އާރުޑީސީގެ ސީއެފްއޯގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި މައްސަލައެއް ތަހުގީގު ކުރަނީ

Loading

Facebook
Twitter
WhatsApp

އާރުޑީސީގެ ޗީފް ފައުނޭންޝަލް އޮފިސަރު ( ސީއެފްއޯ ) ޔާސިރު ޙަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ޔާސިރުގެ އެކައުންޓަށް އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ޖަމާވި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ) އިންނެވެ. ނަމަވެސް އޭނާގެ އެކައުންޓަށް ފައިސާ ޖަމާވީ ސީދާ އާރުޑިސީގެ އެކައުންޓުން ކަމެއް ސާފެއް ނުވެއެވެ.

އެކަމަކު ފުލުހުން މީޑިއާތަކަށަ ފޮނުވި މެސެޖުގައި ބުނީ އާރުޑީސީއާއި ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

މަގުހެދުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާއަލިމަނިކު (މޫކޭ) އާއި ޔާސިރަކީ އެއްރަށަކަށް އުފަން ވަރަށް ގާތް ދެ ރަހުމަތްތެރީންނެވެ. އަދި މީގެ އިތުރުން ޔާސިރުވަނީ މީގެ ދުވަސް ކޮޅެއްކުރިން މޫކޭގެ ކޮއްކޮއަކާ ކައިވެނީގެ ގޮތުން ގުޅިފައެވެ.

އެ ދެބޭފުޅުން އާރުޑީސީގެ އެކައުންޓުން 13 މިލިއަން ރުފިޔާ ނެގިކަމަށް ބުނެ އެހެން މީޑިއާއަކުން ޝާއިއުކުރި ޚަބަރަކަށް ރައްދު ދެއްވަމުން މޫކޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

“ ކަނޑައެޅިގެން ދޮގެއް. ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މީއީ ޔާމީނެއް ނޫން. އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މައުލޫމާތްތައް ފެންނަން ހުންނާނެތާ. ގައިމުވެސް ކުރު ވާހަކަ ލިޔާއިރު ވެސް މިއަށްވުރެ ބޮޑަށް ގަބޫލުކުރެވޭ ގޮތަށް ވާހަކަ ލިޔަން ފަރިތަކޮށްލުން ރަނގަޅުވާނެ ކަމަށް ފެނޭ “ އޭނާ ވިދާޅުވިއެވެ.

މޫކޭއަކީ އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސެވެ. ޔާސިރަކީ އެޗްޑީސީގެ ޕްރޮކިއުމަންޓް މެނޭޖަރަކަށް ވެސް ހުންނެވި އަދި އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ރައީސް ވެސް މެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް