ގޭންގުތަކާއި ހަނގުރާމަކުރުމަށް އެލް ސެލްވަޑޯރގެ އެތައް ހާސް ސިފައިންނެއް މަގުމައްޗަށް ނެރެނީ

Loading

Facebook
Twitter
WhatsApp

ގޭންގު މާރާމާރީއާއި ހަމަނުޖެހުން ނައްތާލުމަށްޓަކައި އަސްކަރީ ބާރުގެ 8000 ސިފައިން މަގުމައްޗަށް ނެރުމުގެ އަމުރެއް ސެލްވަޑޯރގެ ރައީސް ނަޔިބް ބުކޭލޭ ނެރުއްވައިފިއެވެ. އޭނާ ވެރިކަމަށް ހޮވިވަޑައިގަތީ އެގައުމުގައި ދިރިއުޅޭ ހުރިހާ ގޭންގު މެންބަރުން ހިފައި ހައްޔަރުކުރުމަށް ވައުދުވެގެންނެވެ.

އެގޮތުން، ސެލްވަޑޯރގެ އެތައް ހާސް ސިފައިންނާއި ފުލުހުން ގޭންގުތަކުގެ ހަރަކާތްތައް އެންމެ ބޮޑަށް އޮންނަ ކަބާނާސްގެ މައި ސަރަހައްދު މިހާރު ވަށާލާފައިވާކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ބުކޭލޭ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގައެވެ. އަދި އޭރުއްސުރެ ދިހަ ހާހުން ގޭންގު މެންބަރުން ހިފައި ހައްޔަރުކޮށްފައިވާއިރު، އޭނާގެ އެ ނިންމުމަށް ގިނަ އާންމުންގެ ތާއީދުވެސް ވަނީ ލިބިފައެވެ. އެހެންނަމަވެސް، ބުކޭލޭގެ އެނިންމުމާއި މެދު އިންސާނީ ހައްޤުތަކާއި ބެހޭ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަސްކަރީ ސިފައިންވަނީ އެތައް ފަހަރެއްގެ މަތީން ބޮޑެތި ސިޓީތައް ވަށާލައި، ބަންދުކޮށް، ދޮރުން ދޮރަށް ގޮސް ގޭންގު މެންބަރުން ހޯދާފައެވެ. ނަމަވެސް، މިފަދަ ބޮޑު ސަރަހައްދެއް ބަންދުކޮށް ވަށައިލި މިއީ ފުރަތަމަ ފަހަރެވެ.

”ސިފައިންގެ ޒިންމާއަކަށްވާނީ އެސަރަހައްދުން އެއްވެސް ގޭންގު މެންބަރަކު ނުކުތަ ނުދީ ބަންދުކޮށްލުން. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ސަޕްލައި ލައިންތައް މެދުކަނޑާލުން.“ އެކްސް، ނުވަތަ ކުރީގެ ”ޓްވިޓާ“ގައި އަންގާރަ ދުވަހު ބުކޭލޭ ލިޔުއްވިއެވެ.

އޭނާ ވިދާޅުވީ ”ހުރިހައި ގޭންގު މެންބަރުން ހިފައި ހައްޔަރުކުރެވެންދެން“ އެސަރަހައްދު ބަންދުކުރެވިފައި އޮންނާނެ ކަމަށާއި، ”ސަލާމަތްވާނެ އެއްވެސް މަގެއް ނެތް.“ ކަމަށެވެ.

Loading

One Response

  1. ރާއްޖޭގެ ރައްޔިތުން މިގައުމުގައި ތިިބި ގޭންގު ތަކާއި ޑްރަގު ނައްތާލަން ބޭނުންނަމަ ޢުމަރު ނަޞާރު ވެރިކަމަށް ގެންނަވާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް