ދައުލަތުގެ ތަނަވަސްކަން ލޫޓުވުން!

Loading

Facebook
Twitter
WhatsApp

ދިވެހިންގެ ވިއަވަތި ނަހަމަ ގޮތުގައި ލޫޓުވުމަށް ހެޔޮ ވެރިކަން ކޮށްދޭނަމޭ ކިޔައިގެން ދޮގު ވަޢުދުތައް ރައްޔިތުންނަށް ތަކުރާރުކޮށް ވަމުން މިއަންނަ ސިޔާސީ ލީޑަރުންގެ ކިބައިން ދަޢުލަތް ޙިމާޔަތް ކުރަންޖެހެއެވެ. 

އެގޮތަށް ދައުލަތް ޙިމާޔަތް ކުރެވޭނީ ދައުލަތް ހިންގުމަށްޓަކައި ރައްޔަތުން އިސްކުރާ މީހުންނަކީ އަބުރުވެރި އިޚްލާސްތެރީން ކަމުގައި ހެދިގެނެވެ. އެފަދަ ސަރުކާރެއް އުފެދިގެން ނޫނީ ދައުލަތް ލޫޓްވުމެއް ނުހުއްޓުވޭނެއެވެ. 

އެހެންކަމުން މާތްﷲ ގެ މިންވަރުފުޅާއި އެކު ހެޔޮނިޔަތުގައި ލޮބުވެތި ރައްޔިތުން މަސައްކަތްކޮށް 2023 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުން ދައުލަތް ލޫޓްވުމާއި ފޭރުން ހުށްޓުވުން ނިމުމަކަށް ގެންނަން ޖެހޭނެއެވެ. އެހެނީ ސަރުކާރުން ވަމުންދާ ބޮޑެތި ޚިޔާނާތްތަކަކީ ރައްޔަތުންގެ ޓެކްސް ފައިސާއާއި ރައްޔަތުމީހާއަށް ގައުމުތަކުން ދެމުންގެންދާ ހިލޭ އެހީތަކެވެ.  

އަދި މީގެ އިތުރުން ރައްޔަތުންގެ ބަހެއް މިނެއްނެތި ލޯންނަގައި ރިބާ ކާންދިނުމާއިއެކު އެލޯންތަކުންވެސް ފިކުރެއްނެތި ވައްކަންކުރުމުން ހަލާކުވެ ނެތިދަނީ ގައުމާއި ދައުލަތުގެ ޚަޒާނާއެވެ. އަދި ސަލާމަތް ނުވެވޭވަރުގެ ބޮޑެތި ދަރަނި ބޮލުގައި އެޅުވިފައި މިވަނީ ރައްޔަތު މީހާގެ ބޮލުގައިކަމަށް ވާތީއެވެ. 

ދިވެހިންގެ ވިއަވަތި ނަހަމަ ގޮތުގައި ލޫޓުވުމަކީ އުތުރުކަރައިގެ ވަގުވިޔަފާރި ވެރިން ދިވެހި ތަޚުތުގައި ރިނދެލި ކުރެއްވި ރަސްރަސް ކަލުންނާއި ގުޅިގެން ފެށިފައި އޮތް ސަގާފީ ޙަރާމް ނުބައި ކުޅިއެއްކަމުގައި ބުނެވިދަނެއެވެ.  

ދިވެހިންގެ މާލީ ވިއަވަތި ފޭރުމަކީ ވެރިކަމާއި ޙަވާލުވާ ދުވަހުންފެށިގެން އެމީހުންގެއެންމެ އިސްކަމެއްގެ ގޮތުގައި ބަލާގަންނަ ކަމެކެވެ. އުތުރު ކަރައިގެ ވަގުވިޔަފާރިވެރިންގެ ފަރާތުން ދަސްކުރި ދައުލަތް ފޭރުމުގެ ސަގާފަތް ފެށިފައިވަނީ 1880 ގެ އަހަރުތަކުން ފަށިގެނެވެ. އަދި ވެސް މިކަމަކަށް ޙައްލެއް ލިބިފައެއް ނުވެއެވެ.

އެވޭލާ ޒަމާނުގައި ލިބުނު މާވަހަރެއް ނޫނީ އެހެންކޮށްމެވެސް ހަދިޔާއެކެވެ. ދެން ފަހަކަށް އައިސް ފެއްޕީއައިޑީ، އެމްއެމްޕީއާރުސީ ، ވެންޓީލޭޓަރ ވައްކަން، ދައުލަތުގެ ކުންފުނިތަކުން ސަރުކާރުން ކުރަންމުންގެންދާ ބިޔަ ބައިވަރު ކަންތައް ހިމެނެއެވެ. 

މިބޮޑެތި ޚިޔާނާތްތަކަކީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ޢާއިލާއަކަށް ހިލޭ ބޯހިޔާވެހިކަން ފޯރުކޮށްދީފާ އިތުރުވާހާ ފައިސާއެވެ. ވިސްނާލުމުން ހިތަކަށް ތަދެއްނުވޭތޯއެވެ؟

ދެން މިހާރު ދައުލަތް ލޫޓްވާން މިފެށުނީ ރީތި ނަންނަމުގައި ޑިމޮކްރަސީގެ ނަންބޯޑް އަޅުވައި ގެންނެވެ. އެހެންކަމުން ލޫޓުވުމަށް އިތުރު ފުރުސަތުތަކެއްދެން ނުދީ ލުޓޭރުންގެ ބާރު ނިކަމެތި ކޮށްލުމަށްޓަކައި ރައްޔިތުން ތެދުވަންޖެހޭ ވަގުތު އަތުވެއްޖެއެވެ.

ރައްޔަތުންގެ މާލިއްޔަތުން ވައްކަންކޮށްގެން އައިސް ރައްޔަތުންނަށް އެފައިސާއިން ބައެެއް ރިޝްވަތުގެ ގޮތުގައި ބަހައިގެން ގުރައިދޫ ދާއިރާގައި ހެދިހެންވޯޓް ގަތުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.

އަނެއްދިވެހި ރާއްޖެއަށްގޮސް ތާހިރު ދިރުއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކުރުމަށް ވަޢުދުތަކެއް ވަމުން ގެންދިޔައިރު ކުރެވުނު ދިރާސާ ތަކުންވެސް ދެއްކީރާއްޖޭއަކީ ވަރަށް މުއްސަނދި ޖަޒީރާގައުމެއް ކަމަށެވެ. 

ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް ހަތަރު ލައްކައާއި ފަސްލައްކައާއި ދެމެދުގެ އާބާދީއެކެވެ. ރާއްޖޭގައި 170 ރިސޯރޓް 13 ހޮޓާ 845 ގެސްހައުސް  271 ޓުރަވަލް އެޖެންސީ އަދި 267 ޑައިވް އެޖެންސީ ހުރެއެވެ.  

ޓެކްސްއާއި ޖުރުމާނާ ސްޓިކަރ ފީ އަދި އިތުރު އެހެނިހެން ޖޫރުމަނާތައް ހިމަނައިގެން އަހަރަކު ދައުލަތަށް އެތަކެއް ބިލިއަން ޑޮލަރު ލިބެއެވެ. ޓްއަރިޒަމް ވިޔަފާރީގައި ގިނައިން ތިބީ މިދެންނެވި ވިޔަފާރި މޮނޮޕޮލައިޒް ކޮށްގެން އުޅޭ ބާރުގަދަ ކަރަޕްޓް ވިޔާފާރިވެރީންނެވެ.

އެ ވިޔަފާރިން ލިބޭ ޑޮލަރުތައް ބްލެކް މާރކެޓަށް ދޫކޮށްލަނީ ސަރުކާރުގެ ރުހުމާއި އެކު މިބާރުގަދަ ވިޔާފާރިވެރީންނެވެ. އަދި އެހެންމެ ބޭންކްތައްވެސް މިހާރު މިވަގު ވިޔާފާރީގެ ތެރެއަށް ރަނގަޅަށް ވަދެ ގުޅިއްޖެއެވެ.

ހަމަގައިމުވެސް ފަހުން މިގެނެވުނު ޑިމޮކްރެސީއަކުން ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކޮށެއް ނުދެވުނެއެވެ. ޚިޔާނާތާއި ފަސާދަ ވެގެންދިޔައީ އިތުރެވެ. ވެރިކަމެއް ބަދަލުވާ ވަގުތު ނުފޫޒް ގަދަ ބޮޑެތި ޚާއިރުންނާއި ވަގުން ކޯލިޝަންގެ ތެރެއިން އުފެއްދޭ ސަރުކާރު ތެރެއަށް ވަދެގަނެއެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެރިކަން އިތުރަށް ޚަރާބު ކޮށްލުވާކަމީ ފެންނަން އޮތް ޙަގީގަތެކެއެވެ. 

މިފަދަ ބޮޑެތި ޚިޔާނާތްތެރިންނާއި ޅިޔަން ފަހަރިން އަދި އެކުވެރިންގެ ނުފޫޒްގެ ސަބަބުން ބިޔަ ސަރުކާރެއް ބައިއަޅާގޮތަށް އެކުލަވާލަން މަޖުބޫރުކުރެތެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި އެބައިމީހުން ވެޑުވިގަނެއެވެ. 

ސިސްޓަމް މިހެން އޮތުމުން އެފަދައިން އިސްކުރެވޭ ޚާދިމުންނަކީ ދައުލަތެއް ހިންގޭވަރުގެ ތަޢުލީމާއި ތަޖުރިބާ ކާރުންނެއް ނޫނެވެ. އެފަދަ ވަނަވަރެއް ހުންނަ ބަޔަކަށް ވާކަށް ނުޖެހެއެވެ. އޭގެ ސަބަބުން ދައުލަތް އަމާނާތްތެރިކޮށް އީމާންދާރު ކަމާއިއެކު ހިންގޭނެ ގޮތެއް ޚަރާބުވެ ނެތިދަނީއެވެ. 

މީގެސަބަބުން ރާއްޖޭގެ ތަޢުލީމުވެރި ތަޖުރިބާކާރުންނަށް ދައުލަތް ހިންގުމުގައި އަދި ޚިދުމަތް ދިނުމުގައި ބައިވެރިވެވޭނެ ގޮތެއް ނޯވެއެވެ.

މަގާމު ލިިބިދޭއިރު ތަޢުލީމާއި ތަޖުރިބާހުރި މީހެއްތޯ ބެލުމެއްވެސް ލާޒިމެއް ނުކުރެއެވެ. ބެލިފާއޮތީ ސަރުކާރު އެކުލަވާލާއިރު އިލެކްޝަން ދުވަސްވަރު އެ ސަކަރާތުގައި އުޅުނު އަދި އިލެކްޝަންގައި ބަލިވިފަރާތާއި ޒާތީގޮތުން ދިމާކޮށް އެންމެ އަޑުހަރުކޮށް ޙަޔާތްގޮވާލި މީހުންނަށް ވުމެވެ. 

އެހެންވުމުން ސްކޫލް ތަކުންނާއި ޔުނިވަސިޓީ ތަކުން ވަރަށް މޮޅަށް ކިޔަވައިގެން ނުކުންނަ ދިވެހި ޒުވާނުން ބޭކާރު މީހުންކަމުގައި ވެދެއެވެ. ދެން އޭގެތެރެއިން ގިނަބަޔަކު މިހާރު ޑްރަގުގެ ވަބައިގާޖެހި ހަލާކުވަނީއެވެ.

​ދިވެހި ދައުލަތް ލޫޓުވުމަކީ ކޮންމެ ވެރިކަމެއްގައި ތާރީޚްގެ ސޮފުޙާތަކުންފެންނަންއޮތް ޙަގީގަތެކެވެ. ދައުލަތައް އަހަރަކު ލިބެމުންދާ އެތަކެއް ބިލިއަން ޑޮލަރުގެ އާއްމުދަނީއިން ރައްޔަތުން ހޮވާފައިތިބޭ ޚާދިމުން (ވެރީން)ނާއި އަދި ދާއިރާތަކުގެ މެމްބަރުންނަށް ސަލާން ނުޖަހާ ދުޅަހެޔޮ ސިއްޙަތެއްގައި ދިރި އުޅެވެން ޖެހޭނެވެ.

މިކަންކަމާއިމެދު ރައްޔިތުން ވަރަށްބޮޑަށް ހޭލުންތެރިވެ ސަމާލުވާން އެބަޖެހެވެ.އެހެނީ ދަރަމުންދަނީ ރައްޔަތުމީހާ ކަމަށްވާތީއެވެ. އާސަންދަގެ ބޮޑު ބަޖެޓާއި ސިއްޙީދާއިރާގެ ބަޖެޓު ނުހަމަ ގޮތުގައި ހޭދަކުރަމުން ދާކަމީ ސިއްރެއް ނޫނެވެ.އާސަންދަ ރެގިއުލޭޓްކޮށް ޒިންމާދާރު ބެލެހެއްޓުމަކުން އެ ކުރާ ވައްކަމާއި ބޭކާރު ޚަރަދުތަކުގެ ފައިސާއިން ރައްޔަތުންނަށް ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރެވޭނެއެވެ. 

މިހެން މިދެންނެވީ އިންޑިއާގެ 4 ސިޓީއެއް އެވަނީ ދިވެހި އާސަންދައިން މުއްސަންދި ކޮށްފައެވެ. ލޯނާއި ސަލާމް ޖަހައިގެން ދިވެހީންގެ އެފަދަ ޒަރޫރީ ކަންކަން ކުރާކަށް ނުޖެހޭނެއެވެ. 

އަހަރު ދެބައި ނުވަނިސް އާސަންދަ ހުސްކޮށްލައެވެ. އާސަންދަގެ ފައިދާ ކުރަނީ ސަރުކާރުގެ ބޮޑުން އަދި މަޖިލީސްގެ މެބަރުންނަށެވެ. ޚާއްސަކޮށް އެންސްޕާ އެއީ މެމްބަރުން ރުއްސުމަށް އެމީހުން މެދުވެރިވެގެން ބައެއް މީހުނަށް އެކްސްޕްރެސްކޮށް ލިބިދޭ ރިޝަވަތަކަށް މިވަނީ ހަދާފައެވެ. އަދި އާސަންދަގެޚިދުމަތް ގިނަ ރައްޔިތުންނަށް އިންސާފުވެރި ގޮތަކަށް ނުލިބެއެވެ. 

އާސަންދައިގެ ޚިދުމަތާއި ބޯހިޔާވެހިކަމާއި އަދި ކުދި މެދުފަންތީގެ ލޯނު ހޯދުމަށްޓަކައި ވޯޓުން ނަފުސު ޚަރާބުކުރުން ހުށްޓުމަކަށް ގެންނަން މިވަނީޖެހިފައެވެ. ޤައުމުގެ މުސްތަގުބަލް އޮތީ ޚަރާބު ޙާލަތެއްގައި ކަމަށް ދެކިގެން ދިނާ ޤައުމަށްޓަކައި ވޯޓް ޙިމާޔަތް ކުރުން ކޮންމެހެން ލާޒިމް ކަމަކަށް މިވަނީ ވެފައެވެ.

މާޒީގެ ސޮފްޙާތަކުން ފެންނަން ހުރިގޮތުން 19 ވަނަ ގަރުނަށް ކުރިމަތިލާއިރު އުތުރުކަރައިގެ ވޯރާ ވިޔަފާރިވެރިންނާއި އެކު އެއްބަސްވާ އެއްބަސްވުން ތަކުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް އެއްކޮށް އުތުރުކަރައިގެ ވޯރާ ވިޔަފާރިވެރިންގެ އަތްދަށް ދިޔައެވެ. ވިލާތުގެ މޮޅު ގުޑާކުގެ ނަމުގައި ދިވެހިންނަށް އަފިހުން ބޯންދީ މީހުން މަސްތުގައި ޖައްސައި ދިވެހިރާއްޖެގެ ދާޚިލީ ސިޔާސަތުގެ ތެރެއަށް އުތުރު ކަރައިގެ ވޯރާއިން ވަދެ ސިޔާސީ މަސްރަޙްގެ ސުލްޙަ މަސަލަސްކަން ގެއްލުވާލައި ތަފާތު ހަމަނުޖެހުންތައް އުފައްދައި ދުސްތޫރީގެ ޙުކޫމަތު ގެއްލުވާލާފައި ވާކަންވެސް އެނގެއެވެ. ހަމައެއާއިއެކު އަނދިރި ދައުލަތެއްގެ ގޮތްނޭންގޭ ބާރުތަކެއް ދިވެހި ދައުލަތް އަޅުވެތި ކުރިއެވެ. 

ދިވެހިންގެ ވިޔަވަތި މައްޗަށް އުތުރުކަރައިގެ އިސްތިޢުމާރުން ވަނީ ދިވެހިންގެ ކަނޑުމަހުގެ ހިކިމަސް ހަންދަރަކަށް 5 ރުފިޔާ ވެސް ދިނުމަށް އިންކާރު ކޮށްފައެވެ. އަދި ދިވެހިންގެ އަސާސީ ޚިދުމަތް ތަކަށް ބޭނުންވާ ތަކެތި ވެސް އެމީހުންގެ ބާރުގެދަށުން އިމްޕޯޓްކުރިއެވެ. އަގުބޮޑުކޮށް މުދާ ވިއްކުމުގެ ސަބަބުން ދިވެހިން ފަގީރުވެ ދަރަނިވެރި ކޮށްލިއެވެ. 

އަދި އަފިހުނާއި މަސްތުވާ ދިޔާތަކެތި ވިލާތު މޮޅު ގުޑާކް ނަމުގައި ވިލާތުގެ މޮޅު އެންޓިޕާގެ ނަމުގައި ރާއްޖޭގައި އެތަކެތި ޢާއްމު ކޮށްފައިވާކަން ވެސް ފޯކުލޯރުތަކުން ފެންނަން އެބަހުއްޓެވެ. މިޒަމާނުގައި މިކަން ކުރާގޮތާއި ވައްތަރު ތަފާތެވެ.

މިޒަމާނުގައި ދިވެހިންގެ ވިއަވަތި ފޭރިގަންނަނީ ތަރައްގީއާއި ތަޙުޒީބާއި ތިމާވެށި ޙިމާޔަތް ކުރުމުގެ ރިވެތި ސައިތޯނާގެ ފަށުވިފަންނުގެ ޢަމަލުގައިޖައްސުވައިގެން ގޮޑިކޮށްކޮއަކަށް ހަދައިގެން ކުފޫހަމަނުވާ މީހުން މަގާމުތަކަށް އިސްކޮށްގެނެވެ. މިގޮތް ބަދަލުކުރުވަން ޖެހެއެވެ!

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް