު ނިމުމުން އިއުލާން ކުރެވޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަ ފުޅުގައި ވަކި ގައުމުތަކެއްގެ ނަން ވިދާޅު ނުވިކަމުގައިވިޔަސް ސައޫދީ އެރޭބިޔާ އާއި އިންޑޮނޭޝިޔާ އަދި މިސްރާއި އާރޖެންޓީނާ އެކްލަބުގައި ބައިވެރި ވުމަށް ޝައުގުވެރިވާކަން ކުރިއްސުރެންވެސް އޮތީ ހާމަވެފައެވެ.
މެމްބަރުން އިތުރު ކުރަން ޗައިނާއިން އިސްނެގުމާއެކު ރަޝިޔާއާއި ދެކުނުއެފްރިކާއިން ވަނީ ތާއީދުކޮށްފައެވެ. އަދި އިތުރަށް ވިސްނުމަށް ބްރެޒިލުގެ ވިސްނުން ގެންގުޅޭއިރު ބްރިކްސްއަކީ އަވަށްޓެރިންގެ ފަރާތުން ވާހަކަދައްކާ ކްލަބަށް ވެދާނެ ކަމުގެ ޖެހިލުންވުން އިންޑިއާއި ގެންދަނީ ފާޅުކުރަމުންނެވެ.އެހެންނަމަވެސް އެންމެފަހު ވަގުތުގައި މެމްބަރުން އިތުރު ކުރަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ތާއީދު ކުރެއްވުމާއި އެކު އެކަމުގެ މަގުތައް ފަހިކުރުން އަވަސްކުރުމަށް ޗްއިނާގެ ރައީސް ޝި ޖިންޕިން އެދިވަޑައިގަތެވެ.ބޮޑުވަޒީރު މޯދީ ވިދާލުވެފައިވަނީ ބްރިކްސް އަށް މެމްބަރުން އިތުރުކުރުމަށް އިންޑިއިން ފުރިހަމައަށް ތާއީދު ކުރާކަމަށާއި އަދި ބްރިކްސްގެ ކަންތައް ދުވަހުންދުވަހަށް މުރާޖަޢާކޮށް ހިންގާނެ ކޮންސޯރޓިއަމެއް އުފައްދަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ބްރިކްސްގެ ނިއު ޑިވެލޮޕްމެންޓް ބޭންކުގެ ޗީފް ފައިނޭނަޝަލް އޮފިސްރު ލެސްލީ މާސްޑްރޮޕް ބުނެފައިވާ ގޮތުގައި މިހާރު އެ ބޭންކުން މެމްބަރު ގައުމުތަކުގެ އަމިއްލަ ފައިސާއިން ކުރަމުންގެންދާ ވިޔަފާރީގެ މުޢާމަލާތުތަކަށް ފަންޑުކޮށް ދެމުންގެންދާ %20 ކުރިއަށް އޮތްތަނުގައި %30 އަށް އިތުރުކުރެވޭނެއެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ބްރިކްސް ސަމިޓްގެ ނިންމުންތަކުގެތެރޭގައި އިތުރު 6 ގައުމަކަށް އެ ޖަމާޢަތުގައި ބައިވެރިވުމުގެ ދައުވަތު ލިބިއްޖެއެވެ. އެއީ ދުނިޔޭގައި ތެލުގެ މުއްސަނދިކަން އެންމެބޮޑަށް ލިބިފައިވާ ސަޢޫދީ އެރޭބިޔާއާއި އީރާނާއި އެމިރެޓްސް އެވެ.
އަދި މިސްރާއި އާރޖެންޓީނާއާއި އިތިއޯޕިޔާއިން ވެސް އެ ޖަމާޢަތުގެ މެމްބަރުންނަށް 2024 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުންފެށިގެން ވެވޭނެކަމަށެވެ.
އީރާނުގެ ރައީސް އާއި ސަޢޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރުވެސް އެ ސަމިޓުގައި ބައިވެރިވެ ވަޑައިގަތެވެ. އީރާނުން ބްރިކްސް ބައިވެރިވުމުގެ ދައުވަތު ލިބުމުން ރައީސީ ވިދާޅުވި ކަމަށް ޚަބަރުތަކުގައި ބުނަމުންގެންދަނީ އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އީރާނުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ އެންމެ ރަނގަޅު ގޮތުގައިކަން ހާމަވެގެން ހިގައްޖެ ކަމަށެވެ.
ސަޢޫދީ އެރޭބިޔާއާއި އެމިރޭޓްސްއިން މާލީ ގޮތުން ބްރިކްސް ބޭންކް ބާރުވެރިކުރުވާނެ ކަމަށް ބެލޭއިރު އިތިއޯޕިއާއަކީ ފަހަކަށް އައިސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއެކު ގުޅުން ގޯސްވެފައިވާ ގައުމެކެވެ. ހަމައެއާއިއެކު މިސްރާއި އާރޖެންޓީނާއަކީ ދުނިޔޭގެ ބޭންކުގެ ދަރަނީގެ ލިސްޓުގެ ކުރީ ސަފުގައި ހިމެނޭ ދެ ގައުމެކެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމް ހުއްޓުވޭނެ މަގެއް ހޯދުމަށް ބާރު އަޅުއްވައި ބްރެޒިލްގެ ރައީސް ބްރިކްސް ސަމިޓުގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުން ތަކުން މުޅިދުނިޔެއަށް ކުރަމުން ގެންދާ ނޭދެވޭ އަސަރުތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ދުނިޔެއަކީ ސުލްޙަވެރި ތަނަކަށް ހެދުމަށް ބްރިކްސް އިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ހަމަ މިމޭރުމުން އިންޑިއާއާއި ޗައިނާއާއި ދެމެދު އުފެދިފައިވާ ސަރަޙައްދުގެ މައްސަލަވެސް ސުލްޙަވެރި ގޮތެއްގައި ޙައްލުކުރުމަށް ސަމިޓްގެ ބައިވެރިން އެދިވަޑައިގަންނަވާކަން ފާޅުކުރައްވައިފާ ވެއެވެ.