ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައަޅާ އުސޫލަށް ޢަމަލުކުރުން މަޑުޖައްސާލައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލްކަން ކުރައްވާ ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައަޅާ އުސޫލަށް ޢަމަލު ކުރުން މަޑުޖައްސާލައިފައިވާކަމަށް ސިވިލްސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައެޅުމުގެ އުސޫލަކީ ސަރުކާރުގެ ސްކޫލްތަށް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެކަމަށް ޤާބިލް ޕްރިންސިޕަލުން އައްޔަނުކުރުމުގެ ގޮތުން އެކުލަވާލި އުސޫލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިއުސޫލަށް ޢަމަލުކުރުން މިވަގުތަށް މަޑުޖައްސާލައިފައި މިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

މިކަމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި، ޕްރިންސިޕަލުންނާއި، ކަމާއި ބެހޭ އެހެން ފަރާތް ތަކާއި މަޝްވަރާކޮށް އުސޫލަށް އެކަށީގެންވާ ބަދަލުތަކެއް ގެނައުމަށް މިނިސްޓްރީއިން ބޭނުންވާތީ، އެމަސައްކަތް ނިމި އައު އުސޫލުތައް އިޢުލާނު ކުރެވެންދެން އެއުސޫލަށް ޢަމަލުކުރުން މަޑުޖައްސާލައިފައިވާކަމަށެވެ.

މިހާރު އެކުލަވައިލައި ކަނޑައަޅާފައިވާ އުސޫލުގައި ވާގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައަޅާނީ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލްއަކަށް އެންމެ ގިނަދުވަހު މަސައްކަތް ކުރެވޭނީ އަށްއަހަރުވަންދެން ކަމަށެވެ. އަދި ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ދައުރުގެ މުއްދަތަކީ ހަތަރު އަހަރުކަމަށެވެ.

މިއުސޫލާއި މެދު ވަރަށް ގިނަ ޕްރިންސިޕަލުން ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. އަދި މިއުސޫލަކީ ވަޒީފާއާއި ބެހޭ ޤާނޫނާ ޙިލާފު ޤާނޫނެއް ކަމަށް ވެސް ޕްރިންސިޕަލުން ވަނީ ބުނެފައެވެ.

އަދި މިއުސޫލަކީ ޤާނޫނު އަސާސީ އާއި އަދި ވަޒީފާއާއި ބެހޭ ޤާނޫނާ ވެސް ޙިލާފު އުސޫލެއްކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާއިގުޅޭ ކޮމިޓީއަށް މައްސަލަ ބަލައި ދިނުމަށް އެދި ހުށައަޅާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް