ޑިމޮކްރެސީގެ އެންމެބޮޑު ނުރައްކަލަކީ ހަމަހަމަކަމާއި އިންސާފު ނެތުން - އޮބަމާ

Loading

Facebook
Twitter
WhatsApp

މަތީގައިއެވާ ސުރުޚީއަށް ސަންދާނުންވެސް އެއްބަސްވަމެވެ. އެކަމަކު މިފަހަރު އެ ސުރުޚީ ވިދާޅުވެފައި އެވަނީ އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ބަރަކް އޮބާމާއެވެ.

ދުނިޔޭގައި މިވަގުތުހުރިކަމަށް ބެލެވޭ އެންމެ ފުންނާބު އުސް ނިއުސް ރިޕޯރޓަރ ކްރިސްޓިއާން އަމަންޕޯރަށް އެ ދެއްވި ބަސްދީ ގަތުމަށް ބަލާލަމެވެ. ރައީސް އޮބާމާގެ ސުރުޚީއާއި ދޭތެރޭ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ތަފްސީލުކޮށްދެއްވުމަށް ކްރިސްޓިއާން އަމަންޕޯރ އަށް ވިދާޅުވިއެވެ.                                                              

ވިދާޅުވީ: މީގެ އެތައް އަހަރެއްގެ ކުރިން ކަނޑަށް ޣަރަގުވެފައިވާ މަޝްހޫރު ޓައިޓަނިކް ބަލާލުމަށްޓަކައި އެޓްލާންޓިކް ކަނޑުގެ އަޑިއަށް ސަބްމެރިން އެއްގައި މީހަކަށް 250000 ޑޮލަރު ޚަރަދުކޮށްގެން މުއްސަނދި ބިލިއަނަރަކާއި 4މިލިއަނަރަކު ކުރި ދަތުރުގައި ދިމާވެފައިވާ ހިތާމަވެރި ޙާދިސާއަށް ޙަމްދަރުދީ ނުވާނެ އިންސާނަކު ނުހުންނާނެއޭ ބުނަން ޖެހެއެވެ.

ދުނިޔޭގެ މަޝްހޫރު މީޑިއާތަކުން އެ ޙާދިސާގެ އެންމެފަހުގެ ޚަބަރު ގެނެސް ދިނުމަށްޓަކައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފް ކުރަން ޖެހެއެވެ. އެމެރިކާގެ ކޯސްޓްގާރޑުން އެމީހުން ސަލާމަތް ކުރެވޭނެ މަގެއް ފެނޭތޯ ކުރަމުންގެންދާ މަސައްކަތާއި ހޭދަ ޝުކުރުވެރިކަމާއިއެކު ބަލާގަންނަން ޖެހެއެވެ. ޚާއްސަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އިސްބޭފުޅުންގެ އަވަހާރަފުޅު ލެއްޕެވުންމިހިތާމެވެރި ޙާދިސާއާއި ގުޅިގެން މަޙްރޫމް ކުރައްވަމުން އެގެންދަވަނީ މިސާލު ލިބިގަތުން ރަނގަޅު މިންވަރެއްގައެވެ.  

އެހެންނަމަވެސް އެވަރުގެ ބޮޑު އަހަންމިއްޔަތެއް ދީގެން އެޙާދިސާގެ އެންމެ ފަހުގެ ޚަބަރުތައް ގެނެސްދިނުމަށް މީޑިއާތަކުން މަސައްކަތްކުރަނީ ކީއްވެގެންތޯ ވިސްނާލައިފިނަމަ ހާމަވެގެންދާ ޙާގީގަތަކީ މަޝްހޫރުކަން ހޯދަން މީޑިއާތަކުން ކުރަމުންގެންދާ މަސައްކަތެވެ. 

މީޑިއާތަކުގެ ބޭނުމަކީ އަބަދުވެސް މަޝްހޫރުކަން ހޯދުމެވެ. އެމެރިކާގެ ކޯސްޓުގާޑުން ކުރަމުންގެންދާ މަސައްކަތާއި ހޭދަކުރުންތައް ގައުމުތަކުގެ އިސްވެރިންގެ ކަންބޮޑުވުންތަކާ ގުޅުވަން ޖެހެއެވެ. 

ގައުމުތަކުގެ ވެރިން އަމުރު މަޢުރޫފް ހިންގުމުގައި ފައިސާވެރިންގެ ބާރާއި ނުފޫޒު ފެތުރިފައިވާ މިންވަރު ހާމަވެގެން ދާތީއެވެ. އަހަރެންގެ މިވާހަކަތަކުގެ ތެދުކަން ބަލާލިކޮންމެ ދިމާލަކުން ފެންނާނެއެވެ.


ސަބްމެރިންއަށް މެދުވެރިވި ހިތާމަވެރި ހާދިސާގެ ވަގުތުގައި މެޑިޓެރޭނިއަން ކަނޑަށް 700 މިހުން އެވަނީ ޣަރަގުވެފައެވެ. އެމީސްތަކުންނާދޭތެރޭ ރަހުމުގެ ލޮލަކުން ބަލާލަނީ ދުނިޔޭގެ ކޮންގައުމެއްގެ ކޮން ލީޑަރެއް ހެއްޔެވެ؟ ކަންބޮޑުވެގެން އުޅެނީ ކޮން މީޑިއާއަކުން ހެއްޔެވެ؟ އިޚްލާސްތެރިކަމާއެކު އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަދިނީ ކޮން ގައުމެއްގެ ކޯސްޓްގާޑެއް ހެއްޔެވެ؟  ހައްތާވެސް ޖަވާބު ލިބެންނެތް ސުވާލުތަކެވެ. 

ޖަވާބުދޭން ބޭނުން ނުވާތީއެވެ. އެންމެ ސަބަބަކަށްޓަކައެވެ. ޣަރަގުވެގެން އުޅޭ 700 އަށްވުރެން ގިނަ މީހުންނަކީ ބޯހިޔާވަހިކަމެއް ނެތް އަދާކުރާނެ ވަޒީފާއެއްގެ ފުރުސަތުނެތް ކެއިންބުއިމަށްޓަކައި އެއްވެސް އެއްޗެއް ލިބޭގޮތެއްނެތް ދިރިއުޅޭނެ އަމާންވެއްޓެއް ނެތް އިންސާނުން

ތަކެކެވެ. 

އެމީހުން އަތުގައި ސިޔާސީ ފަރާތްތަކަށް ޚަރަދުކުރާނެ ފައިސާއެއް ނެތެވެ. ހައްތާވެސް ނެތޭ ނެތޭ ނެތޭ ބުނުން ނޫން އެހެންޖަވާބެއް އެމީހުނަކަށް ނުފެނެއެވެ. 

އެމީހުންނަށް ޙިމާޔަތެއް ދީފިނަމަ އިތުރު މުސީބާތްތަކަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ގައުމުތަކުގެ ވެރިން ގަންނާކުރައްވަނީ އަމަށަކު ބިރެއް ނޫނެވެ.ޑިމޮކްރެސީ އަކީ މިއީއެވެ. 

ޑިމޮކްރެސީއަކީ ފައިސާއެވެ. ފައިސާވެރިން ބުނާގޮތަކަށް ރައްޔިތުން ލެންބުމެވެ. ކުރީ ޒަމާނުގައި ބޭނުންކުރި ބަހުރުވައިން ބުނާނަމަ ފައިސާވެރިންގެ އެދުމާއިއެއްގޮތަށް ގައުމުތަކުގެ ރައްޔިތުން އަޅުވެތިކުރުމެވެ.                       

މެޑިޓެރޭނިއަން ކަނޑަށް ޣަރަގުވީ އުޅަނދުން ސަލާމަތް ވުމުގެ ނަސީބު ލިބުނު މަދުބަޔަކު ސީ. އެން. އެން. އަށް ކިޔާދިން ގޮތުގައި ގްރީކުގެ ކޯސްޓުގާރޑުން އެމީހުން ސަލާމަތްކޮށްދިނުމުގެ ބަދަލުގައި ބޭނުންވީ އެމީހުންގެ އުޅަނދު މީހުންނާއެކު ކަނޑަށް ފައްތާލާށެވެ. 

ގްރީކް ކޯސްޓު ގާރޑުން ކަންތައްކުރީ މިލިޓްރީ ތަމްރީނު ލިބިފައިތިބި ތަޖްރިބާކާރު ކޯސްޓް ގާރޑަކުން ކަންތައް ކުރާނެ ގޮތަކަށް ނޫނެވެ. މީހުންނާއިއެކު ފުރިބާރުވެފާއޮތް އޭގެ ޒާތުގައިވެސް ބޯޔެންސީގެ އެއްވެސް ޔަގީންކަމެއް ނެތް ކުޑަކުޑަ މަސްބޯޓެއްގެ އެއްފަރާތުގައި ވަލެއްޖަހައިގެން ދަމާގަތީމާ އެ އުޅަނދު ބަންޑުންޖަލާނެކަން ނޭގޭވަރުގެ ގަމާރުން ކަމުގައި އެމީހުން ނުވާނެއެވެ. 

އެކަމަކު އެމީހުން ކަންތައްކުރީ އެގޮތަށެވެ. ގްރީކް ކޯސްޓްގާރޑުން އެބުނާ ”އެހީތެރިކަން“ ފޯރުކޮށް ނުދިންނަމަ އަހަރެމެންގެ ތެރެއިން ގިނަބަޔަކަށްމިއަދުވެސް ދުނިޔޭގައި ދިރިތިބުމުގެ ފުރުސަތު ނުގެއްލެއެވެ. އުޅަނދުގައި ކާއެއްޗެއް ނެތުމުގެ ސަބަބުން ބައެއްމީހުން މަރުވަމުންދާތީ އެކަމަށް އިޝާރާތްކޮށް ސީ. އެން. އެން. އަށް އެމީހުން މަޢުލޫމާތު ހިއްސާކޮށްފައި ވެއެވެ.                                       

ހިއުމަންރައިޓް ވޮޗްގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރ ކެނެތު ރޯތު ވިދާޅުވީ ރެފިއުޖީންތިބި މަސްބޯޓާއި ޓްއަރިސްޓް ސަބްމެރިންގެ ޙާދިސާގައި އެނގިގެންދަނީ ސަރުކާރުތަކުގެ ވިސްނުން ހުރިގޮތާއި ހޭދަކުރުން ބިނާކޮށްފައި އޮންނަ ފަލްސަފާއެވެ. 

މުއްސަދި 5 މީހަކު ސަލާމަތް ކުރުމަށްޓަކައި ގައުމަށް ލިބިފައިވާ އެންމެހާ ވަސީލަތެއްގެ ބޭނުން ކުރެވެމުންދިޔައިރު ދިރިއުޅުމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ލިބިފައިނުވާ ނިކަމެތި 700 ނުވަތަ އެއަށްވުރެން ގިނަ އިންސާނުންނަށް ފޯރުކޮށްދީފައިވަނީ ހަމައެކަނި އެއީ މެދުވެރިވި އެކްސިޑެންޓެއް ނޫންކަމަށާއި ބަޔަކު އަމިއްލައަށް ލިބިގަތް ނިކަމެތިކަމެއްކަން ދެއްކުމަށް ބޭނުން ކުރެވިދާނެ ޓޯކަން އެހީއެކެވެ. 

އ. ދ. ގެ އިންސާނީ ޙައްގުތަކާބެހޭ ޚާއްސަ ސަފީރު ވިންސެންޓް ކޯޗެޓެލް ވިދާޅުވީ އެބޯޓަކީ ދަތުރުކުރެވޭ ޙާލެއްގައި އޮތް އުޅަނދެއް ނޫން ކަމަށާއި އުޅަނދަށް ނުކަތާވަރަށް ގިނައަދަދެއްގެ އިންސާނުން ތަކެއް އޭގައި އެބަތިބިކަން ގްރީކް ކޯސްޓްގާރޑަށް އެނގޭއިރު ބޯޓު ސަލާމަތްކުރުމުގެ ބަދަލުގައި އެންމެފުރަތަމަވެސް އޭގައިތިބި މީހުން ސަލާމަތް ކުރެވޭނެ ގޮތްތަކަށް ފިޔަވަޅު އަޅަންޖެހޭނެކަން މީހަކު ކޯސްޓްގާޑަކަށް ބުނެދޭކަށް ނުޖެހޭނެއެވެ. 

ޔޫރަޕިއަން ޔުނިއަންގެ ވިސްނުން ހުރިގޮތަށް ބަލާއިރު ރެފިއުޖީން ކަނޑަށް ޣަރަގު ކޮށްލުމަކީ ޙާލުގައި ޖެހި ނިކަމެތިކަން ތަހަންމަލް ކުރަންޖެހިފައިވާ މީހުން ކުރިއަށް އޮތްތަނުގައި ޔޫރަޕަށް އަންނަން ކުރާ މަސައްކަތްތައް ހުއްޓުވަން އޮތް އެންމެ ރަނގަޅު ޙައްލުކަމަށް ޔޫރަޕުގެ ލީޑަރުން ދެކިވަޑައިގަންނާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ގްރީކް ކޯސްޓްގާރޑުން ޙަރަކާތްތެރި ވެފައިވަނީ މި ފަލްސަފާގެ ދަށުން ނޫންކަމަށް ބެލެވޭނެ ތަނެއްވެސް ނެތްކަމަށެވެ.                                  

ކޮންމެ ސިޔާސީ ބޭފުޅަކުވެސް ވިދާޅުވާ އެއްޗަކާއި ކަންކުރައްވާ ގޮތް ތަފާތުކަން ވަރަށް ގިނަފަހަރު ހާމަވެގެންދެއެވެ. އޭގައި ހުޅަނގެއް އިރުމައްޗެއް ތަފާތު ނުކުރެވޭނެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ގައުމަށް ބަލާލިޔަސް މި ބަހުގެ ތެދުކަން ކަށަވަރު ކުރެވެއެވެ. 

ޑިމޮކްރެޓިކް ވެރިކަމެއް އައުމުގެ ކުރިޔެކޭ ފަހެކޭ ކިޔާނެކަމެއް ނެތެވެ. ޑިމޮކްރެޓިކް ވެރިކަމަކީ ރިޔާސީ އަދި ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމާއި ތަފާތުކޮށް ރައްޔިތުންނަށްޓަކައި ރައްޔިތުން ވޯޓުދީގެން އުފައްދާ ވެރިކަމުގެ ނިޒާމެކޭ ލިޔެވިފާ އޮވެއެވެ. އެގޮވެލިފަތި ގޮވަންވެސް އަޑުހަރުކޮށް ގޮވަމުން ދެއެވެ.

ރިޔާސީ އަދި ޚުދު މުޚްތާރު ވެރިކަމުގައި ވެރިކަމަށް މީހަކު އިސްކުރުމާއި ޑިމޮކްރެޓިކް ނިޒާމުގައި ވެރިކަމަށް މީހަކު އިސްކުރުމުގައި ކަންތައް ކުރަންޖެހޭ ގޮތް ތަފާތެވެ. ރައްޔިތުންނަށްޓަކައި ވެރިކަން ކުރެވޭ ޑިމޮކްރެޓިކް ނިޒާމުގައި ވެރިކަމަށް ކުރިމަތިލާ މީހުން ރައްޔިތުންގެ ވޯޓު ކާމިޔާބު ކުރުމަށްޓަކައި ބޭނުންކުރާ ފަލްސަފާގައި އޭނާގެ ވެރިކަމެއްގައި ރައްޔިތުންނާއިގެން ދަތުރުކުރާނެ ބުނެދޭ މިސްރާބާއި އޭނާގެ ހިތުގައި ކުރަހާފައި އޮންނަ މިސްރާބަކީ މުޅިން ތަފާތު ދޭއްޗެކެވެ.  

އެމީހާގެ ހިތުގައި ފޮރުވިފައި އޮންނަ މިސްރާބު ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި އެވަނީއެވެ. މީގެ ތެދު ދޮގު މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަލާލަމާ ހެއްޔެވެ؟

ދިވެހީންގެ ޙާލަތައް ޖެހިލާއިރު ރައްޔިތުންގެ ތިޖޫރީން ބޭނުންވަރަކަށް ބޭނުންގޮތަކަށް ވައްކަން ކުރީމާ ސަރުކާރުގެ ބޮޑު ވަކީލު ހިތްޕުޅުގައި އެ ވަގުކަލޭގެޙާލަތާމެދު ޙަމްދަރުދީ ފާޅުކޮށް ނަސޭޙަތް ދިނުމަކުން ފުއްދާލެވޭގޮތަށް ގާނޫނު އޮތީ ބައްޓަންކޮށްދީފަ ހެއްޔެވެ؟ ގައިމުވެސް އެގޮތަށް ކަންކޮށްފިއެވެ. އަދަބު ދީފިނަމަ ވަގުކަލޭގެއަށާއި އޭނާގެ އާއިލާއަށް ލިބިދާނެ ނިކަމެތި ކަމަކަށްޓަކާ ކަމުގައި ބުނެފައެވެ.

ހަމަ އެނެއްދުވަހު އެހެންމީހެއް މައްސަލަ ބެލުނުއިރު ދައުލަތުގެ ނަމުގައި ސަރުކާރުން ފޮނުވި ހަމަ އެވަކީލުންގެ ވިސްނުމުގައި ދައުލަތުގެ އެންމެ ފައިސާފޮއްޗެއްގައި ޖެހުނަސް އެމީހަކަށް ގާނޫނު ބަޔާންކުރާ އަދަބު ޙައްގުވެއްޖެއެވެ. ވީމާ އެމީހާއަށް އެއްވެސް ދުލެއް ލުޔެއް ލިބިދެވިގެން ނުވާނެއެވެ. މިދެކެވެނީ ޢަދުލު އިންސާފުގެ މިނެދޭގޮތުގެ ވާހަކައެވެ. އޮބާމާ އިޝާރާތް ކުރައްވާފައިވާފަދައިން ޑިމޮކްރެސީގެ އެންމެބޮޑު ނުރައްކަލަކީ މިއީއެވެ.

ހަމަ އަނެއްދުވަހަކު މީހެއްގެ ރިހާކުރު ފުޅިއެއް ވަގަށް ނެގިމީހާއަކީ މުޖުތަމާއަށް ހުރި ނުރައްކަލެއް ކަމުގައި ބައްލަވައި އޭނާއަށް ބޮޑުވެގެންވާ އަދަބު ލިބެން ޖެހޭނެ ކަމަށްވެސް ބަންޑާރަ ވަކީލު ދެކިވަޑައިގެން ވަކާލާތު ކުރެއްވައި ޖަލުގެ ޙުކުމް ޖަހައިދީ ޖަލައް ފޮނުވާލެވުނެވެ.

މިއީ އިންކާރު ކުރެވެންނެތް ޙަގީގަތެވެ. ގިނަބަޔަކު ދިވެހި ގައުމުގެ ޝަރުޢީ ނިޒާމަކީ އަންދާ ގާނޫނުކަމުގައި ބުނަމުން ދަނީ މިހެންވެގެން ކަމުގައި ގަބޫލު ކުރެވިއްޖެއެވެ.

ޑިމޮކްރެސީގައި ފަނޑިޔާރުމީހާއާއި ދުއްރަ އާއި ދޭވާނި މިއީ އެކައްޗަކަށް ވެގެން ދަނީ މިގޮތަށެވެ. ދެރަމީހާއަށް ދެރަގޮތެވެ. މޮޅުމީހާ މޮޅުގޮތެވެ. 

ރައީސް އޮބަމާއަށް އެފަދައިން އެނގިވަޑައިގެން އެގޮތަށް އެވާހަކަތައް ވިދާޅުވިނަމަވެސް އެމަނިކުފާނުގެ ގައުމުގެ ސިޔާސީ ވިސްނުންވެސް އޮތީ ހަމަ އެގޮތަށެވެ.                                 

Loading

One Response

  1. ވަރަށް ރަނގަޅަށް ޑިމޮރެސީ ވިދާޅުވެ ދެއްވައިފިއެވެ. އިބްރަތް ލިބިގަންނަށް ބޭނުންވާ ބަޔަކަށް ރަނގަޅު ފިލާވަޅުތަކެކެވެ. ހަގީގަތުގެ މައްޗަށް ވަރަށް ރަނގަޅަށް އަލި އަޅުވާލާފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް