ފެނަކައަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ 22 މައްސަލައެއް ބަލަނީ

Loading

Facebook
Twitter
WhatsApp

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ 22 މައްސަލައެއް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

ފެނަކަ މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ތުހުމަތުކޮށް އޭސީސީއަށް މައްސަލަ ހުށަހެޅީ އެ ކުންފުނީގެ މުވައްޒަފުންތަކެކެވެ. ޖުމްލަ 28 މައްސަލައެއް ހުށަހެޅި ނަމަވެސް އޭސީސީން ބަލަން ނިންމީ 22 މައްސަލަ އެވެ.

ފެނަކައިގެ މުވައްޒަފުން އޭސީސީ އަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މައްސަލަތަކެވެ. ވަކިވަކިން މައްސަލަތަކާއި އޭގައި ކޮރަޕްޝަން ކަމަށް ތުހުމަތުކުރާ ސަބަބުގެ ހެކީގެ ގޮތުގައި ބިލްތަކާއި މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފުސީލް އެނގޭ ގޮތަށް އޭސީސީ އަށް ހުށަހެޅި 192 ސޮފްހާގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ފެނަކަ މުވައްޒަފުން 2019 ވަނަ އަހަރުގެ ޖުލައި މަހުގައި ވަނީ މި ސަރުކާރުގެ ”ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން“ ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ސޮއިކޮށްފަ އެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވެސް އެ އިގުރާރުގައި ސޮއިކުރައްވާފައިވާ އިރު، ފެނަކައިގެ މުވައްޒަފުން ގިނަ މައްސަލަތައް އޭސީސީ އަށް ހުށަހެޅީ އޭނާއާއި ދެކޮޅަށެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތައް ސައީދު ވަނީ ދޮގު ކުރައްވައިފަ އެވެ. އެއީ އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގާ އަމަލެއް ކަމަށް ސައީދު ވިދާޅުވި އެވެ.

އޭސީސީއަށް ފޮނުވި ރިޕޯޓުގައި މުވައްޒަފުން ބުނެފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނީގެ ތެރޭގައި ހިންގާ ބޮޑެތި ކޮރަޕްޝަންތައް ތަފާތު އެކި ފަހަރުމަތިން ކުރިން ވެސް އެ ކޮމިޝަނަށް ހުށަހެޅި ކަަމަށެވެ. ދެން ވެސް އެ މައްސަލަތަކުގައި ފިޔަވަޅު ނާޅައިފި ނަމަ ދައުލަތުގެ އެތައް ފައިސާއެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް މައްސަލައިގައިވެ އެވެ.

ފެނަކައިގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިން ބަލާފައި ނުވިޔަސް ފަހުން ހުށަހެޅި މައްސަލަތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މުވައްޒަފުން އޭސީސީގައި އެދިފައި ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް