ޝަކުވާތަކަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑް ކޮށްފި

Loading

Facebook
Twitter
WhatsApp

ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ ޢައިޝަތު ސޫޒަން ޙަނީފް އެމަޤާމުން ސަސްޕެންޑް ކުރައްވައިފިއެވެ. އޭނާ ސަސްޕެންޑު ކޮށްފައިމިވަނީ އޭނާ އާއި މެދު ހުށައެޅުނު ޝަކުވާ ތަކަކާއި ގުޅިގެންނެވެ.

ސޫޒަން ސަސްޕެންޑު ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި ސިވިލް ސަރވިސް ކޮމިޝަނުންވެސް ވަނީ ޔަޤީންކޮށްދީފައެވެ. އޭނާ ސަސްޕެންޑުކޮށްފައި ވަނީ އޭނާއާއި ގުޅޭ ގިނަ ޝަކުވާތަކެއް ހިމެނޭ ސިޓީއެއް ސީއެސްސީއަށް ހުށައަޅާފައި ވަނިކޮށެވެ. ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށް ހުށައަޅާފައިވާ އެ ސިޓީގައި ސޫޒަންގެ ޤާބިލް ކަމާއިމެދު ސުވާލު އުފައްދައި އޭނާ އެ މަޤާމުން ވަކިކޮށް ދިނުމަށް ވަނީ އެދިފައެވެ.

ސިވިލް ސަރވިސް ކޮމިޓީއިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް އެމަޤާމުން ސަސްޕެންޑު ކޮށްފައިވަނީ މަސް ދުވަހުގެ މުސާރަ ހިނގާ ގޮތަށެވެ. އަދި ސޫޒަން އާއި ގުޅުންހުރި ދެމައްސަލައެއް އެކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެއީ މުވައްޒަފުން ހުށައަޅާފައިވާ ސިޓީއާއި ކޮވިޑް-19 އާއި ގުޅިގެން އެމިނިސްޓްރީ އިން ކޮށްފައިވާ ޙަރަދުތަކުގައި އޮޅުވާލުންތަކަކާއި ބެހޭ މައްސަލަތަކެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒިފުން ސީއެސްސީއަށް ހުށައަޅާފައިވާ ސިޓީގައި އެމިނިސްޓްރީގެ މުވައްޒަފުންގެ ހައްޤުތަކަށް ސޫޒަން އިހުމާލުވެފައިވާ ކަމަށާއި އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އޭނާ ނާކާމިޔާބު ވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ޙަރަދުތަކެއް އެމިނިސްޓްރީ އިން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައިވާތީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްވެސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ކުރި ޙަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި އަދި މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ބަޖެޓް ކަނޑައެޅުމުގެ ކުރިން މުޢާމަލާތް ތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި ވަކިވަކި ކަންކަމަށް ހަރަދު ކުރާނެ ވަކިވަރެއް ކޮމެޓީއިން ކަނޑައަޅާފައި ނުވާކަމަށްވެސް ވެއެވެ. ކޮވިޑްގެ ތެރޭގައި އެ މިނިސްޓްރީން އެކި ކަންކަމަށް 26،212،727 ރުފިޔާ ހަރަދު ކޮށްފައިވާކަމަށްވެސް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް