އަނެއްކާވެސް ކާރގޯ ބޯޓުފަހަރަށް ރިޔަލުގެ ޒަމާން 

Loading

Facebook
Twitter
WhatsApp


ޖައްވުތެރެއަށް ފޮނުވާ ވިހަ ގޭސް ތައް މަދުކުރުމުގެ ބޭނުމުގައި ސައިންސާއި ޓެކްނޯލޮޖީ ބޭނުންކޮށްގެން އަނެއްކާވެސް ރިޔަލުގެ ޒަމާން އަތުވެއްޖެއެވެ. މިފަހަރު މަސްދޯނި ދޯނިފަހަރުގައި އެކަންޏެއް ނޫނެވެ.       

އިންޖީނާއިއެކު ރިޔަލުގެ ބޭނުންވެސް ކޮށްގެން ދުއްވާގޮތަށް އިނގިރޭސި ވިލާތުގެ ބާރ ޓެކްނޯލޮޖީސް އިން އީޖާދުކުރި ނިޒާމް ގާއިމްކުރި ފުރަތަމަ ކާރގޯ ޝިޕް “ ޕިކްސިސް އޯޝަން “ ގެ ފުރަތަމަ ދަތުރު އިނގިރޭސި ވިލާތުގެ ކާރގިލްސް އިން މިހާރު ވަނީ ޗާރޓަރު ކޮށްފައެވެ.

މިއީ ނުވަދިހަ ދެހާސްޓަނުގެ ބަލްކް ކެރިއަރެކެވެ. ދިގުމިނުގައި 229 މީޓަރ އަދި ފުޅާ މިނުގައި 32 މީޓަރު ހުންނަ މި ބޯޓު ރަޖިސްޓަރީ ކުރެވިފައިވަނީ ސިންގަޕޯރުގައެވެ. 

ވިންޑް ވިންގް ( ވައި ފިޔަ ) ގެ ނަންދެވިފައިވާ ރިޔަލުގެ ސަބަބުން ތެލުގެ ބޭނުން ކުޑަވެ އަދި ޖައްވަން ފޮނުވެމުންދާ ވިހަ ގޭސްތައް މަދުކުރުމަށް އެހީވެދޭނެކަމަށް ކާރގިލް އިން އުންމީދުކުރެއެވެ. މިހާރު އަންދާޒާ ކުރެވިފައިވާ ގޮތުގައި  ޖައްވަށް ދޫކުރާ ކާރބަން ޑައިއޮކްސައިޑްގެ %2.1 ގެ ޒިންމާއި އުފުލަން ޖެހެނީ ޝިޕިންގ އިންޑަސްޓްރީންނެވެ.                                                  

ބޯޓު ބަނދަރުގައި އޮންނަ ދުވަސްތަކުގައި ވިންޑް ވިންގް އޮންނާނީ މަޅާލާފައެވެ. ޕިކްސިސް އޯޝަންގައި ހަރުކޮށްފައިވާ ކޮންމެ ވިންޑް ވިންގެއްގެ އުނސްމިނުގައި 123 ފޫޓުހުރެއެވެ. ރިޔާ ހަދާފައިވަނީ ގިނަދުވަހު ހުންނަގޮތަށް ވިންޑް ޓައިބައިންވެސް ހަދަން ބޭނުންކުރާ މަޢުދަން ބޭނުން ކޮށްގެނެވެ.                                

2017 ގައި ބަނދެފައިވާ ޕިކްސިސް އޯޝަންގައި ރިޔާ ހަރުކޮށްގެން ކުރާ ފުރަތަމަދަތުރު ކުރަމުން މިހާރުގެންދަނީ ޗައިނާއިން ބްރެޒިލަށެވެ. މިހާރު ބޯޓުގެ ދަތުރަށް ވަނީ ފަށާފައެވެ. މި ބޯޓު ދުއްވުމުގައި އިންޖީނާއެކު ރިޔާވެސް ބޭނުންކުރާނެއެވެ. އަދި އޭގެ ސަބަބުން ބޯޓު ދުއްވުމުގެ ޚަރަދުން %30 ސަލާމަތް ކުރެވޭނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެވެއެވެ.                                                                

ކާރގިލް އޯޝަން ޓްރާންސްޕޯރޓޭޝަންގެ ރައީސް ޖޭން ޑިއެލްމަން ބުނެފައިވަނީ މި ބޯޓުގެ ބޭނުންކޮށްގެން ރަން އިލޮށިން ކަދުރު ކާންދެނީ ނޫންކަމަށާއި އެހެންނަމަވެސް ޓެކްނޯލޮޖީ ކުރިއަރަމުންދާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެން ދާކަމަށެވެ. 

ބީބީސީ އަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުނީ މީގެ ހައެއްކަ އަހަރު ކުރިންވެސް ޝިޕިންގ އިންޑަސްޓްރީ މިފެންވަރަށް މިހާއަވަހަށް ތަރައްގީ ކުރެވިދާނެކަމަށް ގަބޫލުކުރުމަކީވެސް އުދަނގޫ ކަމެކެވެ. 

އެކަމަކު މިއީ ކުރެވިދާނެ ކަމެއް ކަން މިހާރު މިވަނި އެނގިފައެވެ. ހަމައެކަނި ފަސޭހައިން މިބަދަލު ގެންނާނެ ގޮތެއް އަދިވެސް ހޯދަން ޖެހެނީއެވެ. އަހަރެމެން މި މަސައްކަތް ފަށައިގަތީ މިކަމުގައިހުރި މައްސަލަތައް ދެނެގަނެ އެކަންތައް ޙައްލުކުރުމުގެ މަގު ފަހިކޮށް ދިނުމަށެވެ.                                              

ޕިކްސިސް އޯޝަންގެ ދަތުރަށް ހައެއްކަ ހަފްތާ ނަގާނެކަމަށް ބެލެވުނުނަމަވެސް  ރިޔަލުގެ ފުރިހަމަ ބޭނުން ކުރެވިއްޖެނަމަ ދަތުރު އަވަސް ވުމުގެފުރުސަތު ވަރަށް ބޮޑެވެ.                                      

އިނގިރޭސި ވިލާތުގެ ބާރް ޓެކްނޯލޮޖީގެ މި އީޖާދަށް ފޮރމިއުލާ 1 ގެ ނަމުންވެސް ކިޔެއެވެ. މި ފޮރމިއުލާ 1 އީޖާދު ކުރުމުގައި ޙަރަކާތްތެރިވި ޓީމުން ވާހަކަ ދައްކަމުން އެ ޓީމުގެ ފަރާތުން މެކްލާރެން ބީ ބީ ސީ އަށް ހާމަކުރި ގޮތުގައި މިއަށްވުރެން ގިނަ ދުވަސްނެގި މަޝްރޫއަކާއި މިހާތަނަށް ދިމާވެފައެއް ނުވެއެވެ.

ފޮރމިއުލާ 1 އަކީ އިނގިރާސި ވިލާތުގެ އީޖާދެއް ކަމުގައި ވިޔަސް އެއީ ޗައިނާގެ އުފެއްދުމެކެވެ. އަދި ބާރ ޓެކްނޯލޮޖީސް އިން އެ ނިޒާމު ޢީޖާދުކުރުމުގެ ޙަރަކާތުގައި އިސްކޮށް އުޅުނު ޖޯން ކޫޕަރ ބީ ބީ ސީ ގައި ވާހަކަ ދައްކަމުން ބުނިގޮތުގައި އިނގިރޭސި ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އިނގިރޭސިވިލާތުގައި އެ މަސައްކަތް ނުކުރެވި ޗައިނާގައި އެއުފެއްދުން ވުޖޫދު ކުރަން ޖެހުމަކީއެއީ ލަދުގަންނަން ޖެހޭ ކަމެކެވެ.             

މެކްލާރެންގެ ވާހަކައިގާ 2025 ވަނައަހަރު އަންނައިރު މުދާ އުފުލާ ގިނަ ބޯޓުތަކެއްގައި ވިންޑް ވިންގް ގާއިމް ކުރެވިގެންދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަން ފާހަގަ ކުރިއެވެ.                                   

ތަޖްރިބާކާރުން ހާމަކުރަމުން ގެންދާ ގޮތުގައި ރިޔަލުގެ ބޭނުން ކުރުމުގެ ޓެކްނޯލޮޖީ ތަރައްގީ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އޭރުން މިހާރު ބައިނަލް އަގްވާމީ ބަނދަރުތަކަށް މުދާ އުފުލުމަށް ބޭނުން ކުރެވެމުންދާ ބޯޓުފަހަރުން ބޭރުކުރާ އަށްސަތޭކަ މިލިއަންޓަނަށް ވުރެން ގިނަ ކާރބަންޑައިއޮކްސައިޑުގެ ވަރަށް ބޮޑު ޙިއްސާއެއް ސަލާމަތް ކުރެވޭނެކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ.

އެހެންނަމަވެސް މިފަދަ ޢީޖާދުތައް ކުރިއަރުވަން ހިތްވަރު ނުދޭނަމަ 2050  ވަނަ އަހަރާ ހަމަޔަށް ދާންވާއިރު މިހާރު ޖައްވުގެތެރެއަށް ދޫކުރެވެމުންދާ ވިހަ ގޭހުގެ މިންވަރު ސުމަކަށް ދަށްކުރާނެކަމަށް ބާރުއަޅަމުން ދުނިޔޭގެ ލީޑަރުން ދައްކަމުންގެންދާ ތަސްވީރުގައި ދަތެއް ނުހުންނާނެއެވެ. ޔުނިވަރސިޓީ އޮފް މެންޗެސްޓަރގެ ރިސާރޗަރ ޑޮކްޓަރ ސައިމަން ބުލޮކްވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ.                                                          

ކްލަރކްސަންސް ރިސަރޗްގެ މެނޭޖިންގ ޑިރެކްޓަރ ސްޓެފަން ގޯރޑަން ބުނެފައިވާ ގޮތުގައި ރިޔާބޭނުން ކުރުމުގެ ވިސްނުން މަޑުމަޑުން ނަމަވެސް ދަނީ އަށަގަންނަމުންނެވެ. ފާއިތުވެގެން މިދާ ބާރަ މަސްދުވަހުގެ ތެރޭގައިވެސް މިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ވަރަށް ކައިރި މުސްތަގްބަލެއްގައި އިތުރު ސަތޭކަވަރަކަށް ބޯޓުގައި ރިޔަލުގެ ޓެކްނޯލޮޖީ ގާއިމް ކުރެވިގެންދާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.                 

Loading

One Response

  1. ސަޅި. ވަރަށް ރަނގަޅުގޮތެކެވެ. އެހެނީ ރަނގަޅަށް ވައިޖެހެންޏާ ވަރަށް ތެޔޮ ސަލާމަތްވެ ދަތުރު އަވަސްވާނެއެވެ. ބެސްޓް 2023 ސްޓައިލް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް