ސަޢޫދީގެ "އައު މެދު އިރުމަތި" ސިޔާސަތުގެ ސަބަބުން އިސްރާއީލު ބާކީވެއްޖެ

Loading

Facebook
Twitter
WhatsApp

”އައު މެދު އިރުމަތި“ ގެ ނަމުގައި ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އެކުލަވައިލި އައު ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުން ބައިވެރިވެގެން އުފައްދާ ކޯލިޝަންތަކުން އެ ގައުމުގެ ނިންމުންތަކަށް ބާރުނުފޯރުވޭނެއެވެ. 

ސަރަހައްދީ ކަންކަމަށް އަސަރުކުރާނޭ ސިޔާސަތުތައް އެކުލަވައިލާ، ހިންގާނެ ގޮތް ނިންމައި، ކުރިއަށް ގެންދާނީ ސަޢޫދީ އަރަބިއްޔާއިން އަމިއްލައަށް ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. އިރާނާއެކު ދެމެދު އޮތް ގުޅުންތައް އަލުން އިޔާދަކުރުމުގެ ކުރިން ވެސް، ސަޢޫދީ ޢަރަބިއްޔާއިންވަނީ ތުރުކީއާއި ޤަތަރާއިއެކު އޮތް ގުޅުން ވަރުގަދަކުރުމަށް މަސައްކަތް ފަށައިފައެވެ. 

މައްސަލައިގެ މަލަމަތި ފެންނަ ގޮތުން ފާހަގަކޮށްލެވޭކަމަކީ، މެދު އިރުމަތީގެ ގައުމުތަކުން ބަދަހިކުރި ގުޅުންތަކާއި ބައިވެރިވި ހަނގުރާމަތަކަކީ އެއިން ކޮންމެ ގައުމެއްގެ ވެސް އަމިއްލަ މަސްލަހަތައްޓަކައި ކުރެވުނު ކަންކަން ކަމެވެ. 

އިސްލާމްދީން ހަތިޔާރަކަށް ހަދައި، ފާއިތުވި ދިހަ އަހަރު ތެރޭގައި، މުއްސަނދި ޢަރަބި ގައުމުތަކުންވަނީ ހަރުކަށި ފިކުރުގެ އެތައް ހާސް ޖިހާދީންނެއް ސީރިއާގެ ހަނގުރާމާގައި ބައިވެރިކުރުވައިފައެވެ. އަދި އިރާނާއި ސީރިއާއަކީ އިސްރާއީލަށް ހުރި އެންމެ ބޮޑު ދެ ނުރައްކާކަމަށް އިސްރާއީލުން ގަބޫލުކުރާއިރު، ސަޢޫދީން މަސައްކަތްކުރަމުން ގެންދިޔައީ އިސްރާއީލާއި ގުޅުން ބަދަހިކުރުމަށެވެ.

ޢަރަބި ގައުމުތަކުން ސީރިއާއާއި ދެކޮޅުވެރިވުމުގެ ބަދަލެއްގެ ގޮތުން އިސްރާއީލުން ދިޔައީ އެގައުމުތައް އެމެރިކާއާއި ގާތްކޮށްދެމުންނެވެ. އެހެންނަމަވެސް، ރަޝިއާއަށް ތާއީދުކޮށް ޗައިނާއިން ދުނިޔޭގެ ސިޔާސީ މަސްރަޙަށް ވަނުމާއެކު އޮއެވަރު ބަދަލުވާން ފަށައިފިއެވެ. 

މިފުރުސަތުގެ ބޭނުންހިފައި ސަޢޫދީއާއި ޢަރަބި އެހެން ގައުމުތަކުން އަންނަނީ އެމެރިކާގެ ނުފޫޒާއި ދުރުވެ، އެމެރިކާގެ ފަރާތުން ހޯދަމުން އައި ރައްކާތެރިކަމަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، ޗައިނާއިން ރަޝިއާއަށް މި ޖާގަ ހޯދައިދިނުން ގާތެވެ. 

މިކަމުގެ ނަތީޖާއަކަށްވީ ސަޢޫދީއާއި އީރާނުން އެއް ގައުމު އަނެއް ގައުމާއި ގުޅި، ޢަރަބި ގައުމުތަކުގެ ތެރޭގައި ސީރިއާ ބައިވެރިކުރުމެވެ. އޮޅުވާލައިގެން ސީރިއާގެ ހަނގުރާމާގައި ބައިވެރިކުރުވި ޖިހާދީން ތިބީ ވާނުވާ ނޭނގި ޝައްކެއްގެ މަތީގައެވެ. 

މިއީ ޢަރަބި ގައުމުތަކުގެ ސިޔާސީ އިސްވެރިންނަށް ލިބުނު މޮޅެއްކަމުގައި މިއަދު ފެނުނު ނަމަވެސް، ޗައިނާއިން ބާރު ލިބިގެން މެދު އިރުމަތިން ތަދުބީރުކުރާ ސިޔާސަތު ކާމިޔާބުވެއްޖެނަމަ އެއީ އިރާނާއި، އިރާޤާއި، މެދުއިރުމަތީގެ ހުރިހާ ޢަރަބީންނަށް ލިބޭ މޮޅެކެވެ. ހަނގުރާމައާއި ނަފުރަތު ކުރިއެރުވުން ހުއްޓައިލުމާއެކު މެދު އިރުމަތީގެ ގައުމުތަކުން ކުރާ ވިޔަފާރިއާއި މުއާމަލާތްތަކުން މަންފާވުން ނޫންގޮތެއް ނެތްކަން ހާމަވާނެއެވެ.

ބަލާބެލުމަށް ދެރަލިބުނީ ދެފަރާތަކަށެވެ. އެއީ ހަގީގަތެއްނެތް ހަނގުރާމައެއްގައި ބައިވެރިވާން ދިޔަ ޖިހާދީންނާއި، އިސްރާއީލެވެ. 

އެތައް އަހަރެއް ވާންދެން ޢަރަބި ގައުމުތަކާއެކު ސިއްރު މަޝްވަރާތަކުގައި ބައިވެރިވި އިސްރާއީލުން ވަނީ ޢަރަބި ބައެއް ގައުމުތަކާއެކު ފާހަގަކުރެވޭ ޑިޕްލޮމެޓިކް ގުޅުންތަކެއް ގާއިމުކޮށްފައެވެ. ސަޢޫދީން ވެސް ވަނީ އެފަދަ މަޝްވަރާތަކަކަށް އިޝާރާތްކޮށްފައެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސަތަށް އައި މި ކުއްލި ބަދަލާއެކު، އިސްރާއީލު މިވަނީ ބާކީވެފައެވެ. 

އުފެދޭ ސުވާލަކީ، އަމާންކަމާއި ސުލްޙަ މަސަލަސްކަމަށް ލޯބިކުރާ އެންމެހާ މުސްލިމުން އެދެމުންދިޔަ ހަމަޖެހުމާއި ހަމައަށް މެދު އިރުމަތީގެ ގައުމުތަކަށް ވާސިލުވެވޭނެބާއެވެ. 

Loading

One Response

  1. ކޮންމެ ޖަރީމާއެއް ނިމުމަށްވެސް ވަގުތު ނަގާފާނެއެވެ. އެހެނަސް މާތްﷲ ނަސްރި ވަނީ ވަރަށް ކައިރީގައެވެ. އަދި ނަސްރު ލިބެނީ ޙައްގަށެވެ. އިންސާނާ ވަރަށް މޮޅު މަކަރާ ޙީލަތްތެރި ރޭވުންތައް ރާވާނެއެވެ. އޭނާގެ ނިކަމެތިކަމާއެވެ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް