ގޯއްޗަށް ޝަރުތުހަމަވާ މީހުންގެ ލިސްޓުގައި އިންޑިއާ މީހާގެ ނަން އޮތީ އޮޅުމަކުން: އަކްރަމް

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ދާދިފަހުން ރާއްޖޭގެ ރަށްވެހިކަން ލިބުނު އިންޑިއާ މީހެއްގެ ނަން އޮތީ އޮޅުމަކުންކަމަށް ގެދޮރުވެރިޔާ ކޮމިޓީގެ ޗެއަރ އަކްރަމް ކަމާލުންދީން މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހޯމަ ދުވަހު އާންމުކުރި “ބިންވެރިޔާ“ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5,000 ގޯތި ލިބޭ މީހުންގެ ލިސްޓުގައި މއ.މަލިކުވިއު ޙަބީބު ރަހިމާން މުޙައްމަދު ހަނީފާ (46 އ) ގެ ނަން އޮތީ ޝަރުތުހަމަވާ އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ ބައިގައެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ  ޙަބީބު ރަހިމާނަށް ރާއްޖޭގެ ރަށްވެހިކަން ލިބިފައިވަނީ 2019 ގައި ކަމަށްވާއިރު, އޭނާގެ އަތުގައި ދިވެހި އައިޑީކާޑަކާއި ޕާސްޕޯޓެއް ވެސް އޮވެއެވެ.

ލިސްޓުގައިވާ ގޮތުން އެކަނި ކުރިމަތިލައިގެން އޭނާއަށް 62 ޕޮއިންޓް ވަނީ ލިބިފައެވެ. 

އަކްރަމް ވިދާޅުވީ ލިސްޓުގައި ޙަބީބްގެ ނަން އޮތް މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭނާގެ ނަން ހިމެނިފައިވަނީ އޮޅުމަކުން ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމުކުރާއިރު އެކަން އިސްލާހުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ވަގުތީ ލިސްޓު އާންމުކުރުމުގެ މަގުސަދަކީ އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމަށްފަހު ކަންކަން ދެނެގަނެ އިސްލާހު ކުރުން ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް