ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުން އަންނަ މަހުގައި

Loading

Facebook
Twitter
WhatsApp

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި, ރިޔާސީ ކެންޑިޑޭޓްކަމަށް ކުރިމަތިލުމަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލެއްވީ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެކަންޏެވެ. އެހެންވެ އެ ޕާޓީގެ ރިޔާސީ ޓިކެޓް ޤާސިމަށް ދިނުމަށް ޕާޓީގެ ކައުންސިލުގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.

ޖޭޕީން މިއަދު ބުނީ އެ ޕާޓީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމަށް

ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ ނުވަވަނަ ދުވަހުގެރޭ ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.

މި ޖަލްސާ އޮންނާނީ އެ ރޭގެ 20:15 ގައި އަލިމަސް ކާނިވަލުގައެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީން ބައެއް ޕާޓީތަކަށް ދައުވަތު ވެސް ދިނެވެ. އޭގެތެރޭގައި ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީއާއި އެމްޓީޑީއާއި އެމްއާރްއެމްއާއި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު ހިމެނެއެވެ.

މީގެތެރެއިން އެމްއާރްއެމް އުވައިލަން ނިންމައި އެއްވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ އަންގާފައެވެ. ޕީޕީއެމްއާއި އެމްއެންޕީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު ވަނީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފައެވެ. 

ދެން އޮތީ އެމްޓީޑީ ކަމަށްވާއިރު އެ ޕާޓީން އަދި ގޮތެއް ނުނިންމައެވެ. ނަމަވެސް މަޝްވަރާތައް ވަނީ ފަށާފައެވެ.

މި ފަރާތްތަކުގެ އިތުރުން ޤާސިމްވަނީ މީގެކުރިން ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާ ވެސް މަޝްވަރާ ކުރައްވައިފައެވެ. ނަމަވެސް ފިކުރެއްގެ ދިރުމުން މިހާރު އަންނަނީ “ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފައްދައި އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް