ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުން އުފެއްދުންތެރިކަން އިތުރުވޭ: ދިރާސާ

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މާބޮޑެތި އަސަރުތަކެއް ކޮށްފައިނުވާ ކުންފުނިތަކުން އެކުންފުނިތަކުގެ މުވައްޒަފުން ހަފްތާގެ 5 ދުވަހު ވަޒީފާއަށް ނެރުމުގެ ބަދަލުގައި ހަފްތާގެ 4 ދުވަހު ނެރޭގޮތަށް ބަދަލުކޮށްފިނަމަ ކުންފުންޏަށާއި، މުވައްޒަފުންނަށްވެސް އޭގެ ހެޔޮ އަސަރުކުރާނެކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ ހަފްތާގެ 4 ދުވަހު މުވައްޒަފުން ވަޒީފާއަށް ނެރެގެން މަސައްކަތްކުރުވާ އެމެރިކާ، ކެނެޑާ، ޔުނައިޓެޑް ކިންގްޑަމް އަދި އަޔަރލެންގެ ކުންފުނިތަކެއް ހިމެނޭގޮތަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން، މި ދިރާސާ ހިންގި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ”4 ޑޭ ވީކް ގްލޯބަލް“ އިން ހާމަކޮށްފައިވާގޮތުގައި ދިރާސާގައި ބައިވެރިވި ކުންފުނިތަކުގެ މުވައްޒަފުން އެވްރެޖުކޮށް ހަފްތާއެއްގެ ތެރޭގައި މަސައްކަތްކުރާ ވަގުތު 38 ގަޑިއިރުން 33 ގަޑިއިރަށް ދަށްވެފައިވާކަމަށެވެ.

”އައުކަން ފިލައިދިޔުމުން އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން ދަށަށް ދާނެކަމަށް ބުނެ ގިނަ ބަޔަކު މިކަމަށް ފާޑުކިޔައި އުޅޭ.“ 4 ޑޭ ވީކް ގްލޯބަލްގެ ސީއީއޯ ޑޭލް ވެލެހެން ބުންޏެވެ. ”އެކަމަކު އަހަރެއްވީއިރުވެސް ހަމަ މިތިބީ، ފެންނަނީ ހަމައެކަނި މަންފާ. ފައިދާތައް ދަނީ ހައްތާވެސް އިތުރުވަމުން.“

އެންމެ ފަހުގެ ހޯދުންތަކުން ފެންނަ ގޮތުގައި، އަހަރުގެ ކުރީކޮޅު ޔޫކޭއިން ހެޔޮ ނަތީޖާތަކެއްވަނީ ފެނިފައެވެ. އަދި އެމެރިކާގެ އެކި ހިސާބުތަކުގައި މި ދިރާސާގެ ޕައިލެޓް ޕްރޮގްރާމްތަކެއް ހިންގުމަށް އެތައް ބިލްތަކެއް ހުށަހެޅުނު ނަމަވެސް، އަދި އެކަންވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ދިރާސާގެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ހަފްތާގެ މަސައްކަތް 4 ދުވަހަށް ބަދަލުކުރުމުން މުވައްޒަފުންގެ މަސައްކަތްތެރިކަން ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުންނެވެ. މިއީ މަސައްކަތްތެރިކަން ދަށްވާތީ ކަންބޮޑުވާ ކުންފުނިތަކަށް ރަނގަޅު ބަދަލެއްކަމަށް ބެލެވެއެވެ.

”މަސައްކަތްކުރާ ވަގުތު މަދުކޮށްފައިވަނީ ކުޑަ ވަގުތުކޮޅެއް ތެރޭގައި ކުރަންޖެހޭ މަސައްކަތް އިތުރުކޮށްފައެއްނޫން. އެވަގުތުކޮޅު ތެރޭގައި އަވަސް އަރުވާލައިގެން، ފަސްދުވަހުގެ މަސައްކަތް ހަތަރު ދުވަހުގެ ތެރެއަށް ފައްތައިގެން ނިންމުމަށް އެއްވެސް މުވައްޒަފަކަށް ބާރުއަޅާފައެއް ނުވާނެ.“ ދިރާސާ ކުރިއަށް ގެންދިޔުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ބޮސްޓަން ކޮލެޖުގެ ޕްރޮފެސަރެއްކަމަށްވާ ޖޫލިއެޓް ސްކޯރ ބުންޏެވެ.

މަސައްކަތް އިތުރަށް ފުރިހަމަވުމުގެ އިތުރުން، މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެ، ވޯކް-ލައިފް ބެލެންސް ވެސް ރަނގަޅުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ހަމަސްދުވަހާއި އަޅާބަލާއިރު ވަޒީފާއާއި ދޭތެރޭގައި އޮތް ހިތްހަމަޖެހުމާއި، ބާރންއައުޓް އިތުރުވި ނަމަވެސް، ދިރާސާގެ ކުރިން ހުރި އަދަދުތަކާއި އަޅާބަލާއިރު، މި ދެކަންތަކަށްވެސް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ.

އެންމެ ފަހުގެ ރިޕޯޓުތަކުގައި ހަ މަސްދުވަހުގެ ޓްރަޔަލްތަކެއް ބޭއްވުނު އުތުރު އެމެރިކާގެ ކުންފުނިތަކަކުން ނުކުތް ނަތީޖާތައް ހިމަނާފައިވާއިރު، އެއިން އެއްވެސް ކުންފުންޏަކުން ހަފްތާގެ ފަސްދުވަހު މަސައްކަތްކުރާ ގޮތަށް އަނބުރާ ރުޖޫޢަވާކަށް ބޭނުމެއް ނުވިއެވެ. މި ޓްރަޔަލްތަކުގައި ހިމެނުނީ އޮފީހަށް ނުކުމެގެންނާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ހާއްސަ ޚިދުމަތްތައްދޭ ނުވަތަ މާކެޓިން ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން އެކުލެވޭ ކުދި ކުންފުނިތަކެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް