ޒުވާނުން މަސްތުވާތަކެތީގެ ދަލުގައި ނުޖައްސާށެވެ.

Loading

Facebook
Twitter
WhatsApp

ގައުމުގެ މާދަމާގެ މުސްތަގުބަލު ފިތުރަތުގެ ރިވެތި އުޞޫލުގެ ތެރެއިން ބިނާކުރުމަކީ ސަރުކާރުގެ މަސްއޫލިޔަތެކެވެ. ރާއްޖޭގެ ޒުވާން ޖީލު ޚަރާގެބުގެ ތެރެއަށް ގެނބިގެން މިދަނީ ސަރުކާރުން ޒުވާނުންނާމެދު ކަން ކުރައްވަމުން ގެންދަވާ ގޮތަކުން ކަމަށް ގިނަބަޔަކު ދެކެއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމަކީ ހަރާމް ކުރައްވައި އަދި އެކަމަށް އަދަބުވެސް ކަނޑައަޅުއްވާފައިވާ ކަމެކެވެ. އިސްލާމީ ގައުމެއްގައި ތަންފީޒުވާން ޖެހޭނީ އިސްލާމީ ޝަރީޢަތެވެ.

ކަންމިހެން ހުރި ނަމަވެސް މަސްތުވާތަކެތި ބޭނުން ކޮށް އެތަކެތި ވިއްކާ ފަރާތަކަށް ދައުލަތުން ކަނޑައަޅުއްވާފައި އެވާ އަދަބަކީ އިސްލާމީ ޝަރީޢަތާ ޚިލާފަށް އެ ފަރާތްތަކަށް ދެވޭ އިތުރު އަނިޔާއެކެވެ. އިޚުލާޞްތެރިކަމެއް ހުރީވިއްޔާ ސަރުކާރުގެ ކަމާބެހޭ އެންމެހައި އިދާރާތައް އެއް މޭޒަކަށް ރުޖޫޢަވެ މި ޒުވާން ޖީލަށް ރަނގަޅު ގޮތް ހޯއްދަވައި ދެއްވުމަށް މަޝްވަރާކުރައްވާށެވެ.

މަސްތުވާ ތަކެތި ބޭނުން ކުރާ ގިނަ ދިވެހި ޒުވާނުންނަކީ ނަފުސާނީ ބަލިހުންނަ ޒުވާނުންނެވެ. މިފަދަ ބަލިކަށި ޒުވާނުންނަށް އިސްލާމީ ޝަރީޢަތާ ޚިލާފު ހަރުކަށި އަދަބު ޒުވާނުނަށް ދީ އެފަދަ ޒުވާނުންގެ މުޅި މުސްތަގުބަލު ކަފުންކުރެވި ވަޅުލެވެމުން އެދަނީ ސަރުކާރުން އެކަމަށް ކަނޑައަޅާފައި އެވާ އަދަބު ހަރުކަށިވުމުގެ ސަބަބުންކަމަށް ވެސް ގިނަބަޔަކު ދެކެއެވެ.

މިސާލަކަށް މަސްތުވާތަކެތި ބޭނުންކުރުމަށް އެ ތަކެތި ގެންގުޅޭ 

25 އަހަރުގެ ޒުވާނެއްގެ މައްޗަށް މަސްތުވާތަކެތި ވިއްކުމުގެ ކުށް ސާބިތުވެއްޖެނަމަ އަދަބަކީ 25 އަހަރަށް ޖަލަށްލުމެވެ. އެހެންކަމުން މިދެންނެވި ޒުވާނާ އެ އަދަބުން މިންޖުވެދަނީ އެޒުވާނާގެ ޒުވާންކަމުގެ އެންމެ އުފާވެރި ޙަޔާތް ގެއްލި ބަރުބާދުވެ ދާފަހުންނެވެ.

މަސްތުވާތަކެތީގެ މޫސުމް ބަހާރު އަންނަމުން ދަނީ އެކިއެކި އިންތިޚާބީ ދުވަސްވަރު ކުރެވޭ ކެމްޕޭންތަކުގެ ތެރެއިންނެވެ. އަނެއްކާވެސް މިވަނީ މޫސުން ބަދަލުވެ މަސްތުވާތަކެތީގެ ބަހާރު މޫސުމް އައިސް ފައެވެ.

މިކަންކަން ހިނގަމުން އަންނަނީ ސަރުކާރުގެ އިސް ބައެއް މަގާމުތަށް ފުރުއްވަމުން ގެންދަވާ ބާރުގަދަ ބައެއް ބޭފުޅުންގެ ކިބައިން ކަމަށް ގިނަ ބަޔަކު ބުނެވެ. މަސްތުވާތަކެއްޗަކީ ޙަރާމް އެއްޗެއްކަމަށްވާއިރު އެ ވިއްކައިގެން ލިބޭ ފައިސާ އަނބިދަރިންނަށް އަލިފާނުގެ ގޮތުގައި ކާން ނުދެއްވާށެވެ. ވެރިން ރަނގަޅުވެގެން ނޫނީ ރައްޔިތުން ރަނގަޅެއް ނުކުރެވޭނެއެވެ.

އެހެން ކަމުން އެކި މަގާމުތަކަށް ވާދަކުރައްވަން ބޭނުންފުޅު ވެލައްވާ ބޭފުޅުންގެ ކެމްޕޭންކުރުމުގެ ޚަރަދު ފޫބައްދަމުންދަނީ ކިލޯކިލޯއިން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ވިއްކަން ގޭންގުތަކާ ހަވާލުކޮށް އެ ޒުވާނުން ނުރައްކަލުގެ ތެރެއަށް ފައްތާލައިގެންނެވެ. 

މިގޮތުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ވެސް ބައެއް ފަރާތްތަކުން މަސްތުވާތަކެތި ބައްސަވައި ވިއްކަވާ ހައްދަވާ ވާހަކަ ބައެއް ޒުވާނުންގެ ފަރާތުން ދަނީ އިވެމުންނެވެ.

ލޮބުވެތި އަޚުންނޭ! މަސްތުވާތަކެތި ވިއްކައި އެ ބޭނުންކޮށްފައިވާ ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތެއްނެތެވެ. ޕޮލިސް ރިޕޯޓް ލިބިގެން ނޫނީ ވަޒީފާގެ ސިޓީ ބަލައިވެސް ނުގަނެއެވެ. އެރިޕޯޓް ރަނގަޅުވެދަނީ މަދު ޒުވާނަކަށެވެ. އެހެން ކަމުން މިދެންނެވި ފަދަ ޒުވާނުން މާޔޫސްވެ އަނެއްކާވެސް އެ ދާއިރާ ޚިޔާރުކޮށް އެކަމުގެތެރެއަށް ފުންމައިލައެވެ.

ވެރިން އުފަލުގައި ޒުވާނުން ކަސްތޮޅުގައެވެ. މި އުޞޫލުތަކަށް އަލިމަގެއް ފެންނާކަށް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބުގެ ކެންޕޭނުގެ ބޮޑުބައި ފޫބައްދައިދެނީ ދިވެހި ޒުވާނުން މަސްތުވާތަކެތީގެ ދަލުގައި ޖައްސައިގެން ވެރިން މަތިފަޑީގައި ތިއްބަވައިގެންނޭ ދަންނަވަން ޖެހެނީ ޒުވާނަކު މަސްތުވާތަކެއްޗާއެކު އަތުލައި ގަނެވޭއިރު އެތަކެތީގެ މަގުމަތީއަގު 30 މިލިއަނަށް އަރާތީއާއި މިވަރުގެ ޢަދަދެއް އާދައިގެ ޒުވާނަކަށް ޚަރަދު ނުކުރެވޭނެތީއެވެ.

ރާއްޖޭގެ މަދުރަސާ ނުވަތަ ސްކޫލްތަކުގެ ތެރޭގައިވެސް މިހާރު އޮތީ މަސްތުވާތަކެތި ބޭނުން ކުރުމާއި ގޭންގް ހެދުމެވެ. މަސްތުވާތަކެތީގެ އާވައްތަރުތަކާ ޕާޓީ ޑްރަގްސްއާއި މެތްސް ކިޔާ ބާވަތެއްގެ ޑްރަގެވެ. މިފަދަ ނުރައްކާތެރި އެތައް ބާވަތްތެއް އެދަނީ ރާއްޖެއަށް  އެތެރެވަމުންނެވެ. މާލޭގެ ބައެއް މީހުންގެ ގެދޮރު ހިސޯރުކޮށް އެ ޢިމާރާތް ތަކުގައި ކާޓެލްހަދާ އެތަންތަން ނަޖިސްކޮށް މަސްތުވާތަކެތީގެ ވިޔާފާރިކޮށް ބޭނުން ކުރަމުން ދަނީއެވެ. ފުލުހުންނަށް އަނގަބަހުން ދެންނެވިޔަސް ކަހާތަން ހިރުވާވެސް ނުލައެވެ.

މަސްތުވާތަކެތި ވިއްކާ އެބޮއިކައި ހަދަމުންދާ ދިއުމަށް އެއްވެސް ބަދަލެއް ނާދެއެވެ. މައްސަލަ އޮބޭ ހިސާބެއް އޮވެއެވެ. ތަހުގީގުގައި މައްސަލަ އޮބޭ ހިސާބަކީ އަސްލު ބޮޑުމީހާގެ ނަން ބުނާ ހިސާބުންނެވެ. ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ކަމަށް ބުނެ ސަރުކާރުން ޒުވާނުންނަށް މަލާމާތް ކުރާ ކުރުން ނިމުމަގެންނަށް ޖެހިއްޖެއެވެ.

މަސްތުވާތަކެތީގެ އަޅުންނަށް ޒުވާނުން ބަދަލު ވެގެން އެދަނީ ޒުވާނުންށް ވަޒީފާލިބުމުގައި އެޅިފައިވާ ހުރަސްތަކުގެސަބަބުން ކަމަށް ތަކުރާރު ކޮށް ޒުވާނުން ދަނީ ބުނަމުންނެވެ. މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނުން ގިނަވަމުން ދަނީ މަސްތުވާ ތަކެތީގެ ރެކޯޑާއި ޕޮލިސް ރިޕޯޓް ލިބުމުގެ އުނދަގޫތަކާއި މުޖުތަމަޢުން ޒުވާނުން އެކަހެރި ކޮށް ޒުވާނުން ބާކީ ކުރަމުންދާތީއެވެ. އަދި ޒުވާނުންގެ މައިންބަފައިން ނުވަތަ ޒުވާނުންގެ ބެލެނިވެރި ފަރާތުން ލިބެންޖެހޭ ލޯތްބާއި އޯގާވެރި ކަމާއި އަޅާލުން ނުލިބި ޒުވާނުން މަގުމަތި ވަމުންދާތީ ގިނަޒުވާނުން މާޔޫސްވެ މަސްތުވާތަކެތި ބޭނުންކުރަން މަޖުބޫރު ވާކަމަށް މިފަދަ ޒުވާނުން ބުނެތެވެ.

 25 އަހަރުގެ ޒުވާނާ 25 އަހަރުގެ ޖަލު ހުކުމް ހަމަކުރުމަށްފަހު މުޖުތަމަޢަށް ނުކުމެވޭއިރު އެޒުވާނާ ބަލައިގަންނާނޭ އެއްވެސް ބަޔަކު ނުއުޅެއެވެ. މިފަދަ ޒުވާނުން ޖަމާޢަތާ ގުޅޭއިރު އެޒުވާނާގެ ތަޢުލީމީ ޙާލަތު ހުންނަނީ މުޖުތަމަޢު ގަބޫލު ކުރާ މިންވަރަށްވުރެ މާދަށުގައެވެ. އަދި ވިސްނުމަށްވެސް ވަނީ ނުސީދާ އެތައް އަސަރު ތަކެއް ކޮށްފައެވެ. ޒުވާނާ ޖަލުގައި ހޭދަ ކުރާ ދިގު މުއްދަތުގެ ތެރޭގައި ޒަމާނަށް އައިސްފައިވާ ބަދަލުތަކާ ޓެކްނޯލޮޖީގެ ރޮނގުން އޭނާ ވަނީ ނުކުޅެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް