މަރްޙޫމް ޙުސެއިން މުޙައްމަދުގެ ޒިކުރާގައި ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފި

Loading

Facebook
Twitter
WhatsApp

ދިވެހި ޤައުމަށް އަގުހުރި ޙިދްމަތް ތަކެއް ކޮށްދެއްވި ޙިދުމަތް ތެރިޔާ އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްމަރްޙޫމް ޙުސެއިން މުޙައްމަދު ގެ ޒިކުރާގައި ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފިއެވެ. މިޖަލްސާ އިންތިޒާމުކޮށް ބާއްވާފައިމިވަނީ އެމަނިކުފާނު އެޕާޓީއަކަށް ނިސްބަތްވި ޕާޓީ ޖުމްހޫރީ ޕާޓީއިންނެވެ. އަދި މިޖަލްސާ ބޭއްވީ ވަރޗުއަލްކޮށެވެ.

ރޭބޭއްވުނު މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރާ މަޖިލިސް މެމްބަރުންނާއި، އެޕާޓީގެ ކައުންސިލް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

ރޭ ބޭއްވުނު ތައުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވަނީ ޙުސެއިން މުޙައްމަދާއި އެކު މަސައްކަތް ކުރެއްވި އިރު ކުރެއްވެވި ބައެއް ތަޖުރިބާ ހިއްސާ ކުރައްވާފައެވެ. ރައީސް ވިދާޅުވީ މީގެ 32އަހަރު ކުރިން ޓެލެވިޒަން މޯލްޑިވްސް ގައި އެމަނިކުފާނު މަސައްކަތް ކުރެއްވިއިރު ޙުސެއިން މުޙައްމަދަކީ އެމަނިކުފާނުގެ ވެރިއެއްކަމަށެވެ. އަދި ޓީވީގައި މަސައްކަތް ކުރެއްވެވި އިރު ލީޑަރޝިޕްގެ ގިނަ ހުނަރުތަކެއް އެމަނިކުފާނުގެ އަރިހުން ދަސްވެގެން ދިޔަކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

އޭގެ ފަހުން ސިޔާސީ މައިދާނުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޙުސެއިން މުޙައްމަދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގަތް ކަމަށް އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ. އަދި ސިޔާސީ ދާއިރާ ހަލަބޮލިވެ މިދިޔަ ވެރިކަމުގައި ޙުސެއިން މުޙައްމަދާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޖަލުގައި ހޭދަކުރެއްވި ދުވަހުގެ ހަނދާން އާކުރެއްވެވިއެވެ.

ރައީސް ޞާލިހުގެ ވާހަކަފުޅުގައި މަރްޙޫމް ޙުސައިންގެ ޒިކުރާ އާކުރައްވަމުން ވިދާޅުވީ އެމަނިކުފާނާއި އެންމެ ފަހުން ވާހަކަ ދެއްކެވީ ޙުސައިން ނިޔާވުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި އެދުވަހުވެސް މިހާރު ކަންކަން ހުރި ގޮތާއިމެދު އެމަނިކުފާނު ދެކެލައްވާގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވިކަމަށެވެ.

ރޭގެ ޖަލްސާގައި ވަރަށް ގިނަ ބޭފުޅުން ބައިވެރިވެ ޙުސެއިން މުޙައްމަދާއި މެދު ޝުޢޫރު ފާޅު ކުރައްވާފައިވެއެވެ. އެގޮތުން އެކި އޮފީސްތަކުގައި ޙުސެއިންނާއި އެކު މަސައްކަތް ކުރެއްވި ބޭފުޅުންގެ އިތުރުން ސިޔާސީ މައިދާނުގައި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް ވަނީ ޝުޢޫރު ފާޅު ކުރައްވާފައެވެ.

ޙުސެއިން މުޙައްމަދު ނިޔާވެފައިވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 3ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ 71އަހަރެވެ.

ޙުސެއިން މުޙައްމަދަކީ ގިނަދުވަސް ތަކެއް ވަންދެން ޤައުމަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ގިނަދުވަސް ތަކެއްވަންދެން މީޑިއާއަށާއި ސިޔާސީ ދާއިރާގައިވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އއ އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 2005ވަނަ އަހަރުން ފެށިގެން 2009ވަނަ އަހަރާއި ހަމައަށް ކުރަށްވައިފައިވާއިރު 2009ވަނަ އަހަރުން ފެށިގެން2019ވަނަ އަހަރާއި ހަމަޔަށް މަތިވެރި ދާއިރާގެ މެމްބަރުކަންވެސް ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން ތަޢުލީމީ ދާއިރާއަށް ވެސް ވަނީ ވަރަށް ގިނަ ޙިދްމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އެގޮތުން ޙުސެއިން މުޙައްމަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ހަމަ އެމިނިސްޓްރީގެ ޑިރެކްޓަރ ކަންވެސް ކުރައްވާފައެވެ. އަދި އެޑިއުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރ (އީޑީސީ)ގެ އެކިއެކި މަޤާމުތައްވެސް ވަނީ ފުރުއްވާފައެވެ.

މީޑިއާގެ ދާއިރާއަށް ބަލާއިރު ޓެލެވިޒަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ ކަން ކުރައްވާފައިވާއިރު، ހަމަ އެތަނުގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރައްވައި ޤައުމީ ޓީވީ އާއި ރޭޑިއޯ ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވިއެވެ. އަދި ޙުސެއިން މުޙައްމަދު ވަނީ ނޫސްވެރިއެއްގެ ގޮތުން ރާއްޖޭގެ އެކި ނޫސްތަކުގައި ވެސް ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް