ފިޑެލް ކާސްޓްރޯއަކީ ކާކުކަން އެނގޭ ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ކިއުބާގެ މަޝްހޫރު އިންގިލާބީ އަދި ސިޔާސީ ލީޑަރެއްކަމަށްވާ ފިޑެލް ކާސްޓްރޯ އުފަންވީ 1926 ވަނަ އަހަރުގެ މި ހަފްތާތެރޭގައެވެ. އޭނާ އިސްވެހުރެ ޗޭ ގުއެވާރާ ފަދަ އެހެން އިންގިލާބީ ލީޑަރުންނާއެކު ގެރިއްލާ ކެމްޕޭނެއް ހިންގާ އޭރު އެމެރިކާގެ ތާއީދު ހޯދައިގެން ހުރި ހުދުމުޚުތާރު ވެރިޔާ، ފުލްގެންސިއޯ ބަޓިސްޓާގެ ވެރިކަން ވައްޓާލިއެވެ. އަދި ކިއުބާގެ އިންގިލާބުގެ ކުރިން، އެމެރިކާގެ ބާރުގެ ދަށުގައި ކިއުބާގެ މައިންތަކުގެ 90 އިންސައްތަ އޮތްއިރު، އާންމު ޚިދުމަތްތަކުގެ 80 އިންސައްތައާއި، ރެއިލްވޭތަކުގެ 50 އިންސައްތަ، ހަކުރު އުފެއްދުމުގެ 40 އިންސައްތައިގެ އިތުރުން 25 އިންސައްތަ ބޭންކް ޑިޕޮސިޓްތަކުގެ މަންފާވެސް ހޯދަމުންދިޔައީ އެމެރިކާއިންނެވެ.

ފިޑެލް ކާސްޓްރޯގެ ދަށުން ކިއުބާގެ ކޮމިއުނިސްޓުންގެ ދަށަށް ގައުމު ގެނައިތާ 30 މަސްދުވަސްތެރޭގައި، ފާއިތުވެދިޔަ 30 އަހަރުދުވަހުގެ ތެރޭގައި ނުހަދާހާ ގިނަ ކްލާސްރޫމްތައް ހަދައި ކިޔަވައިދޭން ފަށާފައިވެއެވެ. އަދި އެމީހުންގެ ވެރިކަމުގެ ފުރަތަމަ 6 މަސްދުވަސްތެރޭގައި 600 މޭލުގެ މަގުހަދައި، ސާފު ފެނާއި ނަރުދަމާގެ ޚިދުމަތް ބިނާކުރުމަށް 300 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ. ވެރިކަމުގެ ކުރީކޮޅުގައި، ކޮންމެ މަހަކު 800 ގެ ރާނައިފައިވާއިރު، ބޯހިޔާވަހިކަން ނެތް މީހުންގެ އަދަދު އެތައް ގުނައެއް ދަށްކޮށްފައިވެއެވެ. މީގެއިތުރުން، ކުޑަކުދީން ބެލެހެއްޓުމަށްޓަކައި ނާސަރީތަކާއި، ޑޭކެއަރ ސެންޓަރުތައް ބިނާކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މުސްކުޅީން ބެލެހެއްޓުމަށްޓަކައި އެހެނިހެން ސެންޓަރުތައްވެސް ހުޅުވިއެވެ.

fidel castro

އިންގިލާބީ ސަރުކާރު އައުމާއެކު، ކިއުބާގެ ސިއްޙީ ޚިދުމަތްތައް ފުރިހަމަކޮށް އާންމުކޮށް ފުޅާކުރިއެވެ. އަދި، ބޮޑެތި އިންވެސްޓްމަންޓްތަކާއެކު އެތައް މިލިއަން މީހުންނަށް ސިއްހީ ޚިދުމަތް ހިލޭ ލިބޭނެ މަގުފަހިކޮށްދިނެވެ. ތުއްތު ދުވަސްވަރު ޖެހޭ ބޮޑެތި ބަލިތަކުން ރައްކާތެރިކުރުމަށްޓަކައި ވެކްސިން ޖެހުން އާންމުކޮށް، ކުޑަކުދިން ޅަފަތުގައި މަރުވާ އަދަދު މަދުވެގެންދިޔައެވެ. އަދި ކިއުބާގެ ”ޑޮކްޓަރުންގެ ވަފްދުތައް“ ހާލުގައި ޖެހިފައިވާ އެހެން ގައުމުތަކަށް ފޮނުވުނެވެ. އެގޮތުން، 1963 ވަނަ އަހަރުއްސުރެ ފެށިގެން މިހާތަނަށް ކިއުބާގެ 600،000 އަށްވުރެ ގިނަ ސިއްހީ ޙިދުމަތްތެރިން ދުނިޔޭގެ 160 އަށްވުރެ ގިނަ ގައުމުގައި ސިއްހީ ޚިދުމަތް ދީފައިވެއެވެ.

ފިޑެލް ކާސްޓްރޯގެ ކިއުބާވެފައިވަނީ ކުރިއަރަމުން އައި ދުނިޔޭގެ އިސްތިއުމާރީ ބާރުތަކާއި ދެކޮޅަށް މިނިވަންކަން ހޯދުމަށް މަސައްކަތްކުރި އެތައް ބަޔަކަށް ވަރަށް ބޭނުންތެރި ފިލާވަޅުތަކެއް ދަސްކޮށްދިން ބަދަލަކަށެވެ. އެގޮތުން، ދެކުނު އެފްރިކާގެ އެންޓި-އެޕާޓްހައިޑް ހަރަކާތަށް މާއްދީ އެހީތެރިކަން ކިއުބާއިން ފޯރުކޮށްދީފައިވާއިރު، އަންގޯލާއަށާއި ފަލަސްތީނަށްވެސް އެފަދަ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

އެމެރިކާއިން ކިއުބާއަށް ކުރިމަތި ކުރުވި ގާނޫނާ ޚިލާފު އެމްބާގޯ ނުވަތަ މުދާ އުފުލާ ބޯޓުތަކުން އެގައުމާއެކު ވިޔަފާރިކުރުން ހުއްޓުވުމަށް ނެރުނު ގާނޫނާއި ޚިލާފު އަމުރާއެކުވެސް، މިއަދު އެމެރިކާއަށްވުރެ ކިއުބާގެ ލައިފް އެކްސްޕެކްޓެންސީ މާ މައްޗެވެ. އަދި ނިސްބަތުން ޑޮކްޓަރުންގެ އަދަދުވެސް އެމެރިކާއަށްވުރެ އިތުރެވެ. ހަމައެއާއެކު، ކިއުބާއަކީ ޅަފަތުގައި ކުދިން މަރުވާ އަދަދު އެންމެ ދަށް 35 ގައުމުގެ ތެރޭގައި ހެމެނޭ އެއްގައުމު ކަމަށްވީއިރު، ތުއްތުއިރު ކުރިމަތިވާ މަލްނިއުޓްރިޝަން މުޅިން ނައްތާލާފައިވާ ގައުމެއްކަމަށް ޔުނިސެފުން އިއުލާނުވެސް ކޮށްފައިވާ ގައުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް