އަންނަ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރެން ދަ ޑިމޮކްރެޓްސްއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން މަޝްވަރާކޮށްފިއެވެ.
މި ގޮތަށް އެއްބަސްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި ރައީސް މުޙައްމަދު ނަޝީދާ ތިން ބޭފުޅުން މ.ކުނޫޒުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައެވެ.
ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޤާސިމް ވިދާޅުވީ ތިން ޕާޓީ އެކީގައި އެއް ކެންޑިޑޭޓަކު ނެރެގެން އިންތިޚާބުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
“މި ތިން ޕާޓީން ވެސް ވާހަކަ ދައްކައިގެން އަދި ޕީޕީއެމްއާ ވެސް ވާހަކަ ދައްކައިގެން އަދި އެމްއާރްއެމްއާ ވެސް ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެވޭކަމަށްވަންޏާ އެގޮތަށް ދިއުމަށް އަޅުގަނޑުމެން ތިން ޕާޓީގެ ބޭފުޅުންނަށް އެއްބަސްވެވިއްޖެ.“ ޤާސިމް ވިދާޅުވިއެވެ.
މި ގޮތަށް އެއްބަސްވިއިރު ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމްކަމުގައި ކަނޑައަޅައި އެ ޕާޓީން ވަނީ ކެމްޕޭން ވެސް ފަށާފައެވެ. ހަމައެފަދައިން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމް ކަމުގައި ކަނޑައަޅައި އެ ޕާޓީން ވަނީ ކެމްޕޭން ވެސް ފަށާފައެވެ. މީގެއިތުރުން ޑިމޮކްރެޓްސްއިން ވަނީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައެވެ. އެގޮތުން ޕްރައިމަރީއަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ތިން ޕާޓީން އެއްބަސްވާ ކެންޑިޑޭޓަކީ ޤާސިމްތޯ ނޫސްވެރިން ސުވާލު ކުރުމުން ޤާސިމް ވިދާޅުވީ އެހެން ނުވެއްޖެނަމަ ފަހަތަށް ޖެހިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ނާޒިމް ވެސް ވިދާޅުވީ ގައުމުގެ ހާލަތު އޮތް ގޮތުން އެންމެ ފައިދާ ބޮޑު ގޮތަކީ އެއް ކެންޑިޑޭޓަކު ނެރެގެން ކުރިއަށް ދިއުން ކަމަށެވެ.
އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައިވާ ކަމަށް ޤާސިމާއި ނާޒިމް ވިދާޅުވި ނަމަވެސް އެގޮތަށް އެއްބަސްވެވިފައިވާ ކަމަށް ނަޝީދު ވިދާޅެއް ނުވެއެވެ. ނަޝީދު ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ޤާސިމް ވަނީ ދެން ބައްދަލުކުރައްވާނީ ޕީޕީއެމްއާ ކަމަށް ވިދާޅުވެފައެވެ. ޕީޕީއެމް/ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައެވެ. އެއީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ.
One Response
ބަލަގަ ހިތްތަކުގެ ރައީސް ތިޔަގޮސް ހުއްޓޭހިސަބެއް އެގިލައްވާތޯ