އެމެރިކާއާއިއެކު އިތުރަށް ދައްކާނެ ވާހަކައެއް ނެތް - ޗައިނާ

Loading

Facebook
Twitter
WhatsApp

އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމަކަށް ޗައިނާއިން އެއްބަސްނުވުމުން މިހާރު ޗައިނާއިން ގެންގުޅޭ ދެކޮޅުވެރި ސިޔާސަތާހުރެ ވަރަށް ދެރަވި ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އައުސްޓިން ވިދާޅުވެއްޖެއެވެ.

ސިންގަޕޯރުގައި މިހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑިފެންސް ސަމިޓުގެ ހަވާސާގައި ޗައިނާގެ ދިފާއީވަޒީރު ލީ ޝަންގްފޫ އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އައުސްޓިން ބައްދަލުކުރަން ބޭނުންކަމަށް އެމެރިކާއިން ދިން ދައުވަތު ޗައިނާއިން ގަސްދުކުރީ ސަބަބު ބަޔާންކުރުމަކާއި ނުލައި ގަބޫލު ނުކުރުމަށެވެ.

ޗައިނާގެ ދިފާއީ ވުޒާރާގެ ސްޕޯކްސްވުމަން ހަމައެކަނި ވިދާޅުވީ މިލިޓްރީ ވާހަކަދެއްކުމަށް އޮތް ހުރަސްތައް އެމެރިކާއަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެހެންނަމަވެސް ސިންގަޕޯރަށް ވަޑައިގަތުމުގެ ކުރިން ޓޯކިޔޯގައި ހުންނަވާފައި އައުސްޓިން ވިދާޅުވީ ޗައިނާއިން ބައްދަލުކުރަން ބޭނުން ނުވީތީ ހިތާމަކުރައްވާ ކަމަށެވެ.

އަދި ބާރުގަދަ ގައުމުތަކުގައި އުފެދޭ ދެބަސްވުންތައް ވާހަކަދައްކައިގެން ޙައްލުކުރުމަށް ބާރުއަޅައި މިހާތަނަށް ކިތަންމެ ފަހަރަކު އަހަރެން ބުނެފައިވާނެއެވެ. އަހަރެން މިހާރުވެސް މިހުރީ ޗައިނާއާއި އެކު ވާހަކަ ދައްކަން އެހެން ފުރުސަތެއް ލިބޭތޯ ބަލަބަލަ އެވެ.

އަހަރެން ގަބޫލުކުރާ ގޮތުގައި ދިފާއީ ވާހަކަ ދެއްކުން އޮންނަންވާނީ އަބަދުވެސް ހުޅުވާލެވިފައެވެ. ދާދި މިދާކަށްދުވަހު ޗައިނާއިން އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ސަރވެއިލަންސް ފްލައިޓްތަކަށް ޖެއްސުން ކުރުމަކީ އަހަރެމެން ވިސްނާ ފިކުރުކުރަން ޖެހިފައިވާ ކަމެކެވެ.

އަހަރެން އުންމީދުކުރަނީ އެފަދަ ޖެއްސުންކުރުން އަތަށް ނުގޮވަނީސް ޗައިނާއިން އެކަހަލަ ކަންތައް ނުކުރަން ވިސްނާނެ ކަމަށެވެ.

މިދިޔަ އަންގާރަދުވަހު އެމެރިކާގެ މިލިޓްރީން ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ ފާރަވެރި މަތިންދާބޯޓަކަށްވެސް ޗައިނާގެ ފައިޓަރ ޕައިލެޓަކު އެއްވެސް ބޭނުންނެތް ގޮތެއްގައި ކައިރިއަށް އައިސް ގޯނާކޮށް ހަދާފައިވާކަމަށެވެ.

މިކަން ހާމަކުރި ވީޑިއޯއިންފެންނަ ގޮތުގައި ޗައިނާގެ ހަނގުރާމަމަތީ މަތިންދާބޯޓު އެމެރިކާގެ އެއަރކްރާފްޓާއި ކައިރިކުރިލެއް ބޮޑުކަމުން އުފެދުނު ރާޅުބާނީގައި އެމެރިކާގެ އެއަރކްރާފްޓް ދިޔައީ ތެޅިގަނެގެންނެވެ.

މިކަމާގުޅިގެން ޗައިނާއިން ބުނެފައިވަނީ އެމެރިކާގެ އެއަރކްރާފްޓް ޗައިނާއިން ކުރަމުންގެންދިޔަ މިލިޓްރީ ތަމްރީނުތަކުގެ ސަރަޙައްދަށް ވަދެގަތީ ކަމަށެވެ. އަދި ޗައިނާގެ ތަމްރީނުތަކަށް ފާރަލާން އެމެރިކާއިން އުޅުމަކީ ޗައިނާގެ ގައުމިއްޔަތާއި ރައްކާތެރިކަމަށް ގެއްލުންދޭން މަސައްކަތް ކުރުން ކަމުގައި ބެލޭނެ ކަމަށެވެ.

އައުސްޓިންއާއި އެމެރިކާގެ އޮފިޝަލުން މިހާރު މަސައްކަތް ކުރަމުން ގެންދަވަނީ ބެއިޖިންނާއި ދެކޮޅަށް އޭޝިޔާއިން ބައިވެރިން ހޯދުމަށެވެ. ހަމައެއާއިއެކު އެމެރިކާއާއި ޗައިނާއިންވެސް ތަފާތުތައް ނައްތާލަން ބޭނުންވާ ކަމުގެ ކުލަތަކެއްވެސް ފެންނަމުން ދާކަމަށް ބުނެވިދާނެއެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން ވިއެނާގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވާން ޗައިނާގެ އެންމެއިސް ޑިޕްލޯމެޓް ވޭންގް ޔީ އާއި ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމާގުޅިގެން ރައީސް ބައިޑްން ވިދާޅުވެފައިވަނީ އެމެރިކާއާއި ޗައިނާގެ ގަނޑުވެފައިވާ ގުޅުންތައް ދާދިއަވަހަށް އޭގެ ފިނިކަން ކެނޑިގެން ދާނެކަމަށެވެ. 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް