ދެވަނަ ބޮޑު ހަނގުރާމައިގާ ޔޫކްރެއިނުން ޕޮލޭންޑުގައި ހިންގި ގަތުލުއާންމު

Loading

Facebook
Twitter
WhatsApp

ސަންދާނުގެ ކިއުންތެރިންގެ މައުލޫމާތު ތާޒާކޮށްލުމުގެ ބޭނުމުގައި މި ގެނެސްދޭ ލިއުމަކީ ފަހުގެ ތާރީޚުގައި ހިނގާފައިވާ އަނިޔާވެރި ގަތުލު ޢާންމެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ ތެރޭގައި މިޒާތުގެ ހާދިސާތައް ހިނގަމުން ނުދިޔަސް ސިޔާސީ ޕްލެޓްފޯމްތަކުގައި ދެކެވެމުންދާ ވާހަތަކަކީ އަމިއްލަ އެދުމުން ފޯވެގެންތިބެ ކުރަމުންގެންދާ އަޙުދުތަކަކާއި ހުވާތަކެއް ނޫނެކޭ ބުނެވޭކަށް ނެތެވެ.

މީގެކުރިން އެކަކު އަނެކަކަށް މުޚާތަބު ކުރަމުން ގެންދިޔަ ބޭއަދަބީ ބަސްތައް ހަނދާން ނައްތާލަންޖެހިދެއެވެ. އަމިއްލަ އެދުން ރައްކާތެރިކުރުމަށް ޓަކައެވެ. ޕޯލެންޑުގެ ބޮޑުވަޒީރު ޔޫކްރެއިނުގައި ވިދާޅުވި ފަދައިން “ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޔޫކްރެއިންގެ ނޭޝަނަލިސްޓުން ޕޯލެންޑުގެ ރައްޔިތުންނާމެދު ހިންގި ގަތުލު އާންމު އެ ގަބުރުތަކާއިއެކު ދާއިމަށް ވަޅުލައިފިނަމަ ރަޝިޔާއިން ދޭތެރޭދޭތެރޭން އެވާހަކަ ދައްކައިގެން އަހަރެމެން ރުޅިވެރި ކުރުވަން މަސައްކަތް ކުރާނެއެވެ. 

އަދި މުސްތަގްބަލްގައި އެކަމުގެ ސަބަބުން އަހަރެމެންގެ ތެރޭގައި ފިތުނަވެރިކަން އުފެދުމުގެ ފުރުސަތު ހުޅުވިގެން ނުދާނެއެކޭވެސް ނުބުނެވޭނެއެވެ. އެހެންވީމާ އެކަން ހިނގާދިޔަ ގޮތުގެ ފުރިހަ ތަޙުގީގެއް ކުރެވެން ޖެހޭނެއެވެ ”. 

އޭނާގެ ގައުމިއްޔަތާއި އިޚްލާސްތެރި ކަމާދޭތެރޭ ޕޯލެންޑުގެ ރައްޔިތުން އަތްޖެހުން އިޚްތިޔާރުކުރަން ދޫކޮށްލީއެވެ. 

މިއަދު އަހަރެމެންގެ ތެރޭގައި އިވެމުންދާ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކުގައި މިއާ އެއްގޮތް ސިފަތަކެއް އެބަހުރިކަމަށް ގަބޫލުކުރެވޭނެއެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ނަމޫނާ ދެއްކުމުގެ ގޮތުން ފާޚާނާ ސާފުކުރަންވެސް ތައްޔާރަށް ހުރިމީހާއަށް ދިމާވި ގޮތާއި ރާއްޖޭގައި ހިނގާދިޔަ ގޮތްނޭގޭ މަރުތަކާއި ބޮޑެތި ޚިޔާނާތްތައް ހާމަކޮށް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ވައުދުތަކަށް ވީގޮތާއި ވަމުންދާ ގޮތާދޭތެރޭ ރައްޔިތުންތިބީ ވާނުވާ ޖަހާފައެވެ.

ރައްޔިތުންގެ ޚަޒާނާއިން ގެއްލުވާލަމުންގެންދާ ފައިސާތަކުގައި ހަމްދަރުދީގެ ނަޒަރަކުން ބެއްލެވުމަށްފަހު ނަސޭހަތަކުން ފުއްދާލުމުގެ އާދައެއް މިދަނީ އަށަގަންނަމުންނެވެ.                                                       

ދެން ތާރީޚުގެ އެ ހާދިސާގެތެރެއަށް ޖެހިލަމާ ހެއްޔެވެ.                                    

ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު ޔޫކްރެއިނުގެ ނޭޝަނަލިސްޓުން ހިންގި ގަތުލު އާންމެއްގައި މަރާލާފައިވާ ޕޯލޭންޑުގެ އެތައްހާސް ރައްޔިތުންގެ ހަނދާނުގައި ދުވަސްތަކެއް ފާހަގަ ކުރުމުގެ ރަސްމިއްޔާތެއް ޕޮލޭންޑުގެ ބޮޑުވަޒީރާއި އެގައުމުގެ ނަސާރާދީނުގެ އިސްފާދިރީން މިދިޔަ ހުކުރުދުވަހު ހުޅުވާލަ ދެއްވައިފިއެވެ. އަވަށްޓެރި މިދެ ގައުމުގެ ސިޔާސީ މަސްރަޙަށް މިއަދާ ހަމަޔަށްވެސް އެޙާދިސާގެ ކަޅު ހިޔަނި އޮތީ އެޅިފައެވެ.       

ޕޮލޭންޑުގެ ވެރިކަން ހިންގާ ރައިޓް ވިންގް ޕާރޓީގެ ސްޕޯކްސް ޕާރސަން ރަފަލް ބޯޗެނެކް ވިދާޅުވީ މިޒަޚަމްތަކު ފާރު ހިކިދާނެކަމަށް ކުރިއަށްއޮތް އެތައް ޒަމާނަކަށްވެސް އުންމީދު ނުކުރެވޭނެއެވެ. އަދި އެކަންކުރިބަޔަކު އެކަމުގެ ތެދު ޙަގީގަތް އެއްވެސް ފޮރުވުމެއްނެތި ކިޔާދޭން ޖެހޭނެއެވެ.                          

ޕޮލޭންޑުން ސިފަކުރާގޮތުގައި 1943 ން 1944 ށް ޔޫކްރެއިންގެ ނޭޝަނަލިސްޓުން ޕޮލޭންޑުގެ އެއްލައްކައަށްވުރެން ގިނަ މީހުން މަރާލުމަކީ ގަތުލު ޢާންމެކެވެ. އެ ކުރިމަތިލުން ތަކުގައި ޔޫކްރެއިންގެ ފަނަރަވަރަކަށް ހާސްމީހުންވެސް މަރުވިކަމަށް ތާރީޚުން އެނގެން އޮވެއެވެ.

ޕޮލޭންޑުގެ އެތައް އަވަށެއް އަންދާ ހުލިކޮށްލައި އެއަވަށް ތަކުގައި ދިރިއުޅެމުންގެންދިޔަ އެންމެހާ ރައްޔިތުން މަރާ ހުސްކޮށްލީ ޔޫކްރެއިންގެ އަމިއްލަ ދައުލަތެއް އުފެއްދުމުގެ ބޭނުމުގައެވެ. އެއީ އިރުމަތީ ޕޮލޭންޑުގެ ވޮލީނިޔާ ސަރަޙައްދުގެ އަވަށްތަކެވެ.  

އޭރު އެ ސަރަޙައްދު އޮތީ ނާޒީ ޖަރުމަނުންގެ ބާރުގެ ދަށުގައެވެ. ފަހުން ރަޝިޔާއިން އެ އަވަށްތައް މިނިވަންކުރި ނަމަވެސް މިހާރު އެއީ ހުޅަނގު ޔޫކްރެއިންގެ ބައެކެވެ.                                    

ސިޔާސީ ފިކުރު އެނބުރޭގޮތް ދެކިބަލާށެވެ. މިއަދު ޕޯލޭންޑަކީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގާ އެގައުމުގެ އެތައް ރައްޔިތުންނެއްގެ ނުރުހުމާއި އެކުގައިނަމަވެސް ޔޫކްރެއިނަށް އެންމެ ބޮޑަށް އެހީތެރިކަށް ފޯރުކޮށްދެމުން ގެންދާ ގައުމެވެ.

މިދިޔަ ހުކުރު ދުވަހު ޕޯލޭންޑުގެ ބޮޑުވަޒީރު މަޓޭއުޝް މޮރަވިއެކްޝީ އެ ގަތުލު އާންމު ހިންގާފައިވާ އަވަށްތަކަށް ވަޑައިގަތެވެ. އެ އަވަށްތަކުގެ ތެރެއިން އޮސްޓްރޯވްކީ އާއި ޕުޒްނިކީ ވަނީ އެއްކޮށް ވިރާނާ ކޮށްލާފައެވެ. 

މަރާލާފައިވާ ގިނަމީހުންގެ މަހާނަތަކާބެހޭ އެއްވެސް މަޢުލޫމާތެއް އެނގެން ނެތްނަމަވެސް މަދުބައެއްގެ މަހާނަތައް އެއަވަށްތަކުގެ ސަހަރާތަކުން އެނގެން އޮންނާތީވެ އެތަންތަނަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މިކަންކުރި އެންމެ ފަހުމީހާއަށް ދާންދެން ހޯދައި އެބަޔަކަށް ގާނޫނީ ގޮތުން މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން އަހަރެން މަޑުން ނުހުންނާނަމޭ ވިދާޅުވިއެވެ.                                   

މަރާލެވިފައިވާ ޕޯލޭންޑުގެ ރައްޔިތުންގެ ނަމުގައި ޕޯލޭންޑުގެ ރޯމަން ކެތަލިކް ފައްޅީގެ އިސް ފާދިރީ އާޗް ބިޝޮޕް ސްޓެއިންސްލޯ ގަޑެކްޝީ އާއި ޔޫކްރޭނިއަން ގްރީކުންގެ ކެތަލިކް ފައްޅީގެ މޭޖަރ އާރޗް ބިޝޮޕް ސްވިއޭޓޮސްލަވް ޝެވްޗުކްގުޅިގެން ވޯރސޯ ގައި ދީނީ ޙަފްލާއެއްވެސް މިދިޔަ ހުކުރުދުވަހު ބޭއްވުނެވެ.

މި އެއްވުން ނިމޭނީ މި އަންނަ އަންގާރަ ދުވަހުއެވެ. އެއީ އެ އަނިޔާވެރި ގަތުލު އާންމު ހިނގިތާ 80 ވަނަ އަހަރު ފުރޭ ދުވަހެވެ. ޔޫކްރެއިންގެ ނޭޝަނަލިސްޓުން ހިންގި ގަތުލު އާންމުގައި އެގައުމުގެ ބައެއް ސިޔާސީ ލީޑަރުންގެ އިސްނެގުންވެސް އޮތީ ވަރަށް ބޮޑަށް ހިމެނިފައެވެ. 

އަދި އެމީހުންނަށް ގައުމު މިނިވަންކުރަން ޖިހާދު ކުރިކަމުގެ ނަމުގައި މިހާރުވެސް ގެންދަނީ ފަޚުރުވެރިކަމާއިއެކު އަޑު އުފުލަމުންނެވެ. ގަތުލު އާންމުގައި މަރާލެވުނު ޕޯލެންޑުގެ ރައްޔިތުން ވަޅުލެވިފައިވާ ތަނަކާއި ބެހޭ މަޢުލޫމާތު ހޯދަން ކުރަމުންދާ މަސައްކަތަށް މާބޮޑު އަޅާލުމެއް މިހާތަނަށް ޔޫކްރެއިނުން ދީފައެއް ނުވެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް ޔޫކްރެއިންގެ ސިޔާސަތު މިކަމުގައި ލުއިވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ވާނީވެސް އެހެންތާއެވެ. ރަޝިޔާއާއިއެކު ކުރަމުންގެންދާ ހަނގުރާމައިގާ ޕޯލޭންޑުގެ އެއްބާރުލުން ޔޫކްރެއިނަށް ވަރަށް ބޭނުމެވެ.              

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޔޫކްރެއިންގެ ނޭޝަނަލިސްޓުން ޕޯލެންޑުގެ ރައްޔިތުންނާމެދު ހިންގި ގަތުލު އާންމު އެ ގަބުރުތަކާއެކު ދާއިމަށް ވަޅުލައިފިނަމަ ރަޝިޔާއިން ދޭތެރޭދޭތެރޭން އެވާހަކަ ދައްކައިގެން އަހަރެމެން ރުޅިވެރި ކުރުވަން މަސައްކަތް ކުރާނެއެވެ.

އަދި މުސްތަގްބަލްގައި އެކަމުގެ ސަބަބުން އަހަރެމެންގެ ތެރޭގައި ފިތުނަވެރިކަން އުފެދުމުގެ ފުރުސަތު ހުޅުވިގެން ނުދާނެއެކޭވެސް ނުބުނެވޭނެއެވެ ރިޕީޓް ކޮށް ވިދާޅުވިއެވެ.                                    

ދޭތެރެ ޖައްސައިގެން ވިޔަސް އަމިއްލަ ފައިދާއަށް އިސްނެގުމުގެ ރީތި މިސާލެކެވެ. ގައުމުގެ ރައްޔިތުން ވާނުވާގައިތިބެ އަތްޖަހަން ދޫކޮށްލީއެވެ.                                             

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް