އެކްސިޑެންޓްތަކާ ގުޅިގެން ދައުވާނުކުރާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ޕީޖީ ޝަމީމް

Loading

Facebook
Twitter
WhatsApp

އެކްސިޑެންޓް ތަކުގައި މީހުންގެ ފުރާނައާއި މުދަލަށް ލިބޭ ގެއްލުންތަކަށް ޖިނާޢީ ދައުވާ ނުކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށާއި މިހާރުގެ ސިޔާސަތަކީ އެފަދަ މައްސަލަ ތަކުގައި ދައުވާ ކުރުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން މާލޭގައި ވަނީ ލައިސަންސް ނެތި ސައިކަލް ދުއްވަނިކޮށް މީހެއްގެ ގައިގާ ޖެހި ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވި މީހާ ވަނީ ފަހުން ހައްޔަރު ކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް އެމަނިކުފާނުގެ އަމިއްލަ ބުލޮގްގައި ލިއުއްވާފައިވާ ގޮތުގައި އެކްސިޑެންޓްގެ މައްސަލަތަކުގައި ކުށުގެ ޒިންމާ ނަގަން ނުޖެހޭނެކަމަށް ބައެއްމީހުނަށް ހީވެފައި އޮތަސް އެއީ ކުށްހީއެކެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މިހާރުގެ ސިޔާސަތަކީ ވެސް އެފަދަ މައްސަލަތަކުގައި ޖިނާޢީ ދަޢުވާ ކުރުން ކަމަށާއި އެހެންވެ އެފަދަ ބައެއް މައްސަލަތައް މިހާރުވެސް ކޯޓުގައި ހިނގަމުން ދާކަމަށް ޝަމީމު ލިއުއްވާފައި ވެއެވެ.

“ ދަޢުވާކުރުމުގެ ސިޔާސަތު އޮތީވެސް އެކްސިޑެންޓް ވުމަކީ ޖިނާޢީ ކުށެއް ކަމަށް ބެލުމަށެވެ.“ ޝަމީމު ލިއުއްވާފައި ވެއެވެ.

ޝަމީމު ލިއުއްވާފައިވާ ގޮތުގައި އެކްސިޑެންޓްވާ މީހާގެ އަތުގައި ލައިސަންސް ނެތްނަމަ، އެއީ ގާނޫނުލް ޢުގޫބާތުގައި ބުނާފަދަ ފަރުވާކުޑަ ޢަމަލެއްގެ ދަރަޖައިން ދަޢުވާ ކުރެވޭނެ ކަމެކެވެ. އަދި ގަސްދުގައި ކުރިކަމެއްގެ ހެކި ހުރިނަމަ ގަސްދުގެ ދަރަޖައަށް މަތިކޮށް، އަދަބު ބޮޑު ކުރެވޭނެ ކަމަށް އޭނާ ލިއުއްވާފައި ވެއެވެ.

“ ލައިސަންސް ނެތްނަމަ، އެއީ އޭގެޒާތުގައި ފަރުވާކުޑަ ޢަމަލެއް ކަމަށް ގާނޫނުލް ޢުގޫބާތު ގަބޫލުކުރާތީ، ނިޔަތުގެ ދަރަޖައިގައި އޮތް ފަރުވާކުޑަ ޢަމަލު، އެމީހާގެ ކިބައިގާ ފުރިހަމަވާ ކަމަށް ބަލަންޖެހެއެވެ“ ޝަމީމުގެ ލިއުމުގައި ވެއެވެ.

އޭގައި ވާ ގޮތުން އެކްސިޑެންޓެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިގެން މަރުވެއްޖެނަމަ، ގާނޫނުލް ޢުގޫބާތުގެ ދަށުން ފަރުވާ ކުޑަޢަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދަޢުވާ ކުރެވޭނެއެވެ. އަދި އެކްސިޑެންޓްތަކުގައި މީހުނަށް ލިބޭ އަނިޔާތަކާއި ގުޅިގެންނާއި އެސިޑެންޓްގެ ސަބަބުން މީހުންގެ މުދަލަށް ލިބޭ ގެއްލުންތަކާއި ގުޅިގެން ވެސް ގާނޫނުލް ޢުގޫބާތުގެ ދަށުން ޖިނާޢީ ދައުވާ ކުރެވޭނެ ކަމަށް އޭނާ ލިއުއްވާފައި ވެއެވެ.

ޢަދުލުގެ ނިޒާމުގެ ބޭނުމަކީ ގެއްލުން ލިބޭ މީހުނަށް އިންޞާފު ހޯދައި ދިނުންކަން ފާހަގަ ކުރައްވައި ޝަމީމު ލިއުއްވާފައިވަނީ އެކްސިޑެންޓްވުން ކުށެއް ނޫން ކަމަށް ބެލުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށެވެ. އަދި އެގޮތަށް ބަލާނަމަ ގަސްދުގައި އެކުސިޑެންޓް ކުރުމުގެ ފުރުޞަތު އޮންނާނޭ ކަމަށް އޭނާ ލިއުއްވާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް