ލަންކާގެ އެއް އެއާޕޯޓު ހަމައެކަނި ފަތުރުވެރިންނަށް ހާއްސަކުރަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ ޓޫރިޒަމް ސިނާއަތް އަލުން ހުޅުވައިލުމަށް އަންނަ ނޮވެމްބަރު މަހު ސްރީލަންކާގެ އެއް އެއާޕޯޓު ހަމައެކަނި ފަތުރުވެރިންނަށް ހާއްސަކުރަން އެގައުމުގެ ތިން މިނިސްޓްރީ އެއް ގުޅިގެން ހުށަހަޅަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ލަންކާގެ ބައިނަލްއަގުވާމީ ދެ އެއާޕޯޓުކަމަށްވާ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާތަލޭ އެއާޕޯޓު ބަންދުކޮށްފައި ވަނީ މިދިއަ މާޗު މަހު އެވެ. މިބަލިމަޑުކަމާއި ގުޅިގެން އެއާޕޯޓުތައް ބަންދު ކުރުމަށް ފަހު، އަލުން ހުޅުވާލަން މިދިޔަ އޮގަސްޓް އެއްވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް، އޭގެ ކުރީ މަހު ކޮވިޑް-19 އިގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، އެއާޕޯޓް ހުޅުވުން މި މަހަށް ފަސްކުރީ އެވެ.

މިހާރު އެއާޕޯޓުތައް އަލުން ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ލަންކާގެ ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސެކްރެޓަރީ އެސް ހެއްޓިއަރާއްޗީ ވިދާޅުވީ، ޓޫރިޒަމް އަލުން ފެށުމުގެ ޕްލޭނަކަށް ޓޫރިޒަމާއި، ހެލްތު އަދި އޭވިއޭޝަން މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޕްލޭނުގެ ދަށުން ތިން މިނިސްޓްރީން ހުއްދައަށް އެދޭނީ އެއް ފަހަރާ 10 އިން ފެށިގެން 100 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ގެނެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހެއްޓިއަރާއްޗީ ވިދާޅުވި ގޮތުގައި ސަރުކާރުން ފުރަތަމަ އިސްކަންދޭނީ އެއް މަހާއި ތިން މަހުގެ މުއްދަތަށް ލަންކާއަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުންގެ އިތުރުން، ފިނި މޫސުމުގައި އަންނަން ބޭނުންވާ އުމުރުން ދުވަސްވީ ފަތުރުވެރިންނަށް ކަމަށެވެ. ނަމަވެސް، ކުރިން ރޭވިފައިވާ ގޮތަށް ލަންކާއަށް އެތެރެވާ ޓޫރިސްޓުން އެމީހުން ތިބޭ ހޮޓަލެއްގައި އެކަހެރިވެގެން ތިބެންޖެހޭ 14 ދުވަހުގެ މުއްދަތުގައި ތިން ފަހަރަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޓެސްޓު ހެދުންފަދަ ކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް، ޓޫރިސްޓުން އަތުން ކޮވިޑު ފީ އެއް ތައާރަފު ކުރުމަކީ ވެސް އެ ޕްލޭނުގެ ބައެކެވެ.

ލަންކާގެ މައި ދެ އެއާޕޯޓު އަލުން ހުޅުވާލެވެންދެން ސަރަހައްދުގެ ބައެއް ގައުމުތަކުން އަންނަ ފްލައިޓުތައް ރަތުމަލާނަ އެއާޕޯޓަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކުން އަންނަ ފްލައިޓުތައް ހިމެނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް