ގޯތި ލިބުނު މީހުންގެ ލިސްޓުގައި މަޖިލީހުގެ 10 މެންބަރަކާއި އަދީބާއި ޑރ.އިޔާޟްގެ އާއިލާ

Loading

Facebook
Twitter
WhatsApp

މާލެއިން ހިލޭ ގޯތި ލިބުނު މީހުންގެ ލިސްޓު މިއަދު އާންމުކޮށްފައިވާއިރު, ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ވެސް ގޯތި ލިބިވަޑައިގެންފައިވާކަމަށް ދައްކައިފިއެވެ.

ސަރުކާރުން މިއަދު ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވި ގޮތުން ސަރުކާރުން މިއަދު ގެޒެޓްކުރި 5000 ގޯތީގެ ލިސްޓަކީ އަޕްޑޭޓްކުރަމުންދާނެ ލިސްޓެކެވެ. އެ ލިސްޓް އަޕްޑޭޓް ކުރަމުން ގޮސް ގޯއްޗަށް ޝަރުތުހަމަވާ އެންމެންނަށް ގޯތި ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝަރުތު ހަމަނުވާ މީހުންނަށް ގޯތި ނުލިބޭ ސަބަބު “ގެދޮރުވެރިން“ ޕޯޓަލް މެދުވެރިކޮށް އެނގެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން ހުށަހަޅާފައިވާ 15164 ފޯމުގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 12794 ފޯމެވެ. އެއީ ޖޮއިންޓް އެޕްލިކޭޝަންތައް ހިމެނޭ ގޮތަށް ޖުމްލަ 19857 މީހުންނެވެ.

ސަރުކާރުން އާންމުކުރި ލިސްޓުން ދައްކާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރުންނަށް ވަނީ ގޯތި ލިބިވަޑައިގެންފައެވެ.

އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ 5 މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ 4 މެންބަރުންނާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެންބަރަކެވެ.

ގޯތި ލިބިވަޑައިގެންނެވި މެންބަރުން:

1.އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް.

2.ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް.

3.މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް.

4.މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަޙްމަދު ފަލާޙް.

5.ހެންވޭރު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު މުޢިއްޒު.

6.މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބޯދިގު).

7.މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި).

8.މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ).

9.ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް.

10. ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް.

މީގެއިތުރުން ދީނީ އިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ވެސް ގޯތި ލިބިވަޑައިގެންފައިވާ ކަމަށް  ލިސްޓުން ދައްކައެވެ. ގޯތި ލިބިވަޑައިގެންފައިވަނީ ޑރ.އިޔާޟާއި އޭނާގެ އަނބިކަނބަލުން ޢާއިޝަތު ޝާހިދާއާއި ދަރިކަނބަލުން ހިޝްމާ މުޙައްމަދު އިޔާޟާއި ހިމްނާ މުޙައްމަދު އިޔާޟް ހިމެނޭހެން ޖޮއިންޓްކޮށް ހުށަހެޅި ފޯމަށެވެ. 

ހަމައެހެންމެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ވެސް ގޯތި ލިބިވަޑައިގެންފައިވާ ކަމަށް ލިސްޓުން ދައްކައެވެ. އަދީބަށް ގޯތި ލިބިވަޑައިގަތީ އާއިލާގެ މެންބަރަކު ހިމެނޭހެން ޖޮއިންޓްކޮށް ހުށަހެޅި ފޯމަށެވެ.

Loading

4 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް