ޗާގޯސް މައްސަލަ: ނިންމުމަށް އަމަލުކުރުން ލާޒިމް, އިސްތިއުނާފު ނުކުރެވޭނެ

Loading

Facebook
Twitter
WhatsApp
ފޮޓޯ: މިހާރު
ފޮޓޯ: މިހާރު

ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމަށްޓަކައި މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ނިންމި ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށާއި އެ ނިންމުމަށް އަމަލުކުރުން ލާޒިމުކަމަށް ސަރުކާރުން ބުނެފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު (25/5/2023) ވަނީ ރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ  ޑިލިމިޓްކުރުމުގެ މައްސަލައާގުޅޭ މައުލޫމާތު ކަރުދާހެއް އާންމުކޮށްފައެވެ.

ކަރުދާހުގައި ބަޔާންކޮށްފައިވާ ޓައިމްލައިން:

18 ޖޫން 2019: މޮރިޝަސްގެ ފަރާތުން އަންކްލޮސް މުއހަދާގެ ދަށުން މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅި

30 ޖޫން 2019: މޮރިޝަސްއިން މައްސަލަ އާިބޓ ްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ފޮނުވާފައިވާތީ އަންކްލޮސްގެ ދަށުން އާބިޓްރޭޝަން ކުރިޔަށް ގެންދިއުމަށް ކަނޑައެޅިފައިވާ އިޖުރާއަތު ތަފްސީލުކޮށްދީ އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވި. 

19 ސެޕްޓެންބަރު 2019: އިޓްލޮސްއަށް މައްސަލަ ބަދަލުކުރުމާގުޅޭ ގޮތުން  ތައްޔާރުކޮށްފައިވާ ކަރުދާހެއް އެޓާނީޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައި އިޓްލޮސްއަށް މައްސަލަ ބަދަލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފައަކަށް އެދުނު.

27 ސެޕްޓެންބަރު 2019: މައްސަލަ އިޓްލޮސްގައި ރަޖިސްޓަރކޮށް މައްސަލަ ެބެލުމަށްޓަކައި 9 ޖަޖުންގެ މައްޗަށް އެކުލެވޭ ސްޕެޝަލް ޗެމްބަރއެއް އެކުލަވައިލި

13 އޮކްޓޫބަރު 2019: އެޓާނީ ޖެނެރަލްގެ އޮފީހުން މައްސަލައާގުޅޭ ކަރުދާހެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި.

18 ޑިސެންބަރު 2019: މައްސަލަ އިޓްލޮސްއަށް ބެލުމުގެ އިހުތިސާސް ލިިބގެންނުވާކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ފަރާތުން ޕްރިލިމިނަރީ އޮބްޖެކްޝަންސް (އިޖުރާއީ ނުކުތާތައް) ހުށަހެޅި.

13–19 އޮކްޓޫބަރު 2020: އިޖުރާއީ ނުކުތާތަކާ ގުޅޭގޮތުން އިޓްލޮސްގެ އަޑުއެހުން ބޭއްވި.

28 ޖަނަވަރީ 2021: މައްސަލަ ބެލުމުގެ އިހުތިސާސް ލިިބގެންވާކަމަށް އިޓްލޮސްގެ ސްޕެޝަލް ޗެމްބަރުން ނިންމި.

25 މެއި 2021: މޮރިޝަސްގެ މެމޯރިއަލް ހުށަހެޅި

3 ޖޫން 2021: އިޓްލޮސްގައި ޖަވާބުދާރީވުމަށްޓަަކައި ބޭނުންވާ ލިޔެކިޔުންތައް (ދިވެހިރާއްޖޭގެ މެރިޓައިމް ބައުންޑަރީއާ ގުޅޭގޮތުން މީގެކުރިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅިފައިވާ ހުށަހެޅުންތަކާއި އެކަމާގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުންތަކާއި އެކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް އަދި ދިވެހިރާއްޖޭގެ މެރިޓައިމް ބައުންޑަރީ އާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިވާ އެންމެހައި  ލިޔެކިޔުންތައް) އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވުނު.

4 އޮގަސްޓު 2021: މައްސަލަ ކުރިޔަށް ގެންދާނެ ގޮތަކާ  ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވި.

25 ނޮވެންބަރު 2021: ދިވެހިރާއްޖޭގެ ކައުންޓަރ މެމޯރިއަލް ހުށަހެޅި.

17 ފެބްރުވަރީ 2022: އެޓާނީ ޖެެނެރަލްގެ އޮފީހުން  ތައްޔާރުކޮށްފައިވާ މައްސަލައާ ގުޅޭ މައުލޫމާތު ކަރުދާހަކާއި މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މެމޯރިއަލްއާއި ދިވެހިރާއްޖެއިން ހުށަހެޅި ކައުންޓަރ މެމޯރިއަލް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި. 

27 ފެބްރުއަރީ 2022: މައްސަލައާ ގުޅޭ މައުލޫމާތު އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި

14 އޭޕްރިލް 2022: މޮރިޝަސްގެ ރިޕްލައި ހުށަހެޅި

15 އޮގަސްޓު 2022: ދިވެހިރާއްޖޭގެ ރިޖޮއިންޑަރ ހުށަހެޅި

17–24 އޮކްޓޫބަރު 2022: މައްސަލައިގެ މައުޟޫއާ ގުޅޭގޮތުން އަޑުއެހުންތައް އިޓްލޮސްގައި ކުރިއަށް ގެންދިޔަ.

28 އެޕްރީލް 2023: މައްސަލައިގައި ހުކުމްކުރި.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްގެ މައްޗަށް އޮތް ކަމަށް ގަބޫލުކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވާފައިވާއިރު, އިމުގެ މައްސަލައިގައި އިޓްލޮސްއިން ކަނޑައެޅީ ރާއްޖެއަށް 47232 އަކަ ކިލޯމީޓަރު ލިބިގެންވާ ކަމަށާއި މޮރިޝަސްއަށް 45331 އަކަ ކިލޯމީޓަރު ލިބިގެންވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރައީސް ޞާލިޙްގެ ސިޓީއަކީ ގާނޫނުއަސާސީއާ ޚިލާފު އަދި ޣައިރުދުސްތޫރީ ބާތިލު ލިޔުމެއް ކަމަށާއި އިމުގެ މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އަދި އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލިފައިވާ ކަމަށެވެ.

ނިންމުން ދިފާއުކޮށް އޭޖީން ނެރުނު ކަރުދާހުގައި ބުނެފައިވަނީ, ޗާގޮސް އާކިޕެލަގޯ ރަށްތަކަކީ 1965 ވަނަ އަހަރު އެ ރަށްތައް ވަކި ކުރުމާ ހަމައަށް ވެސް މޮރިޝަސްގެ ބައެއްގެ ގޮތުގައި އިނގިރޭސިވިލާތުން އިސްތިއުމާރުކޮށްފައިވާ ތަނެއް ކަމަށާއި ަބައިނަލްއަގުވާމީ ގާނޫނުގެ ހަމަތަކުން އިސްތިއުމާރު ކުރެވިފައިވާ ގައުމެއް މިނިވަންވުމާއެކު، އިސްތިއުމާރު ކުރުމުގެ ކުރިން އެ ގައުމެއްގެ ބައުންޑަރީގެ ތެރޭގައި ހިމެނުނު އެންމެހައި ތަންތަނާއި ުބާރު އެ ގައުމަށް ރުޖޫއަވާނެ ކަމަށެވެ. އަދި އޭޝިއާ، އެފްރިކާ،  ލެޓިން އެމެރިކާގެ ގައުތައް އިސްތިއުމާރު ކުރުމަށްފަހު މިނިވަންކަން ލިިބިގެން ދިޔައިރު އަމަލުކޮށްފައިވަނީ މި އުސޫލުން ކަމަށެވެ.

އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަންއަށް ބަލާއިރު، އިސްތިއުމާރުކުރި އިރު މޮރިޝަސްގެ ބައުންޑަރީ އެ ގައުމަށް ރުޖޫއަވުމުގެ މައްޗަށް ރާއްޖެއިން ޗާގޮސްގެ ރަށްތަކުށް ނުވަތަ ރަށަކަށް ސިޔާދަތީ ހައްގު އޮތްކަމަށް ދައުވާ ކުރެވޭނެ އެއްވެސް ފުރުސަތެއް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ނެތް ކަމަށް ވެސް ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.

”އެފަދަ ސޮވްރިނިޓީ ކްލެއިމްއެއް ރާއްޖެއިން އެއްވެސް ޒަމާނެއްގައި ހުށަހަޅާފައިނުވޭ. ނިމިދިޔަ އެއްވެސް ސަރުކާރަކުން އެފަދަ ކްލެއިމްއެއް ހުށަހަޅާފައި ނެތް. އެޑްވައިޒަރީ އޮޕީނިއަންގެ ޕްރޮސީޑިންގ 2017 އާއި 2018  ގައި އައިސީޖޭގައި ކުރިއަށްދިޔައިރު، މައްސަލައާ ގުޅޭގޮތުން ބަސްބުނުމުގެ ފުރުސަތު އޭރުގެ ސަރުކާރަށް އޮތް. މި މައްސަލައިގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ނުގެއްލޭ.”

ކަރުދާހުގައި އިތުރަށް ބުނެފައިވަނީ އަންކްލޮސް މުއާހަދާގެ އާޓިކަލް 296 އަށް ބަލާއިރު އެ މުއާހަދާގެ ދަށުން އިހުތިސާސް ލިިބފައިވާ ކޯޓަކުން ނުވަތަ ޓްރައިިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއި ނިންމުންތަކެއް ކަމަށެވެ.

”އިޓްލޮސްއަކީ އަންކްލޮސް މުއާހަދާގެ ދަށުން އުފައްދާފައިވާ ޓްރައިިބއުނަލަކަށްވާއިރު އިޓްލޮސްގެ ނިންމުން އިތުރަށް ްއިސްތިއުނާފެއް ނުކުރެވޭނެ. އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމު.” ކަރުދާހުގައި ބުނެފައިވެއެވެ.

އަދިއިޓްލޮސްގެ ރޫލްސްގެ 126 އަކީ އިޓްލޮސްއިން ކޮށްފައިވާ  ާހުކުމް މާނަކުރަންޖެހިއްޖެނަމަ, މާނަކުރުމަށް ހުށަހަޅާނެ އިޖުރާއަތު ބަޔާންކުރާ މާއްދާ ކަމަށާއި އެއީ އިސްތިއުނާފީ މަރުހަލާއެއްނޫން ކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ މޮރިޝަސްއާއި ރާއްޖެއާ ދެމެދު އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލައިގައި އިޓްލޮސްއިން ކުރި ހުކުމް ސާފުނުވުމުގެ މައްސަލައެއް ނޫޅޭއިރު ހުކުމް މާނަކުރަން ހުށަހަޅަންޖެހޭ ސަަބަބެއް ނެތްކަމަށް ވެސް ބުނެފައިވެއެވެ.

އޭޖީއިން ބުނީ އިޓްލޮސްގެ ރޫލްސް 127 އަކީ އިޓްލޮސްއިން ކޮށްފައިވާ ހުކުމް މުރާޖައާކުރަން ހުށަހަޅަންޖެހޭ އިޖުރާއަތު ބަޔާންކުރާ މާއްދާ ކަމަށާއު އެ އާޓިކަލްއަށް ބަލާއިރު މުރާޖައާކުރަން ހުށަހެޅޭނީ މައްސަލައިގެ ހުކުމްގައި އެ ފެކްޓެއްގެ މައްޗަށް ބުރަދަން ދޭންޖެހޭ މުހިއްމު ފެކްޓެއް ހުކުމް ކުރާ ފަހުން މުޅިން އަލަށް ޑިސްކަވަރވެއްޖެނަމަ ކަމަށެވެ. އަދި މި ފެކްޓަކީ ހުކުމް މުރާޖައާކުރަން ހުށަހަޅާ ގައުމަށާއި ޓްރައިިބިއުނަލަށް ވެސް ހުކުމް ކުރިއިރު އެނގިފައިނުވާ ފެކްޓަކަށްވާންޖެހޭނެކަމަށް އިޓްލޮސްގެ ރޫލްސް ބަޔާންކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

މިފަދައިން މުރާޖައާކުރަން ހުށަހެޅުމުގެ ފުރުސަތު ލިބެނީ އާ ހަގީގަތް އެނގޭތާ 6 މަސްދުވަހުގެ ތެރޭގައި އަދި ހުކުމް ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

Loading

3 Responses

  1. ދިވެހިރާއްޖޭގެ ކަނޑުގެ އިން ކަނޑައެޅުމުގެ ޤާނޫނުގެ 7 ވަނަ މާއްދާއަށް ބަލާއިރު އެމައްސަލައަކީ ނިންނެހޭ މައްސަލައެއް، އަދި މޮރިސަސްއިން އެދުނުގޮތައް ދިވެރާއްޖެއިން އެއްބަސްނުވުމުން މޮރިސަސްއިން ކޯޓަށް ގޮސްފައިވުމަކީ ދިވެހިރާއްޖެ އިން ރާއްޖޭގެ މައްސަލަހަތު ދިފާއުކުރުމަށް މަސައްކަތް ކުރާކަން އަންގައިދޭ ހެއްކެއް،

  2. ވިއްކާ އަގު ޚަލާސްކޮށްފާ އޮތިއްޔާ ތިބާއަށް ތިހެން ބުނެވޭނީ. ޝާހިދުއާއި އިބޫވެސް އެވަނީ އެކަމާ މަތިންބައިޖެހިގެން ދަތުރުތައްކޮށް މަގުފަހިކޮށް؛ދީފާ ވިއްޔާދޯ؟ ސަރުކާރު ބަދަލުވެއްޖެނަމަ ތި ރިފަތް އާއި ޝާހިދު ފިލަައިގެން ދިޔަނުދީވޭތޯ ބަލަންވާނެ އެވެ. އެހެނަސް އިބޫ ފިލާނެކަން ޔަގީނެވެ. އެއީ ސިއްކަ ސިލޯނުގައި އެކަމަށް މަގުފަހިކުރާނެތީއެވެ. މިހާރު ވަރަށް ފައިސާ އޮންނާނެއެވެ. ފައިސާ އަކީ މިހާރު އެންމެވަރުގަދަ ހަތިޔާރެވެ.

  3. ޗާގޯސް ނުލިބުނަސް ވިއްކާލި ކަނޑުން ބައެއް ނުލިބުނަސް މީނަ އަތުލައިގަންނަން ވާނެއެވެ. އަދި ޗާގޯސް ޑީލް ހެދިގޮތް ކިޔައިދޭންދެން ދޫނިދޫ ކުޑަގޮޅިގައި ކެމެރާ ހަރުކޮށްފާ ބަންދުކުރަން ވާނެއެވެ. އެހެނީ ޖަމްޢުކޮށް ދައުލަތާއި އިދިކޮޅު ޢަމަލެއް ހިންގީތީއެވެ. ދެންވާނީވެސް އެހެނެވެ. އެއީ ދަރުކާރެއް ބަދަލުވާއިރު އެ ސަރުކާރުގެ ވެރީންނަށް ކުރިން ކުށްތަކުން ބަރީޢަވުމަށް ދައުވާކޮށް ދޮގުވާހަކަތައް ދައްކައިގެން އުޅުނު ލޯ ފާމް ތަކުގެ ވެރީން އޭޖީ އަށް ޕީޖީއަށް ހެދީމާ ދެން ވިޔާފާރީގެ އުސޫލުން ދައުލަތުގެ ޢަދުލު އިންސާފް ވިއްކާނީ ނޫންހެއްޔެވެ. ދެރަކަމުގެ ކޮޅެއް މެދެއް ނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް