އާކްޓިކަށް ކަޅު އަހަރެއް! ރެކޯޑް މިންވަރަކަށް ގަނޑުފެން ވިރިއްޖެ!

Loading

Facebook
Twitter
WhatsApp
 އާކްޓިކް ކަނޑަކީ ދުނިޔޭގެ އެންމެ އުތުރުގައިވާ، އެތަނެއްގައި ދުނިޔޭގެ ގަނޑުފެނުގެ ބޮޑު އިންސައްތައެއް ހިމެނޭ ސަރަހައްދެކެވެ. ހިނގަމުންމިދާ 2020 ވަނަ އަހަރަކީ އާކްޓިކް ކަނޑަށް ކަޅު އަހަރެއް ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ. މިގޮތުން ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ދެވަނައަށް އެންމެ ބޮޑަށް ގަނޑުފެން ވިރިފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށް ސައިންސްވެރިންވަނީ ލަފާ ކޮށްފައެވެ.
     އެމެރިކާގެ ”ނެޝަނަލް ސްނޯ އެންޑް އައިސް ޑޭޓާ ސެންޓަރ“ އިން ބުނާގޮތުގައި، ސެޓެލައިޓްތަކުން ރެކޯޑް ކުރެވިފައިވާ މަޢުލޫމާތައް ބަލާއިރު، މިހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާކްޓިކްގައި ހުރި ގަނޑުފެނުގެ މިންވަރުވަނީ  1.4 މިލިއަން އަކަމޭލަށް ދަށްވެފައެވެ. މިއީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި 4 މިލިއަން އަކަމޭލަށްވުރެން ގަަނޑުފެނުގެ ނިސްބަތް ދަށްވި ދެވަނަ ފަހަރުކަން އެސެންޓަރުން ރިޕޯޓްކުރެއެވެ.
      ”މިއީ ދުނިޔޭގެ އުތުރުގެ ސަރަހައްދުތަކަށް ކަޅު އަހަރެެއް، އާކްޓިކްގައި ރެކޯޑް މިންވަރަކާ ގާތަށް ގަނޑުފެންވިރުމުގެ އިތުރުން، ސައިބީރިއާއަށް އާދަޔާ ޚިލާފަށް ހޫނު ގަދަވުމާއި، އެކި ސަރަހައްދުތަކުގެ ޖަންގަލީގައި އަލިފާން ރޯވެ ބޮޑު ސަރަހައްދެއްވަނީ އަނދައިފަ“. އެންއެސްއައިޑީސީގެ ޑިރެކްޓަރ މާކް ސެރޭޒް ބުނެފައިވެއެވެ.
     އާކްޓިކް ކަނޑުގެ ގަނޑުފެން ވިރުމާއި ގުޅިގެން އެސަރަހައްދުގެ ކަނޑުގެ ބޮޑު ސަރަހައްދެއް އިރުގެ ދޯދިތަކަށް ހުށަހެޅެމުން ދިޔުމާއި ގުޅިގެން، އެސަރަހައްދުގެ ފިނިހޫނުމިން މައްޗަށްދާ މިންވަރުވަނީ ވޭތުވެދިޔަ 30 އަހަރުގައި ދެގުނަ އިތުރުވެފައެވެ. މިކަމުގެ ނޭދެވޭ އަސަރު އެސަރަހައްދުގެ އެކި ދިރުންތަކައްވެސް އެކި ސިފަސިފައިގައި ދަނީ ކުރަމުންނެވެ.
     ދުނިޔެ ހޫނުވެ، މިފަދަ ގަނޑުފެނުގެ ސަރަހައްދުތައް ވިރެމުން ދިޔުމުން، އެކަމުގެ ނުރައްކާ އެންމެ ބޮޑީ ދިވެހިރާއްޖެ ފަދަ ތިރި، ޖަޒީރާ ޤައުމުތަކަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖޭގެ ޖަޒީރާ ރަށްތަށް ފެނުގެ ތެރެއަށް ޣަރަޤު ވެގެން ކުރިޔަށް އޮތް އަހަރުތަކުގައި ހިނގައިދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.
   ދުނިޔެ ހޫނުވުން ނުވަތަ ”ކްލައިމެޓް ޗޭންޖް“ ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އެގޮތުން 2015 ވަނަ އަހަރުގައި އެކުލަވާލެވުނު ”ލޭންޑްމާކް ޕެރިސް ކްލައިމެޓް ޑީލް“ އެއްބަސްވުމުގައި ބައިވެރިވި ޤައުމުތަކުން ވަނީ، ދުނިޔޭގެ ފިނިހޫނުމިން އިތުރު 2ޑިގްރީ ސެލްސިއަސް އަށް މައްޗައް ދިޔުން ހުއްޓުވުމަށްޓަކާ، އެޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަގޭހުގެ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.
     ދުނިޔެއަށް މިހާރު ދިމާވެފައިވާ ކޯވިޑް19 ގެ އުނދަގޫ ދުވަސްތަކުގެ ސަބަބުން، ހުއްޓުމަކަށް އައިސްފައިވާ ސިނާޢަތްތަކާއި ގުޅިގެން ތިމާވެއްޓަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ބައެއް ސައިންސްވެރިން ޤަބޫލު ކުރެއެވެ. ސައިންސްވެރިން ބުނާގޮތުގައި މިއީ ދުނިޔެ ”ހީލް“ ވުމަށް ލިބިގެން ދިޔަ ފުރުސަތެކެެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް