އިންޑިއާ ސަފީރު އީސީގެ މެންބަރުންނާ ބައްދަލު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

އީސީން ބުނީި އެއީ ރިޔާސީ އިންތިޚާބު 2023 އޮބްޒާވް ކުރުމާ ގުޅޭ ގޮތުން ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

‏ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވައިލި ފުރުސަތާ ގުޅިގެން ދުނިޔޭގެ އެކި ޖަމިއްޔާ، ޖަމާޢަތްތަކާއި، އެކިއެކި ގައުމުތަކުން ވޭތުވެދިޔަ ގާތްގަނޑަކަށް ދެމަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވާފައިވެއެވެ.

މިގޮތުން، ޔޫ.އެން، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫ.އެސް އެއިޑް، އައިއެފްއީއެސް އާއި، އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިނގިރޭސި ވިލާތް އަދި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ކޮމިޝަނާ ބައްދަލު ކުރައްވައި، އިންތިޚާބު އޮބްޒާވް ކުރެއްވުމާ ބެހޭގޮތުންނާއި، އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީން މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ޖަމާއަތްތަކުންނާއި ގައުމުތަކުން އިންތިހާބުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، މިދިޔަ ހަފްތާގައި ކޮލަމްބިޔާ ގައި ބޭއްވި ދުނިޔޭގެ އިލެކްޝަންސް ޖަމްޢިއްޔާ އޭވެބް ގެ އެގްޒެކްޓިވް ބޯޑު މީޓިންގ ގައި ބައިވެރިވެ ވަޑައިގެންނެވި އެކި ގައުމުތަކުގެ ކޮމިޝަނަރުން، އެ ބައްދަލުވުމުގެ ހަވާސާގައި، ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އާ ވެސް ބައްދަލު ކުރައްވައި، ރިޔާސީ އިންތިހާބު އޮބްޒާވް ކުރެއްވުމާއި، ގުޅުން ބަދަހި ކުރުމުގެ މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ޙަބީބް ވިދާޅުވިއެވެ. 

ޙަބީބް ވިދާޅުވީ ޔޫ.އެން.ޑީ.ޕީ އިންނާއި، އީޔޫގެ ޑެލިގޭޝަނުންނާއި، ކޮމަންވެލްތުގެ ޕްރީ އެސެސްމެންޓް މިޝަންގެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް އިންތިޚާބު އިންތިޒާމުތައް ރޭވެމުންދާ ގޮތާއި، މަސައްކަތްތައް ކުރިއަށްދާ ގޮތް ވަރަށްގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. މިގޮތުން، ކޮމަންވެލްތުގެ ޓީމުން ’އުންމީދު އޮތް‘ ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭ ގޮތުން ވެސް މައުލޫމާތު ހޯއްދަވާފައިވާ ކަމަށް ޙަބީބް ވިދާޅުވިއެވެ. 

“ބޭރުގެ ވީހާވެސް ގިނަ ފަރާތްތަކުން އިންތިޚާބު އޮބްޒާވް ކުރެއްވުމަކީ، އިންސާފުވެރި ކަމާއެކީގައި އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ހިތްވަރެއް“

މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށް، ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ މައްޗަށް ނޫން ގޮތަކަށް، ބޭރުގެ އަދި އެތެރޭގެ އެއްވެސް ފަރާތަކުން ވެސް، އެއްވެސް މަޝްވަރާއެއް ކޮމިޝަނަށް ދެއްވާފައި ނުވާ ކަމަށް ޙަބީބް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް