ރައީސަށް ''ޗޯރު އިބުރޭ'' ކިޔުން ނަޝީދަށް އޯކޭ

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ނިސްބަތްކޮށް “ޗޯރު އިބުރޭ“ ކިޔުން ހުއްޓުވުމަކީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“ޗެނަލް 13“ އިން ބްރޯޑްކާސްޓްކުރި ތިން ލަވައެއްގައި ރައީސް ޞާލިޙްގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބޭކަމަށް ބުނެ އެ ލަވަތައް ދެއްކުން ހުއްޓާލަން އަންގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.

ބްރޯޑްކޮމްއިން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ވަނީ އެ ޗެނަލުން ދައްކާފައިވާ “ލުޓޭރު އިބުރޭ“ , “ކަނޑުފޭރޭ ޗޯރު“ , “ފެލާލައިފި“ މި ލަވަތަކުގެ އަޑާއި މަންޒަރު ހިމެނޭ ގޮތަށް ބްރޯޑްކާސްޓްކުރުން ހުއްޓައިލުމަށް އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވީ ޗެނަލް 13 އިން ރައީސަށް ވަގަށް ގޮވުން ހަޖަމުވާންޖެހޭ ކަމަށާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ އޮފު, އެމްޑީޕީން އޭރު ކަނޑުވައިލީ އެމަނިކުފާނަށް ނިސްބަތްކުރި ހުތުރު ނަން ތަކުރާރުކޮށް ގޮވައިގެން ކަމަށެވެ. މައުމޫނުގެ އިތުރުން ރައީސް ނަޝީދާއި ކުރީގެ ރައީސް ޑރ.ވަޙީދަށް ނިސްބަތްކޮށް ހުތުރު ނަންތައް ބޭނުންކުރިކަން ވެސް އީވާ ފާހަގަކުރެއްވިއެވެ.

އީވާގެ ވާހަކަ ނިމުމުން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ކުރީގެ ރައީސުންނަށް ނިސްބަތްކުރި އެފަދަ ނަންތަކުގެ ލިސްޓެއް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް “ކަރުކުރު ބައިސާ“, ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް “ގޮޅާބޯ“, ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް “ގަންޖާބޯ“, ކުރީގެ ރައީސް މުޙައްމަދު ވަޙީދަށް “ބާޣީ ވަޙީދު“ އަދި ކުރީގެ ރައީސް ޔާމީނަށް “ރާގޮނޑި ރާޖާ“ ގެ ނަމުން ނިސްބަތްކޮށް އެކި ތަންތަނުގައި މީހުން ވާހަކަދައްކާފައިވާ ކަމަށެވެ.

މިއަދު “ޗޯރު އިބުރޭ“ ކިޔުމުން އެކަމާ ކަންބޮޑުވުން އިތުރުކުރުމަކީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް