ދޮގުމައްޗަށް ދޮގު ހައްތާވެސް ދޮގު- 2

Loading

Facebook
Twitter
WhatsApp


https://sandhaanu.today/30956/
 އާއި ގުޅޭ…

ޙަލާލު ޙަރާމަކީ އެބައިމީހުނަށް ބަލަންބޭނުންވާ އެއްޗެއް ނޫނެވެ. އެމެރިކާގެ ބާރުގަދަ ވެރިކަމުގެ ނިޒާމަށް ބަލާއިރު އެއީ މިލިޓްރީ އުފެއްދުންތަކަށް ސަރުކާރުގެ ވަސީލަތްތަކާއި އާމްދަނީ ފޫގޮއްސާ އޮތް ނިޒާމެއްކަމަށް ޚޮދު ޔޫރަޕްގެ ގިނަ ގައުމުތަކުން ގަބޫލު ކުރަނީ އެހެންވެގެންނެވެ.

މިލިޓްރީ އުފެއްދުންތަކަށް ޚަރަދު ކުޑަކުރާ މިންވަރަކުން ގައުމުގެ ހަކަތަ ވާގިނެތެމުންދާތަން ފެންނާނެއެވެ. މިހާރުވެސް ދުނިޔޭގެ ނިސްބަތުން އެންމެ ދަރަނިވެރި ގައުމަކީ އެމެރިކާއެވެ.                                                 

ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމާގައި ބޭނުންކުރަމުންގެންދަނީ ކުރީގެ ސޮވިއެޓް ޔޫނިއަން ޒަމާނުގެ ހަތިޔާރެވެ. ޖެނެރަލުންނަކީ ހަނގުރާމައެއް ކާމިޔާބު ކުރެވިދާނެފަދަ ގޮތްތަކެއް ރާވަން އެނގޭ ބައެއްނޫންކަމަށް މިހާރު އެބަބުނެއެވެ. ސިފައިންގެ ސަފުތައް ދަނީ ރޫޅެމުން ސިފައިން ދުވަނީ ފިލާށެވެ. 

ބޭނުންކުރެވޭނެ ހަތިޔާރެއް ނެތުމުގެ ސަބަބުން އުދެއްޔާއި މަށަންދަތީގެ ބޭނުންވެސް ގެންދަނީ ކުރަމުންނެވެ. މީގެ މަސް ތަކެއް ކުރިންވެސްރަޝިޔާސިފައިން އޮތީ ބަލިވެފައެވެ. ރައީސް ޕޫޓިންގެ މަގާމު ގެއްލި ގައުމުން ބޭރުވާން ޖެހިފައެވެ. ހުޅަނގުން ކުރިމަތި ކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ ރައްޔިތުން ބަނޑަށް މަރުވެގެންދާ ޙާލުގައެވެ. މިކަންކަމަށް ކެތްނުކުރެވިގެން ގައުމުގައިވަނީ ހަލަބޮލިކަން އުފެދިފައެވެ. 

މިއީ އެމެރިކާއާއި ނޫކުލައާއި ރީނދޫ ކުލައިގެ ދިދައިން ކުރަހާފައިވާ ރަޝިޔާގެ ތަސައްވުރެކެވެ. އެކަމަކު ޙަގީގަތަކީ ކޮބައިތޯ ބަލާލުމުން ފެންނަންއޮތީ މުޅިން އެހެން ތަސްވީރެކެވެ. 

ރަޝިޔާއަށްވުރެން އެމެރިކާއާއި ނޫކުލައާއި ރީންދޫ ކުލަ ނިސްބަތްކުރެވޭ ގައުމުތަކުގެ އިންފްލޭޝަން އުޅެނީ މާ މަތީގައެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި އަދި އެހެން އެގާރަ ގައުމަކުން ޔޫކްރެއިނަށް ފޯރުކޮށްދިން 150 ބިލިއަން އެމެރިކާޑޮލަރުގެ ޒަމާނީ ހަތިޔާރާއި ވަސީލަތްތަކުގެ ސަބަބުން ރަޝިޔާ މިހާރު އޮންނަން ޖެހޭނީ ދެން ހިންދަމާ ނުލެވޭވަރަށް އިނދަ ޖެހިފައެވެ.

އެކަމަކު އެހެންވީތަނެއްވެސް ނުފެނެއެވެ. އެންމެފަހުން ކައުންޓަރ އޮފެންސިވް ވަރުގަދަ ކުރުމަށްޓަކައި ޔޫކްރެއިނަށް އެބައިމީހުން ފޯރުކޮށްދިން މިސައިލްތަކާއި ޖަރުމަނުން ދިން ވަރުގަދަ ޓޭންކުތައް އިސާހިތަކު ރަޝިޔާގެ މައިންތަކާއި ވައިގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ވިރިފައިވާ ބާދަނގަޑުތަކަކަށް ވެގެން ދިޔައިރު ދެ ދަޅައަށް އިޝްތިހާރު ކުރަމުންދިޔަ ރޭވުންތެރި ކައުންޓަރ އޮފެންސިވް ތަކުން ފެނުނު ކާމިޔާބެއް ނެތެވެ.

ހަމައެއާއެކު ޔޫކްރެއިންގެ މިލިޓްރީއަށް ލިބެމުންދިޔަ ގެއްލުންތައް ސީ.އައި.އޭ.ނުވަތަ އެފް. ބީ. އައި. އަދި ހޯމްލޭންޑް ސެކިއުރިޓީ ފަދަ އޭޖެންސީތަކުންދޮގުމައްޗަށް ދޮގު ހަދައިގެންވެސް ސީ. އެން. އެން. އަށް އޮޅުންފިލުވާ ނުދެވުނެވެ. އަދި އެބުނި މޮޅު ކައުންޓަރ އޮފެންސިވް ކާމިޔާބު ވަމުންދާ ގޮތެއްވެސް ނުބުނެވުނެވެ.                                          

ދެންއޮތީ ޔޫކްރެއިންގައި ޑިމޮކްރެސީއާއި އިންސާނީ ހަމަހަމަކަން ތަޢާރުފް ކުރަން އެމެރިކާއާއި ހުޅަނގުން ބާރުއަޅަމުން ގެންދާ މިންވަރަށް ބަލާލުމެވެ. 2014 ވަނަ އަހަރު ސިފައިން ލައްވާ ގެނުވި އިންގިލާބުގެ ހަމައެކަނި 3 ދުވަސްފަހުން ރަޝިޔަނުންވެސް ހިމެނޭގޮތުގައި ޔޫކްރެއންގައި ބައިމަދު މީހުން ވާހަކަ ދައްކާ އުޅޭ ބަސް ރަސްމީގޮތުން ބޭނުންކުރުން މަނާކުރަން ޔޫކްރެއިންގެ ޕާލަމެންޓުން ނިންމި ނިންމުމާއި 2022 ވަނައަހަރު ރަޝިޔާއިން ޔޫކްރެއިންގައި ރަޝިޔާއިން ބުނާ ”ސްޕެޝަލް އޮޕަރޭޝަން“ އެބައިމީހުން ބުނާ ”އަރާގަތުމުގެ“ ކުރިން ފާއިތުވެގެންދިޔަ އަށް އަހަރު ދުވަހު ރަޝިޔާގެ ދަރިކޮޅުމީހުންނާއި ދެކޮޅަށް ޔޫކްރެއިންގެ ސަރުކާރުން ހިންގަމުން ގެންދިޔަ ލާއިންސާނީ އުދުވާނުގެވާހަކަތަކެވެ.

އެ އުދުވާނުގައި ރަޝިޔާގެ ދަރިފަސްކޮޅަށް ނިސްބަތްކުރެވޭ ފަނަރަ ވަރަކަށްހާސް މީހުން މަރާލައި ދޮޅުމިލިއަނަށް ވުރެން ގިނަ މީހުން ވިއްސި ވިހާލި ކޮށްލުން އެއީ ހަމަހަމަ ކަމާއި އިންސާފު ކަށަވަރުކޮށް ދިނުން ކަމުގައި އެބައިމީހުން ބަލާގަތީ ކޮން ފަލްސަފާއަކުންތޯ ގިނަ ގައުމުތަކުންނާއި ހިއުމަންރައިޓްސްގެ ގިނަ ޖަމާޢަަތްތަކުން ސުވާލުކުރެވެ!  

ރައީސް ޒެލެންސްކީ ވެރިކަމަށް ގެނެވުމާއިއެކު ވާތު ފިޔައަށް ނިސްބަތް ކުރެވުނު އެގާރަ ސިޔާސީ ޕާރޓީއެއްގެ ޙަރަކާތްތައް މަނާކުރުމާއި ކަނާތު ފިޔައިގެ ހައްދު ފަހަނަޅާފައިވާ ޕާރޓީތަކުގެ ޙަރަކާތްތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި މެދު އަނގަ ބަންދުކޮށްގެން މި ތިބެނީ ކީއްވެގެންތޯ އިންޓަނޭޝަނަލް ސްޓޭޖްގައި ސުވާލުކުރާނެ މީހަކު ނެތީ ކީއްވެގެން ހެއްޔެވެ؟ހަމައެއާއިއެކު އިދިކޮޅު ޕާރޓީތަކަށް ސުޕްރީމް ކައުންސިލުން ލިބިފައިވާ %10 ގޮނޑީގައި އުމުރު ދުވަހު ވާނުވާ ޖަހައި އިދިކޮޅު ޙަރަކާތްތަކުގެ ޕްލެޓްފޯމްތައް އުމުރު ދުވަހަށް ބަންދުކޮށް ހެދުމަކީ ގައުމުގެ ބައިމަދު ރައްވެހިންގެ ޙައްގުތައް ހިމާޔަތް ކުރުން ކަމުގައި ބަލާގަނެ ރުހިގެން އެތިބެނީ ކޮންފަދަ މުގައްދަސް ވިސްނުމެއްގައި ހެއްޔެވެ؟

ޔޫކްރެއިންގެ އާބާދީގެ %30 އަކީ ރަޝިޔާ ދަރިކޮޅުގެ މީހުންކަމަށް ވީއިރު އެ ރައްޔިތުންނާއި މެދު މަގުމަތިން އުފުރާލުމުގެ ސިޔާސަތެއް ގެންގުޅެމުން ގެންދަނީވެސް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ކަށަވަރު ކުރުމުގެ ސިޔާސަތުގެ ދަށުންތޯ ސުވާލެއްވެސް ނުކޮށް އެބައިމީހުން އެތިބެނީއެވެ.

ރައީސް ޒެލެންސްކީގެ ތާއީދާއިއެކު ނާޒީ ވިސްނުމުގެ ޖަމާޢަތްތަކުން އެމީހުންގެ ވިސްނުމާއި ފިކުރު އަށަގެންނެވުމަށް ހިންގަމުންގެންދާ ޙަރަކާތްތަކަށް އާނބަސްބުނެގެން އެބައިމީހުން އެތިބެނީ ކީއްވެގެން ހެއްޔެވެ؟

ޔޫކްރެއިނާ ރަޝިޔާއާއި ދެމެދު އުފެދިފައިވާ މައްސަލަތަކާއި ދެބަސްވުންތައް ވާހަކަ ދައްކައިގެން ސުލްޙަވެރި އެއްބަސްވުމަކަށް ތައްޔާރުވެފައި ވަނިކޮށް އެމެރިކާއާއި ހުޅަނގުން އެ ދެމެދަށް ވަދެގަނެ ގޮތް ނިންމާ ބަޔަކަށް ވެގަތީ ކޮން މަސްލަޙަތެއްގައި ނޭޓޯގެ ބައެއް މެމްބަރުންވެސް ސުވާލު އެކުރަނީ ކީއްވެތޯއެވެ ؟  

މިއީ އިންސާނިއްޔަތަށްޓަކައި އިންސާނުންގެ ހަމަހަމަކަން ކަށަވަރު ކުރުމަށްޓަކައި ޢަދުއިންސާފަށް ލޯބިކުރާ އެންމެންވެސް ކުރަންޖެހޭ ސުވާލު ތަކެކެވެ. އެކަމަކު ތިމަތިމާމެންގެ ޖާހަށްޓަކައި ހަމައެކަނި ވިސްނާ ބަޔަކަށް މިއީ މުހިންމު އަދި ޖަވާބު ލިބެން ޖެހޭ ސުވާލު ތަކަކަށް ނުވެއެވެ.         

1989 ވަނަ އަހަރު ސޯވިއޓް ޔުނިއަން ރޫޅުމާއެކު ގޯރބަޗޯފް ބޭނުންފުޅުވީ އެމެރިކާއާއި ހުޅަނގާއެކު އިގްތިސާދީ އަދި ސަލާމަތީ އެއްބަސްވުމަކަށް ވަޑައިގަންނަވާށެވެ.

އެކަމާގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޭމްސް ބޭކަރ އާއި ހުޅަނގު ޖަރުމަނުގެ ޚާރިޖީ ވަޒީރު ހަންސް ޑިއެޓްރިޝް ގެންޝަރއާއި ދެބޭފުޅުން ގޯރބަޗޯފްއަށް ޔަގީންކޮށް ދެންނެވީ ގުޅިފައިވާ ޖަރުމަނުގެ ބޭރަށް ނޭޓޯ ދުވަހަކުވެސް ފުޅާވެގެން ނުދާނެ ކަމަށެވެ. އެއީ ވެވުނު ވަޢުދެކެވެ.  

އެހިސާބުން ދުނިޔެއިން ހަނގުރާމައިގެ ބިރު ފިލައިގެން ދިޔައީ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް އެއީ ހަމައެކަނި އަވާމެންދުރެއްކަން ހާމަވެގެން ދިއުމަށް ގިނަދުވަސްތަކެއް ނުނެގިއެވެ.

އިސްވެ ރަޝިޔާ ދުޝްމިނުން ކަމުގައި ނުވެއްޖެ ނަމަ ދުޝްމިނުން ކަމުގައި ހަދަން އޮތީ މާކުރިއްސުރެން ކަނޑައަޅާ ނިންމާފައެވެ. އެ މަގްސަދުގައި ދެން ފެނިގެންދިޔާއީ ސޯވިއެޓް ބްލޮކުން މިނިވަންކަން ލިބުނު ގިނަ ގައުމުތަކެއް ނޭޓޯގެ ކުޑައިގެ ތެރެއަށް ދަމާ ކޫތާފައި ގެނައި މަންޒަރެވެ. އަދި އެގައުމުތަކުގެ މިލިޓްރީން ނޭޓޯއާއި ފައިހަމަކުރަންޖެހޭ ކަމަށްބުނެ އެތައް މިލިއަން ޑޮލަރެއްގެ ދަރަނީގެ ދަންތޫރައިގާ ޖައްސާފާ ހަތިޔާރުތަކެއް ވިއްކާލީއެވެ.

އެބައިމީހުންގެ ހަތިޔާރު އުފައްދާ އިންޑަސްޓްރީތައް އެތައް މިލިއަން ޑޮލަރަކުން މުއްސަނދި ކުރުވީއެވެ.

ސޯވިއެޓް ޔޫނިއަން ރޫޅުމަށްފަހު ނޭޓޯ އިތުރަށް ފުޅާކުރުމުގެ ވިސްނުމަކީ ބޭނުންނެތް އަދި ނުރައްކާތެރި ކަމަކަށްވެސް ވެދާނެ ޙާލަތެއް ކަން އިރުމައަޗާއި އަދި މެދުތެރޭ ޔޫރަޕްގެ ގައުމުތަކަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި އޭގެ ސަބަބުން ޖޯގްރަފީއަށް އެއްވެސް ބަދަލެއް ނާންނާނެކަމާއި އެހެންނަމަވެސް ހަތިޔާރުގައި ވިޔަފާރިއަށް ފައިދާތަކެއް ލިބިގަނެވިދާނެކަން ވަޒަންކުރެވުނެވެ. ހަނގުރާމައަކީ ވަކި ބަޔަކުގެ މާލީ ފައިދާއަށްޓަކައި ކުރަމުންގެންދާ ވިޔަފާރިއެއެްކަން ގިނަ ގައުމުތަކުގެ ރައްޔަތުންނަށް މިހާރު ވަނީ ރެއެކާލައިފައެވެ.                                       

ވިކިލީކުން ބޭޒާރު ކޮށްލާފައިވާ 2008 ފެބްރުއަރީ 1 ގެ ތާރީޚުގައި މޮސްކޯއިން ނޭޓޯގެ ޖޮއިންޓް ޗީފް އޮފް ސްޓާފް އަށާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ދިފާއީ އަދި ޚާރިޖީ ވުޒާރާއާއި ކަމާބެހޭ އިތުރު މުއައްސަސާތަކަކަށް އެޑްރެސްކޮށް ފޮނުވާފައިވާ މެސެޖެއްގައި ނޭޓޯ ފުޅާކުރަމުން ގެންދިއުމަކީ ޚާއްސަކޮށް ޔޫކްރެއިން ނޭޓޯގެ ތެރެއަށް ވައްދަން މަސައްކަތް ކުރުމަކީ ރަޝިޔާއިން ހިމޭނުން އޮންނާނެކަމެއް ނޫން ކަމުގައި ތަކުރާރުކޮށް ބުނެފައިވެއެވެ.

އެހެނަސް އެމެރިކާއާއި ހުޅަނގުގެ ބައިވެރިން އަޙުދަށް ޙުރުމަތްތެރިކޮށް ހިތާނަމަ މިއަދު ޔޫކްރެއިންގެ ހަނގުރާމައާއި ދުނިޔެ ކުރިމަތިލާކަށް ނުޖެހުނީހެވެ.

އެކަމަކު ހަނގުރާމަކުރާހިތުން ނިދިނައިސްގެން އުޅޭ ޕިމްޕުންނަށް ނޭޓޯ ފުޅާކުރުމުން ނިކުންނާނެ ނަތީޖާ އެނގޭ އިރުވެސް އަދި ރަޝިޔާއާއި ޗައިނާއާއި އެކު ނިއުކްލިއަރ ނުރައްކަލެއްގެ ތެރެއަށް މުޅި ދުނިޔެ ގަންބާލަން ޖެހުނަސް ހަނގުރާމަ ކުރުން ނޫން އެހެން ގޮތެއް އެބައިމީހުންގެ ސިކުނޑިއަކަށް ނުވަދެއެވެ. އޮތްފައިދާއެއްގެ ބޮޑުކަމުންނެވެ. ދުނިޔޭގެ ޕޮލޮސްމަން އަކީ އެމެރިކާއާއި ނޭޓޯކަމުގައި އެބައިވެރީންގެ ވެރީންނަށް ވިސްނޭތީއެވެ. އެހެން ގައުމުތަކުން އެމީހުންބުނާގޮތަކަށް އެގައުމުތަކުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ބަށްޓަން ކުރުވުމަށެވެ.                                              

ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެބޮޑު ދުޝްމިނަކީ ރައީސް ޕޫޓިން ނޫންކަމަށް މިއަދު އެމީހުންގެ ސިޔާސީ މުފައްކިރުން ބުނަމުން އެގެންދަނީ މިހެންވެގެނެވެ.އެހެނީ ވޯމޮންގާރސްގެ ކޭޝްފްލޯއަކީ ފަނާކުރަނިވި ހަތިޔާރުތައް އުފައްދާ އިންޑަސްޓރީ ތަކެވެ.

މިޙަގީގަތް ދުނިޔެ ގަބޫލުކުރަން އެބަޖެހެއެވެ. އިންސާނިއްޔަތުގެ ހަމަހަމަކަން ކަށަވަރު ކުރެވޭނީ އެދުވަހަކުންނެވެ. އެއީ މިނެކިރާފައި ރުހޭމީހަކަށް ނުވަތަ ރުހޭގައުމަކަށް މިކިޔާ ”އިންސާފު“ ލިބިދިނުމެއްނޫނެވެ. އެމެރިކާއާއި އިންގިރޭސިވިލާތް މިއަދުވަނީ ބޭޒާރުވެފައެވެ. ޢަދުލުއިންސާފަކީ އެބައިމީހުން ރުހޭގޮތްކަމުގައި ހެދީމައެވެ.

– ނިމުނި –                                 

Loading

One Response

  1. އަހަރެމެން ގިނަމީހުންނަކީ އެމީހުންގެ ޕްރޮޕަރގެންޑާ މީޑިޔާ ބަލައި ތަރުޖަމާކޮށް އަހަރެމެންގެ މުޖުތަމަޢަށްވެސް އެމީހުންގެ ދޮގުތަކަކީ ޙަގީގަތްކަމަށް ގަބޫލުކޮށްދޭން އުޅޭ މީހުންވިއްޔާއެވެ. އެހެންވީމާ ތިގޮތަށް ޙަގީގަތް ހޯދާ ވިސްނާ ފިކުރުކޮށްގެން ރިސާޗް ހަދާކަށް ބޭނުމެއް ނުވާނެއެވެ. ދުނިޔޭގައި އަދިވެސް އޮތީ ބޮދުމަސް ކުދިމަސް ކާލާ އުސޫލެވެ. ޖަންގަލީގައިނަމަ ބާރުގަދަ ޖަނަވާރު ބަލިކަށި ޖަނަވާރަށް ޙަމަލަދީ މަރާލާފަ ކާލާ އިންސާފެއެވެ. ދިވެހިރާއްޖޭގައި ފަހުން ގެނެސްދިން ޑިމޯކްރޭޒީއާއި ޢަދުލްއިންސާފަކީވެސް އެއީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް