ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ

Loading

Facebook
Twitter
WhatsApp

ބައެއް ލިޔުންތެރިން ފާހަގަކުރައްވާ ގޮތުގައި، ގައުމެއްގެ ތަރައްގީގެ ހަޔާތުގައި ތަފާތު އެކި މަރުޙަލާތައް ކަޑައްތުކުރަން ޖެހެއެވެ. ބަތަލުންގެ ދައުރުގެ މަރުހަލާއެވެ. މިމަރުހަލާގައި ގައުމުގައި ކުރެވޭ ހުރިހާ ރަނގަޅުކަމަކާއި ލިބޭ ހުރިހާ ކާމިޔާބީތަކެއް ނިސްބަތްކުރެވެނީ އެވަގުތު ގައުމުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކަށެވެ. އަދި ހަމަ އެހެންމެ، ގައުމުގައި ހިނގާ ހުރިހާ ނުރަނގަޅު ކަމަކާއި ގައުމަށް ލިބޭ ނާކާމިޔާބީއެއް ވެސް އެވަގުތު ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅުވެއެވެ. ރާއްޖޭގެ ކައިރި މާޒީއަށް ބަލައިލި ކަމުގައި ވިޔަސް، ރާއްޖޭގެ ތަރައްގީގެ ހަޔާތުގައި ވެސް މި މަރުހަލާ ކަޑައްތުކުރަމުން ދާތަން ފެނެއެވެ. ރައީސް މުހައްމަދު އަމީނުގެ ދައުރުގައްޔާއި ރައީސް ނާސިރުގެ ދައުރުގައެވެ. އަދި ރައީސް މައުމޫނުގެ ދައުރުގައި ވެސް މެއެވެ.

ވެރިކަމުގެ މިދައުރުތަކުގައި، ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނަމަ، އެކަމުގެ ރީތި ނަން ލިބެނީ ވެރިޔާއަށެވެ. އަދި، ވެރިކަމުގައި ވެރިޔާ ހުންނަވާހާ ދުވަހަކު، އެއްވެސް ކަހަލަ ބިނާކުރުވަނިވި ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލުމެއް ނެތި، ވެރިޔާއަށް ތައުރީފުގެ ބަސްތައް އިއްވައި، ޚުޝާމަދުގެ ގުލްދަޝްތާތައް އޭނާގެ ކަރުފުޅަށް އުކެއެވެ. ހަމަ އެހެންމެ، ވެރިޔާ ވެރިކަމުން ވަކިވެ ވަޑައިގަތުމުން، ގައުމާއި ކުރިމަތިވެފައި އޮންނަ ހުރިހާ ނުރަނގަޅު ކަމެއް، އޭނާގެ އިސްތަށިފުޅުގައި އަޅުވައި، އޭނާއަށް، ހަޑިހުތުރު ބަސްތައް ރައްދުކުރެވެއެވެ. ކުރިއެކޭ އެއްފަދައިން، އެއްވެސް ކަހަލަ، ބިނާކުރުވަނިވި ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލެވިގެންނެއް ނޫނެވެ. އާދެ، ތަރައްގީގެ ބަތަލުންގެ މަރުހަލާގައި، ވެރިޔާ ވެރިކަމުގައި ހުންނަވާއިރު، ގައުމުތަކުގެ މުވާތިނުން ދަންނަ ގައުމީ ޚިދުމަތަކަށް ވެފައި އޮންނަނީ، ދިވެހި ލިޔުންތެރިޔަކު އިބާރާތްކުރައްވާފައިވާ ފަދައިން، ވެރިޔާއަށް ’ލީޑަރު ތަސްބީހަ ކިޔައި‘ އޭނާއަށް ތައުރީފުގެ ބަސްތައް އިއްވުމެވެ. އަދި އޭނާގެ ވެރިކަން ނެތި ދިޔުމުން، އޭނައާ ދިމާއަށް ހަޑިހުތުރު އެއްޗެހި ކިޔައި ’މަހާނަމައްޗަށް މަޑިޔަށް ޖެހުމެވެ‘.

މިކަން މިހެން ދިމާވާން ޖެހޭ ސަބަބަކީ ކޮބައިކަމުގެ މައްޗަށް، ތަފްސީލީ ގޮތެއްގައި ބަލައިލުމަކީ، މި ލިޔުމުގެ މަގުސަދެއް ނޫނެވެ. ނަމަވެސް، މިކަމާ ބެހޭ ގޮތުން ކުޑައެއްޗެއް ބުނެލާފައި ފުއްދާލާނަމެވެ. މިކަމުގެ ސަބަބު ގުޅެނީ، މައިގަނޑު ގޮތެއްގައި، ވެރިކަމުގެ ނިޒާމަކީ ވަރުގަދަ އިސްތިބްދާދީ (ޑިކްޓެޓޯރިއަލް) ނިޒާމަކަށްވެފައި އޮތުމާއެވެ. އެއްވެސް ސިފައެއްގައި، މިނިވަންކަމާއެކު، ގައުމީ މައްސަލަތަކާ މެދު، ފާޑުކިޔުމުގެ ނަޒަރުން ބަލައި އެއްޗެއް ބުނުން މަނާކުރެވިފައި އޮތުމާއެވެ. މިކަމުގެ ސަބަބުން، ގައުމިއްޔަތެއް ހުރި، ގައުމުދެކެ ލޯބިވާ ހޭލުންތެރި، މުވާތިނުންތަކެއް އުފެދިފައި ނެތުމުން ވެސް މެއެވެ. މިހެންވެ، ވެރިޔާއަކީ، ހުރިހާ ގޮތަކުން ވެސް، ގައުމުގައި އެވަގުތު ހުންނެވި އެންމެ ’މޮޅު’، އެންމެ ’ހިކުމަތްތެރި‘ ހުރިހާ ކަމެއް ވެސް ’އެންމެ މޮޅަށް އެނގިވަޑައިގަންނަވާ‘ ބޭފުޅާ ކަމުގައި ބެލެވެނީއެވެ. އަދި، މިކަން، ވަރަށް ގިނަ ފަހަރު، ޚުދް ވެރިޔާއަށް ވެސް ގަބޫލުފުޅު ކުރެއްވެނީއެވެ. މިމަންޒަރު، ޚާއްސަ ގޮތެއްގައި، ރައީސް އަމީން ދީދީގެ ދައުރުގައްޔާއި، އަދި ފަހުން، ރައީސް މައުމޫނުގެ ދައުރުގައި ވެސް ފެނިގެންދިޔައެވެ. މިސާލެއް ލިޔެލާނަމެވެ. 1978ގައި ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަދުވަހެއް ނުވެ، މަޖީދިއްޔާ އިސްކޫލު ހޯލުގައި އޮތް ޖަލްސާއެއްގައި މަރުހޫމު ޝިހާބު ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫނަށް ތައުރީފުކުރައްވައި، ރައީސް މައުމޫނަކީ އެވަގުތު ރާއްޖޭގައި ހުންނެވި ’އެންމެ ބޮޑު އިލްމުވެރިޔާ’ކަމުގައި ވިދާޅުވިއެވެ. ދެން ޖެހިގެން އައި ދުވަހު، ދުވަހު ނޫހުގެ މައި ސުރުޚީއަކަށް އޮތީ ރައީސް މައުމޫނަކީ ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އިލްމުވެރިޔާކަމުގެ ވާހަކައެވެ. އަދި، އާންމު މުވާތިނުން، ހިތުގެ އަޑިން، މިކަން ގަބޫލު ވެސް ކުރިއެވެ. ނަތީޖާއަކަށްވީ، ވިދިގެން ދެން އައި ތިރީހަކަށް އަހަރު، މިކަން އޮތީ، ގަލުގައި ކަނޑައިނަގައި ލިޔެވިފައި އޮތް ފަދަ، ބަދަލުވެގެން ނުދާނޭ ހަގީގަތެއްގެ ގޮތެއްގައެވެ!

ތަރައްގީގެ މަގުގައި، ގައުމުތައް ކަޑައްތުކުރާ މަރުހަލާތަކުގެ ތެރޭގައި، ބަތަލުންގެ ދައުރާ ގުޅިފައި އޮންނަ އެހެން ދައުރެއްވެސް އޮވެއެވެ. ނަފުރަތުގެ މައްޗަށް ބިނާވާ ގުޅުންތަކާއި އިއްތިހާދުތައް އުފައްދާ ދައުރެވެ. ޚާއްސަ ގޮތެއްގައި، އިހުގައި އޮތް މުސްކުޅި ނިޒާމަކުން، އާ ނިޒާމަކާ ދިމާއަށް ގައުމުގެ ސިޔާސީ ނައު ދަތުރުކުރަމުންދާއިރުއެވެ. މިލިޔުމުގައި އަލިއަޅުވާލަން ގަސްދުކުރަނީ މިކަމުގެ މައްޗަށެވެ. އެންމެ ފުރަތަމަ، މީގެ މިސާލެއް، ދުނިޔޭގެ ތާރީޚުން ލިޔެލާނަމެވެ. މިކަމުގެ ވަރަށް ރަނގަޅު މިސާލެއް، 1930ގެ އަހަރުތަކުގެ ތެރޭގައި އިސްޕޭނުން ފެނިގެން ދިޔައެވެ.

1931ގައި، އިސްޕޭނުގައި އޮތް ރަސްކަން، ނިމުމަކަށް އައެވެ. ދެން، ވާތުފިޔައިގެ ސިޔާސަތުގެ ލީޑަރެއްކަމުގައި ހިމެނިވެވަޑައިގެންނެވި ޑރ. މެނުއަލް އަޒާންޏާގެ ޒައާމަތުގެ ދަށުގައި ޖުމްހޫރީ ސަރުކާރެއް ގާއިމުކުރެވުނެވެ. ވާތުފިޔައިގެ ސިޔާސަތޭ މިތާ މިނަންގަނެވެނީ އިހުގެ އާދަކާދަތަކާއި ދުރައްޖެހި، ގައުމީ މުއްސަނދިކަން، އާންމުންގެ މެދުގައި އަދުލުވެރި ގޮތެއްގައި ބެހުމުގެ ފިކުރުގެ ސިޔާސަތަށެވެ. މިކަން ކުރާނީ ކިހިނެތް ކަމާމެދު، ވާތުފިޔައިގެ ސިޔާސަތުގެ މީހުންގެ މެދުގައިވެސް ޚިޔާލު ތަފާތެވެ. ވާތުފިޔައިގެ އެއްކޮޅުގެ އަރިމަތީގައި ތިބީ ކޮމިޔުނިސްޓު ފިކުރުގެ މީހުންނެވެ. ހުރިހާ މުދަލަކީ ދައުލަތުގެ އެއްޗެއް ކަމަށް ބަލައި، އުފެއްދުންތެރިކަމުގެ ލަގަން، ސީދާ ދައުލަތުގެ ބާރުގެ ދަށަށް ގެނައުމުގެ ފިކުރުގެ މީހުންނެވެ. ވާތުފިޔައިގެ އަނެއްކޮޅުގެ އަރިމަތީގައި ތިބީ، ކޮމިޔުނިސްޓު ފިކުރުގެ މީހުން ބޭނުންވާ ގޮތަށް ކަންތައް ކުރަން ބޭނުންނުވި ކަމުގައި ވިޔަސް، ގައުމުގެ މުއްސަނދިކަން، އަދުލުވެރި ގޮތެއްގައި، އެންމެންގެ މެދުގައި ބެހި، އެކަން އެންމެނަށް ހިއްސާކުރެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ ފިކުރުގެ މީހުންނެވެ. ޑރ. އަޒާންޏާ ހިމެނިވަޑައިގަތީ ވާތު ފިޔައިގެ ސިޔާސީ ފިކުރުގެ ދެކޮޅުގެ މެދުގައި ހުންނެވި ޒައީމަކަށެވެ.

ޑރ. އަޒާންޏާގެ ވެރިކަމުގައި ހިންގާލެވުނު އިސްލާހީ ޕުރޮގުރާމުގެ ސަބަބުން ވާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންގެ ކިބައިންނާއި އަދި ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންގެ ކިބައިންވެސް ޑރ. އަޒާންޏާއާ ދެކޮޅުވެރިކަން ކުރިމަތިވިއެވެ. ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންނޭ ބުނެ އިޝާރަތްކުރެވެނީ ގައުމުގައި ކުރިން ވެސް އޮތް ގޮތަށް ކަންތައްތައް ބާއްވައި އިހުގެ ގޮތް ދަމަހައްޓަން ބޭނުންވި މީހުންނަށެވެ. މިސާލަކަށް މަދު އާއިލާތަކެއްގެ މިލްކުވެރިކަމުގެ ދަށުގައި ދަނޑުވެރި ބިންތައް ހަމަޖެހިފައި އޮންނަ އޮތުން ބަދަލުކުރަން ބޭނުން ނުވާ މީހުންނެވެ. މިކަން އިތުރަށް ސާފުވެދިޔުމައްޓަކައި، ރާއްޖޭގެ ރިސޯޓުތައް، މަދު ބައެއްގެ އަތްމަތީ އޮންނަ އޮތުން ބަޔަކު ބަދަލުކޮށްލަން އުޅެފި ނަމަ، މިހާރު ވެސް އެރިސޯޓުތައް، އެ އޮންނަ ގޮތުގައި އޮތުމުން ފައިދާތައް ލިބޭ މީހުންގެ ރައްދުފިއުލު (ރިއެކްޝަން) ހިތަށް ގެންނާށެވެ. މީގެ އިތުރުން، ކަނީސާގެ (ޗާޗުގެ) ބާރުގެ ދަށުގައި އޮތް ތައުލީމުގެ ކަންތައް ހިންގުމާއި ކައިވެނިކޮށްދިނުމުގެ ބާރުވެސް ކަނީސާ އަތުން ނިގުޅައިގަތުން، ޑރ. އަޒާންޏާގެ އިސްލާހީ ޕުރޮގްރާމުގައި ހިމެނުނެވެ. މިސަބަބުތަކައްޓަކައި ކަނާތު ފިޔައިގެ ސިޔާސީ ފިކުރުގެ މީހުން، ޑރ. އަޒާންޏާއާ ދެކޮޅުވެރިވިއެވެ. މީގެ އިތުރުން، ވާތުފިޔައިގެ ފިކުރުގެ އަރިމަތީގައި ތިބި، ވާތުފިޔައިގެ ސިޔާސީ ހަރުކަށި ފިކުރުގެ މީހުން ވެސް ޑރ. އަޒާންޏާއާ ދެކޮޅުވެރިވިއެވެ. އެމީހުންގެ ނަޒަރުގައި، ޑރ. މެނުއަލް އަޒާންޏާގެ އިސްލާހީ ޕުރޮގުރާމު، އެމީހުން ބޭނުންވާހާ ގާތަށް ވެސް ނުދެއެވެ.

ސިޔާސީ ފިކުރުގެ ދެފިޔައިގެ މީހުންވެސް ޑރ. އަޒާންޏާއާ ދެކޮޅު ހެދުމުގެ ނަތީޖާއަކަށްވީ 1933ގެ އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް ބަލިވެ، އަޒާންޏާގެ ސަރުކާރު ވެއްޓުމެވެ. އަދި އޭގެ ބަދަލުގައި ކަނާތު ފިޔައިގެ ސަރުކާރެއް ވެރިކަމަށް އައުމެވެ. ދެން، އަލަށް ގާއިމުވި ސަރުކާރުގެ ފަރާތުން، ޑރ. އަޒާންޏާ ގެންނެވި އިސްލާހުތައް އުވާލައި، ކުރިން ވެސް އޮތް ގޮތަށް ކަންތައްތައް ބަދަލުކޮށްލިއެވެ.

1933ގެ އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް ބަލިވީ، އެމީހުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުމާއި ބައިބައިވުމުގެ ސަބަބުންކަން ފާހަގަކޮށް، މި ޕާޓީތައް ނިންމީ ދެން އޮންނަ އިންތިޚާބެއްގައި އެންމެ އެކުވެ، އިއްތިހާދެއް އުފެއްދުމަށެވެ. ކަނާތު ފިޔައިގެ ޕާޓީ ބަލިކޮށް، އެމީހުން ވެރިކަމުން ދުރުކުރުމަށެވެ. ދެން، 1936ގައި އޮތް އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް އެކުވެ، އިއްތިހާދެއް އުފެއްދިއެވެ. އަދި، މިއިއްތިހާދު، 1936ގެ އާންމު އިންތިޚާބު ކާމިޔާބުކުރިއެވެ. ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، އިއްތިހާދުގައި ހިމެނުނު ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވެ، އިސްޕޭނަށް، ސިޔާސީ ހަމަޖެހުން ގެނެވޭނޭ ގޮތެއް ނުހެދުނެވެ. ނަތީޖާއަކަށްވީ، ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ ބައެއް އަސްކަރީން، ސަރުކާރާ ދެކޮޅަށް ނުކުމެ ބަޣާވާތްކުރުމެވެ. އަދި، މަދަނީ ހަނގުރާމައެއްގެ ތެރެއަށް، މުޅި ގައުމު ވެއްޓިގެން ދިޔުމެވެ.

މިހިސާބުން، ކުޑަކޮށް މަޑުޖައްސާލައި، ވިސްނާލުމުގެ ނަޒަރެއް ހިންގާލަން ޖެހެއެވެ. ވާތުފިޔައިގެ އިއްތިހާދުން 1936ގައި އިންތިޚާބު ކާމިޔާބުކުރުމަށް ފަހު، ސިޔާސީ ގޮތުން ގައުމަށް ހަމަޖެހުން ނުގެނެވުނީ ކީއްވެގެން ކަމާ މެދު ފިކުރުކޮށްލުމަށްޓަކައެވެ. މިކަން މިހެން ދިމާވީ، ވާތު ފިޔައިގެ ޕާޓީތަކުގެ ސިޔާސަތުތައް ތަފާތުވުމެވެ. އޭގެ ތެރޭގައި، ކުރިން ބުނިހެން، ކޮމިޔުނިސްޓު ފިކުރުގެ މީހުން ހިމެނެއެވެ. އަދި، މިފިކުރުގެ އެކި ދަރަޖަތަކުގެ މީހުން ހިމެނެއެވެ. ކޮމިޔުނިސްޓު ހަރުކަށި ފިކުރާއި، އޭގެ މެދުމިނުގެ ފިކުރުގެ މީހުންނެވެ. އަދި، ދައުލަތަކާއި ވަކި ޒައީމެއް އޮތުން ބޭނުން ނުވާ، އެނާކިސްޓު ފިކުރުގެ މީހުންވެސް މިބައިގައި ހިމެނެއެވެ. މި ފިކުރުގެ ވެސް، ތަފާތު ދަރަޖަތަކުގެ ޕާޓީތައް ހިމެނުނެވެ. ތެލާއި ފެނާއި އެކުނުވާނޭ ފަދައިން، އިއްތިހާދުވެ އެކު ނުވާނޭ މި ޕާޓީތަކުގެ މެދުގައި އިއްތިހާދެއް އުފެދެން ދިމާވީ ހަމަ އެންމެ ސަބަބެކެވެ. ކަނާތުފިޔައިގެ ވެރިކަމެއް އޮތުން ހުއްޓުވުމެވެ. އާދެ، ވާތުފިޔައިގެ މި ޕާޓީތައް އެއްވެ، އިއްތިހާދުވުން ބިނާވީ ނަފުރަތުގެ މައްޗަށެވެ. ކަނާތު ފިޔައިގެ ސިޔާސީ ފިކުރަށް އެމީހުން ކުރި ނަފުރަތެވެ. އެހެންވެ، ވާތުފިޔައިގެ މީހުންނަށް ކާމިޔާބު ލިބުމުން، އެމީހުންގެ މެދުގައި އޮތް ގުޅުން ނެތި ދިޔައެވެ. އެމީހުން އެއްކުރުވައި ބަނދެލި ވާ ފަށް، އާދެ، ކަނާތުފިޔައިގެ މީހުންނަށް ކުރި ނަފްރަތު، ނެތި ދިޔުމުންނެވެ. ދެން، އިއްތިހާދުގައި އެކުލެވުނު ވާތު ފިޔައިގެ ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވެ، ގައުމާއިގެން ކުރިއަށް ދާނޭ ގޮތެއް ހޯދުމުގެ މަސައްކަތް ނުކުރެވުނީއެވެ. މުހިއްމުކަމަކަށްވީ ކޮންމެ ބައެއްވެސް އެބައެއްގެ ގޮތް ހިންގާލަން މަސައްކަތްކުރުމެވެ. ގައުމުގެ މަސްލަހަތު އިސްކޮށްގެން، އާންމު ރައްޔިތުންގެ ލާބައާއި ފައިދާއަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރުމެއް ނޫނެވެ.

މިކަމުގެ ސަބަބުން، އިސްޕޭނަށް ސިޔާސީ ހަމަޖެހުން ނުލިބި، ސިޔާސަތުގެ ތެރެއަށް އަސްކަރީ ބާރުތައް ވަންނަން ދިމާވީއެވެ. އަދި، 1936ގައި މަދަނީ ހަނގުރާމައެއް އިސްޕޭނުގައި ފެށުނީއެވެ. 1939އާ ހަމައަށް، މި ހަނގުރާމަ ދެމިގެންދިޔައެވެ. ހަނގުރާމަ ނިމުނީ ކަނާތުފިޔައިގެ ގައުމިއްޔަތުގެ މީހުންނަށް ކާމިޔާބު ލިބިގެންނެވެ. ދެން، މިބައި މީހުންގެ ލީޑަރު، ޖެނެރަލް ފްރެންސިސްކޯ ފްރެންކޯގެ އިސްތިބްދާދީ ވެރިކަން ގާއިމުވިއެވެ. 1975ގައި، ޖެނެރަލް ފްރެންކޯ އަވަހާރަވުމަށް ދާންދެން މި ވެރިކަން ދެމިއޮތެވެ. ވެރިކަމުގެ ނިޒާމުއޮތީ އިސްތިބްދާދީ ސިފައެއްގައެވެ. އިދިކޮޅު ސިޔާސީވެރިން މަރައި ނުވަތަ ހައްޔަރުކޮށް ނެތިކޮށްލެވުނެވެ. ނަމަވެސް، ނަވާރަ ސަތޭކަ ފަންސާހުގެ ފަހުގެ އަހަރުތަކުގައި ސިޔާސީވެރިންގެ ބަދަލުގައި، އިލްމީ ގާބިލު މީހުންތަކެއް، އެކި އެކި ވުޒާރާތަކަށް އިސްކުރުމުގެ ނަތީޖާއަކަށްވީ ޖެނެރަލް ފްރެންކޯގެ އިސްތިބްދާދީ ވެރިކަމުގެ ދަށުގައި، އިގުތިސާދީ މުއުޖިޒާތެއްގެ ނަންދެވޭ އިގުތިސާދީ ކުރިއެރުމެއް އިސްޕޭނު ހޯދުމެވެ. ގައުމުން ފަގީރުކަން ނައްތާލައި، ސިނާއީ ގޮތުން ގައުމު ކުރިއަރައި، ދުނިޔޭގެ ކުރިއަރާފައިވާ އިގުތިސާދުތަކުގެ ތެރޭގައި އިސްޕޭނުގެ އިގުތިސާދު، ހިމެނެން މެދުވެރިވުމުގެ މަގުފަހިވެގެން ދިޔުމެވެ.

ކޮންމެއަކަސް، މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ޖެނެރަލް ފްރެންކޯގެ ވެރިކަމުގެ ވާހަކައެއް ނޫނެވެ. މިތާގައި ފާހަގަކޮށްލަން ބޭނުންވަނީ، 1936ގައި އިސްޕޭނުގައި، ކަނާތުފިޔައިގެ މީހުންނާ ދެކޮޅަށް އުފެދުނު، ވާތުފިޔައިގެ ޕާޓީތަކުގެ މައްޗަށް އެކުލެވުނު އިއްތިހާދު ރޫޅުނު ސަބަބެވެ. މި އިއްތިހާދަކީ، ނަފުރަތުގެ މައްޗަށް ބިނާކުރެވުނު އިއްތިހާދަކަށް ވުމުންނެވެ. މިކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ގައުމު ބިނާކުރުމުގެ ގޮތުން، ސިޔާސީ ޕާޓީތަކުގެ މެދުގައި އިއްތިހާދުވާންޖެހެނީ ބިނާކުރުވަނި ފިކުރެއްގެ މައްޗަށެވެ. އެހެނީ، ނަފުތަރުގެ މައްޗަށް ނޫނީ ފަނާކުރުވަނިވި ފިކުރެއްގެ މައްޗަށް ބިނާވާ އިއްތިހާދުތައް ދާދި އަވަހަށް ރޫޅިގެންދާނެތީއެވެ. ނަފުރަތުގެ އިއްތިހާދު އަމާޒުކުރާ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވެ، އެ ނަފުރަތު މެދުވެރިކޮށް ނެތިކޮށްލަން ބޭނުންވާ ބަޔަކު ނެތިކޮށްލެވުމުންނެވެ. 1936ގެ އިސްޕޭނުގެ އިންތިޚާބު، ވާތުފިޔައިގެ އިއްތިހާދަށް ކާމިޔާބުކުރެވުމުން އެމީހުންގެ މަގުސަދު ހާސިލުވިއެވެ. ކަނާތު ފިޔައިގެ މީހުން ބަލިކޮށް އެމީހުން ވެރިކަމުން ދުރުކުރެވުނެވެ. އާދެ، އެމީހުން ’ފަނާކޮށްލެވުނެވެ‘. ނަމަވެސް، ދެން، އިއްތިހާދުގެ މެދުގައި ޚިޔާލުތަފާތުވެ، ގައުމާއިގެ ކުރިއަށް ނުދެވި އިއްތިހާދު ރޫޅެން ދިމާވީއެވެ. އަދި، މަދަނީ ހަނގުރާމައެއް ފެށެން ވެސް ދިމާވީއެވެ. އެހެންވެ، ސިޔާސީ އިއްތިހާދުތައް ބިނާވާން ޖެހޭނީ ބިނާކުރުވަނިވި ފިކުރެއްގެ މައްޗަށެވެ. ގައުމުކުރިއަށް ގެންދާނީ ކިހިނެއް ކަމާމެދު ބަހުސްކޮށް އެކަމާ ގުޅޭގޮތުން އެކުލަވާލެވޭ ބިނާކުރުވަނިވި ސިޔާސަތުތަކާ މެދު އެއްބަސްވުމަކާ ހަމައަށް އާދެވިގެންނެވެ.

ރާއްޖޭގެ ކައިރި މާޒީގެ ސިޔާސީ މަސްރަހަށް ބަލާލާއިރު މިދެންނެވި ކަހަލަ ނަފްރަތުގެ މައްޗަށް ބިނާވާ ސިޔާސީ ’އިއްތިހާދުތައް‘ ފެނެއެވެ. މިކަން ކައިރި މާޒީއިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2008ގައެވެ. 2008ގެ އިންތިޚާބުގައި އެއްކޮޅުން ވާދަކުރެއްވީ ރައީސް މައުމޫނެވެ. އަނެއްކޮޅުގައި ތަފާތު ސިޔާސީ ލީޑަރުން ތިއްބެވިއެވެ. މިއިން އެއްވެސް، ލީޑަރަކީ ގައުމުގެ ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލެއްވި ލީޑަރުންނެއް ނޫނެވެ.

2008އާ ހަމައަށް އައިއިރު، ރާއްޖެ އޮތީ ވަރަށް ވެސް ނިކަމެތި ހާލަތެއް ގައެވެ. ވޭތުވެ ދިޔަ ތިރީސް އަހަރުގެ ތެރޭގައި، ހަރުދަނާ ސިޔާސަތުތަކާއި އުސޫލުތަކެއް ނެތި، ޚަރަދުތައް ކުރުމުގެ ސަބަބުން، ތަން އޮތީ ދަރަނިވެރިވެފައެވެ. މިކަމުގެ ހައްލެއްގެ ގޮތުން، ފައިސާ ހޯދުމައްޓަކައި، ތަނުގެ ހަރުމުދާ ކަމުގައި ހިމެނޭ ރަށްތަކާއި ފަޅުތައް، ދިގު މުއްދަތަށް ވިއްކުން ނޫން ގޮތެއް ސަރުކާރުގެ އިސް ވެރިންނަށް ނުފެނުވެ. މި ފައިސާ ހޯދުމުގެ މައިގަނޑު މަގުސަދަކަށް ވެފައި އޮތީ، ފަހަރެއްގައި ވެސް، ރައްޔިތުންގެ މަސްލަހަތެއް ނޫނެވެ.

– ނުނިމޭ …..

Loading

4 Responses

  1. ކުރެވެމުންދާ ވެރިކަމަށްވުރެން މޮޅު ނަމެއްކިޔާފާ ގައުމުތަކުގެ ވެރިކަން ކުރީޒަމާނުގައި ބަދަލުކުރިގޮތާއި ބޭނުން އަދި މިހާރު ބަދަލުކުރާގޮތާއި ބޭނުން ތަފާތެވެ. އެޒަމާނުގައި ބޮޑަށް ބޭނުންވެގެން އުޅުނީ ގައުމުގެ މުއްސަދިކަން އެގައުމުގެ ވަކިބައެއްގެ ބާރުގެ ދަށުގައި ބޭއްވުމަށެވެ. މިހާރު މަސައްކަތްކުރަނީ ގައުމުގެ ރައްޔިތުން ބައިބައިކޮށް ތަޅާފޮޅުން ގާއިމުކޮށް އެހެންކޮންމެވެސް ބާރުގަދަ ގައުމަކުން އެގައުމެއްގެ މުއްސަދިކަން ފޭރިގަތެމެވެ. މީގެ ރީތި މިސާލުތަކެއް މިއަދުގެ މެދުއިތުމަތިން ފެންނާނެއެވެ. ލީބިޔާއާއި އިރާގުފަދަ ގައުމުތައް ހަލާކުކޮށްލާފައިއެވަނީ އެގައުމުތަކުގެ ރައްޔިތުންދެކެ ބާރުގަދަގައުމުތަކުންވާ ލޯތްބެއްގެ ބޮޑުކަމަކުންނޫނެވެ.

    1. އަސްލުވެސް، އެހެނަސް އެކަން އަހަރެމެނަށް އިނގޭކަމަކަށް ނުވެއެވެ. އަހަރެމެންގެ ތެރޭގައި ފަނިއަޅުވަައިގެން ޑިމޮކްރެސީއޭ ޢަދުލުއިންސާފޭ ގޮވާފައި ވެރިކަމަށް އާދެވުމުން ކަންކުރާގޮތް އެންމެނަށްވެސް އެނގެއެވެ. ނަމަވެސް ދެން އަންނަ ވޯޓެއްގައިވެސް ވޯޓުވިއްކާނީއެވެ. ދައްކާނީ ތައްމެދަށް އަނގަހުޅުވާފައި އިސްލާމް ދީނަށްޓަކައި ގައުމަށްޓަކައި ރައްޔަތުންނަށްޓަކައި މިހޮޅިގޮވުންތަކެވެ. ގައުމުގެ ރައްޔަތުންގެ މެދުގައި ފިތުނަ އުފަށްދައި ރައްޔަތުން ބައިބައިކޮށް ބޭރުގެ ނުފޫޒުހޯދައިގެން ވެރިކަމުގައި ބެއްދުން ނޫންކަމެއް އެބަފެނޭހެއްޔެވެ. އެގޮތަށް ނުރުހޭ ގައުމުގެ ދަރިންވަނީ ޓެރަރިސްޓުންނަށެވެ. މިއީ މިއަދުގެ މިފަދަ ގައުމުތަކުގެ ޙާލަތެވެ. ވިސްނާ ފިކުރުނުކުރާ ހިނހީތުނުން ކާލައިގެން އުޅެންބޭނުން މީހުން ގައުމެއްގައި ގިނަވެއްޖެނަމަ ވާނެގޮތްމިވަމުން ދަނީއެވެ.

  2. ރައީސް މައުމޫނަކީ އިސްލާމްދީން ދަންނަ ޢިލްމުވެރިއެއްކަމުގައި ގިނަ ދިވެހީން ގަބޫލުކުރި މީހެކެވެ. ނަމަވެސް އޭނާ ދަންނަ އިސްލާމްދީނާއި އެއްގޮތަށް ވެރިކަން ނުކުރި އަނިޔާވެރިއެއްގެ ގޮތުގައި މީހުން ދެކެއެވެ. އެހެނީ ކުރިއަށް ނަޒަރު ހިންގާލުމުން މި ލިޔުމުގައި ތިޕޯސްޓުކޮށްފައިވާ ރައީސް ނާސިރުގެ ކާޓޫނަކީ ސީދާ މައުމޫނުގެ ޙަސަދަވެރި ނުބައި ސިޔާސަތުގެ ފެށުމެވެ އެދުވަސްވަރު ރައީސްނާސިރަށް ޙަޔާތްގޮވުމަށް މައުމޫނުގެ ސަފުގައި ގެންގުޅުއްވީ ސީދާ އެދުވަސްވަރު އިސްލާމްދީނީ ޢިލްމުވެރިންގެ ގޮތުގައި ދިވެހިން ގަބޫލުކުރި މީހުނެވެ. މިސާލަކަށް މުޙައްމަދު ރަޝީދު، އިބުރާހިމް ޒަކަރިއްޔާ (ކުރީސަފު ބަލާލަށްވާ ގޫގުލްކޮށްލުމުން ފެންނާނެ) މިފަދަ މީހުނެވެ. ގޮވި ހަޔާތާއި ކުރި ހުޝާމަތު ސުބުޙާނަﷲ، އެދުވަސްތައް ފެނި އަޑުއެހި ރައްޔަތުންނަށް އެނގޭނެއެވެ. ދެން އައީ އަންނި އާދެ، ރައިސް ނަޝީދެވެ. އޭނާ ހަތްގުނަޔަށް ލަދުހަޔާތް ކުޑަވެފައި ހަރުކަށްޓެވެ. ގޮޅާބޯ އިން ފެށިގެން ޖަނާޒާ ކުޑޭ އާއި މިހެންގޮސް މީހުންނަށް ވަނަމުންގޮވުމާއި މީހުންގެ އަމިއްލަ ޒާތާއިބެހި ހަޔާތްގޮވުމުގެތެރެއިން މައުމޫނު އޮފުކަޑާލެވި އެގެފަހުން އެނަފުރަތުކަމުގައި ގޮސް ވެރިކަންބީވެދިޔައީއެވެ. ހަމަ ރައިސް ޔާމީނަށްވެސް އެމަގުން ހިނގުމަށް ދަސްވިކަމީ މިއަދު ހިތާމަކުރަން ޖަހޭކަމެކެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ކޯލިޝަން އިންވެސްޓަރ ސަން ސިޔާމު އެޑްވައި ދެއްވިހެން މިކަން ކުރެވޭނީ އަންނިއަށްވުރ ނުލަފާވެގެނެވެ. މިފަދަ ގުންޑާ އުސޫލުގެ މީހުންއަތުން ލަފާހޯދައި އެމީހުންގެ ޙަރާމް ފައިސާ ބޭނުންކޮށްގެ ޙަދައިން ފުރިފައިނުވާ ވެރިކަމެއް ހިންގާނީ ކިހެނެއްހެއްޔެވެ. ހުރިހާ ކަމެއްގެ ޙައްލު ވަނި ރައްޔަތުންގެ ހޭލުންތެރިކަމާއި ތެދުވެރިކަމުގެ މައްޗަށެވެ. މިއައްވުރެ ހެޔޮ މާދަމައެއް ދިވެހިންނަށް އެބަދުމެ މިންވަރު ކުރަށްވާށިއެވެ. އާމީން!

  3. ޙަސަދެ ފިލުވާލަން އުޅުން ހުއްޓާލާ. ސޯލިޙު ރައިސް އާއި އެކު އެބަދަލު ނުގެނެވިއްޖަނަމަ ބަދަލުހިފުމުގެ ސޮފުހާތައް ހަތްގުނަ އިތުރުވެ މިއަށްވުރެވެސް ދިވެހީން ބިކަހާލު ޖެހޭނެއެވެ. މީ މަގޭ ޚިޔާލު! އެހެނަސް އިންޑިއާ އައުޓަށް މަވެސް ތާއިދެވެ.

Leave a Reply to މުޙައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް