އަތޮޅުތެރޭ ރަށެއްގައި ކުރި ފުރަތަަމަ ނާރުގެ އޮޕަރޭޝަން އައްޑޫސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮށްފިއެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ ބޮލަށް ބޮޑެތި ގެއްލުންތަކެއް ވެގެން އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ 62 އަހަރުގެ ފިރިހެނަކަށްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އުމުރުން ދުވަސްވީ މި މީހާއަކީ މަސައްކަތުގައި އުޅެނިކޮށް ބޮަލުގައި އެއްޗެއްޖެހި ބޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައި ހުރި މީހެކެވެ.
ހޮސްޕިޓަލުން ވިދާޅުވީ އެމީހާގެ ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓުތަކުން ދެއްކީ ބޮލުގެ ނާށިގަނޑުތެރެއަށް ލޭ އެޅިފައިވާކަމެވެ.
މ ިއޮޕަރޭޝަން ކުރީ ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި އިތުރު ފަރުވާއަށް މާލެ ގެންދިއުމަކީ ދަތިކަމަކަށްވެފައި، އަވަސް އޮޕަރޭޝަނއް ނުކޮށްފިނަމަށ ްއެ މީހާގެ ފުރާނައަށް ގެއްލުންވާނެ ކަމަށް ޑޮކްޓަރުން ލަފާދެއްވުމުން ކަމަށް ވެސް އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
އެ ހޮސްޕިޓަލާއި އޭޑިކޭ ހޮސްޕިޓަލް އިން މަޝްވަރާތަކެއް ބޭއްވުމަށްފަހު ނާރުގެ ބަލިތަކާބެހޭ ޚާއްސަ ޓީމެއް އެ ހޮސްޕިޓަލަށް ދިޔައެވެ. މި ޓީމް އައްޑޫސިޓީ އަށް ދިޔައީ ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށް ކުރަންޖެހޭ ޚާއްސަ އޮޕަރޭޝަނެއްކުރުމަށެވެ. މި އޮޕަރޭޝަނަށްފަހު ބަލި މީހާ މިހާރުވަނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
އޭޑީކޭއިން ފޮނުވި ޓީމް ގައި ހިމެނެނީ ނިއުރޯސަރޖަން ޑރ. އަލީ ނާއިފް އާއި ނިއުރޯސަރޖަރީ ސްކްރަބް ނަރުހެއްކަމަށްވާ ޝަމޫނާ އަލީ އަދި ކްރިޓިކަލް ކެއަރ މެޑިކަލް އޮފިސަރ ޑރ. އަދީން ޝަރީފެވެ.
ރާއްޖެ އަކީ ނިސްބަތުން ގިނަ އަދަދެއްގެ މީހުންނަށް ނާރުގެ މައްސަލަތައް ދިމާވާ ގައުމަކަށް ވީއިރު މީގެ ކުރިން ނާރުގެ އޮޕަރޭޝަންތައް ކޮށްފައިވަނީ ހަމަ އެކަނި މާލެސިޓީގެ ހޮސްޕިޓަލްތަކުގައެވެ.