މުއްދަތު ހަމަވީއިރުވެސް ޖާހުގެ ފްލެޓް ތަކެެއް ނުނިމުނު

Loading

Facebook
Twitter
WhatsApp

ޖާހު އިންވެސްޓްމެންޓުން ހުޅުމާލޭގައި ހަދަމުން އަންނަ ފުލެޓްތައް ހަދަންދިން މުއްދަތުގައިވެސް އެތަންތަން ނުނިމި ދިގުލައިގެން ހިގައްޖެއެވެ.

މެދުފަންތީގެ ހައުސިން މަޝްރޫއުއް ހިންގުމަށް އާބަންކޯއިން އެކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުގައެވެ. އެއީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެގެން އެކުންފުންޏާ ހަވާލު ކުރި މަޝްރޫއެކެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެ މަޝްރޫއުގެ ފުލެޓް ގަތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންވެ އެ މައްސަލަ ބެލުމަށްފަހު އެ ފުލެޓްތައް ނިންމުމަށާއި ބިމުގެ އަގުދެއްކުމަށް އާބަންކޯއިން ވަނީ ޖާހު އިންވެސްޓްމެންޓަށް 30 ދުވަހުގެ ނޯޓިސް އެއް ފޮނުވައިފައެވެ. މިދިޔަމަހުގެ 6 ގައި ފޮނުވި މިނޯޓިސް އަށް އިއްޔެ ވަނީ 30 ދުވަސް ހަމަވެފައެވެ.

އެހެނަސް ޖާހު އިންވެސްޓްމެންޓްގެ އިސް އޮފިޝަލަކު ވިދާޅުވީ އެކުންފުންޏަށް އާބަންކޯއިން ދީފައިވާ މުއްދަތު އަދި ހަމަނުވާ ކަމަށެވެ. ފުލެޓްތަކުގެ މަސައްކަތްވެސް ކުރިއަށް އެބަދާ ކަމަށާއި އާބަންކޯއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މުއްދަތު ހަމަނުވާކަމަށް އޭނާ ވިދާޅުވިސަބަބެއް ސާފުކޮށް ނުދެއްވައެވެ.

އޭގެ ކުރިން މިދިޔަ ފެބުރުވަރީ މަހުގެ 14ވަނަ ދުވަހު ޖާހުން ނެރުނުބަޔާނުގައި ބުނީ އަވިރު ގުލޯބަލް ގުރޫޕާ ގުޅިގެން ފުލެޓްތައް ނިންމުމުގެ މަސައްކަތް ކުރަމުން އެބަދާކަމަށެވެ،. އެމަސައްކަތް ނިންމައި ފުލެޓް ތައް ހަވާލު ކުރެވޭނީ 16ސެޕްޓެމްބަރު 2023 ގައިކަމަށްވެސް އެކުންފުނިން އޭރު ބުންޏެވެ.

ޖާހުގެ ”ދަގާޑަން“ 2+1 ،އާއި 3 އާއި 3+1 ގެ ޖުމްލަ 83 ެެޕާޓުމަންޓް ހުންނާނެއެވެ. އާބަންކޯގެ ވެބްސައިޓުގައިވާ ގޮތުން ޖާހުގެ 81 އެޕާޓުމަންޓް ވަނީ ވިކިފައެވެ.

އެފުލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލު ކުރާނެ ކަމަށް ބުނެ އެކި މުއްދަތު ދީފައި ވެއެވެ. އެންމެފަހުން ބުނެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބައެއް ފުލެޓްތައް ހަވާލު ކުރާނެ ކަމުގައެވެ. އެކަމަކު އަދި އެއްވެސް އެޕާޓުމެންޓެއް ހަވާލެއް ނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް