ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވިދާނެ 10 ކަމެއް!

Loading

Facebook
Twitter
WhatsApp

ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން ކަންބޮޑުވާނަމަ ކުރަން އެންމެ ރަނގަޅުކަމަކީ ނަފްސާނީ ބަލީގެ ތަޖުރިބާކާރެއްގެ އެހީ ހޯދުން ކަމުގައިވީ ނަމަވެސް، ނުދަންނަ ފަރާތަކާއި ވާހަކަދެއްކުމަކީ އެންމެ ފަސޭހަކަމެއްކަމުގައި ނުވެދާނެއެވެ. 

އެހެންކަމުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ކަސްރަތުކުރުމާއި، ކެއުމާއި، ނިންޖަށް ސަމާލުވުން

ތިމާގެ ޚިޔާލުތަކާއި އިޙްސާސްތަކަކީ ނަފްސާނީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި ހީކުރުމަކީ ކުށްހީއެކެވެ. ނަފްސާނީ ދުޅަހެޔޮކަމާއި، ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ގުޅި ލާމެހިފައިވާ ދެކަމެވެ. މިގޮތުން، ކަސްރަތުކުރުމުން މީހާގެ ”މޫޑް“ ނުވަތަ އެވަގުތަކު ހުންނަ މިޒާޖު ރަނގަޅުކޮށްލުމުގެ އިތުރުން މާޔޫސްކަމާއި ކަންބޮޑުވުން ފިލުވާލުމަށްވެސް އެހީތެރިވެދެއެވެ. އަދި އިންސާނީ ދުޅަހެޔޮކަމަށްޓަކައި ހަތް ގަޑިއިރު ނުވަތަ އަށް ގަޑިއިރުގެ ނިދި ހަށިގަނޑަށް ބޭނުންވާއިރު، ނިދި ހަމަނުވާނަމަ މީހާ މާޔޫސްވެ ޑިޕްރެޝަނަށް ދިޔުމަށް މަގުފަހިވެއެވެ.

މީގެއިތުރުން، ހަށިގަނޑަށް ފައިދާކުރުވަނިވި މާއްދާތައް އެކުލެވޭ ކާނާ ކެއުމަކީ ދުޅަހެޔޮކަމުގެ އިޙްސާސްކުރުވާ ކަމެކެވެ. އެގޮތުން، ވިޓަމިންސް، ހާއްސަކޮށް ވިޓަމިން B12 އަދި ވިޓަމިން D، އަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް މާޔޫސްވުމުން ދުރުކޮށްދޭ މާއްދާއެއްކަން ވަނީ ފާހަގަކުރެވިފައެވެ. 

ސިކުނޑި ހަމަޖެއްސުމުގެ އުކުޅުތައް

ހަށިގަނޑުގެ ގުދުރަތީ ބާރާއި، ހަށިގަނޑު ހަޖެއްސުމުގެ ބާރު ވަރުގަދަކުރުމަށްޓަކައި ސިކުނޑި ހަމަޖެއްސުމުގެ އުކުޅުތައް ނުވަތަ ”ރިލެކްސޭޝަން ޓެކްނީކް“ ތައް ބޭނުންކުރެވިދާނެއެވެ. އޭގެ ސަބަބުން މަޑުމޮޅިކަމާއެކު ނޭވާލުމުގެ އިތުރުން، ލޭގެ ޕްރެޝަރު ދަށްކޮށް، ހާސްވުމުން ދުރުކޮށްދެއެވެ. ސިކުނޑިއާއި ހަށިގަނޑު ހަމަޖެއްސުމަށް ތަފާތު އެތައް އުކުޅެއް ބޭނުންކުރެވިދާނެއެވެ. އެގޮތުން، ނޭވާލުމުގެ ތަފާތު އުކުޅުތަކާއި، ތަސްވީރެއް ފަދައިން ހަށިގަނޑު ހިތަށްގެންނަމުން ހަށިގަނޑުގެ ތަފާތު މަސްތައް ނުވަތަ ގުނަވަންތައް ބާރުކުރަމުން ހަމަޖައްސަމުން ދިޔުމަކީވެސް ސިކުނޑި ހަމަޖެއްސުމުގެ އުކުޅެކެވެ. ކަންކަން ހިތައްގެނެސް އެކަމާ ޚިޔާލުކޮށްގެން ސިކުނޑި ހަމަޖައްސަން ހަށިގަނޑަށް ދަސްކޮށްދެވޭއިރު، ފުން ނޭވާލުމުގެ އުކުޅަކީވެސް ވަރަށް ބޭނުންތެރި އުކުޅެކެވެ. 

މެޑިޓޭޝަން

މެޑިޓޭޓްކުރާއިރު ލިއްބައިދޭ ހަމަހިމޭންކަމާއި، މަޑުމައިތިރިކަމާއި، އަމާންކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އަމާންކަމަށް ސަމާލުކަންދީގެން ހަށިގަނޑު ހަމަޖެއްސުމުގެ އިތުރުން ކަންބޮޑުވުމާއި ހާސްކަން ކުޑަކުރުމަށްވެސް އެހީތެރިވެދެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

އެކަނިވެރިކަމުގެ އިހްސާސްތަކުން ދުރުވެ މޫޑް ރަނގަޅުކުރުމަށް އެދި ބައެއް މީހުން ދުންފަތުގެ އިސްތިއުމާލުކުރި ނަމަވެސް މިއީ ސިއްހަތައް ވަރަށް ގެއްލުންހުރި އަމަލެކެވެ. އެހެންކަމުން ދަތި ހާލަތްތަކާއި ހަނގުރާމަކުރުމަށް ދުންފަތުގެ އިސްތިއުމާލުކުރުން ނޫން އެހެން ގޮތެއް ހޯދަންޖެހެއެވެ.

އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުން

އިންސާނުންނަކީ އިޖުތިމާޢީ ގުޅުންތަކަށް ބަރޯސާވާ ބައެއްކަމަށްވާއިރު، އިޖުތިމާޢީ ހަރަކާތްތެރިކަން އިތުރުކުރުމަކީ ތިމާގެ ވަށައިގެންވާ ގުޅުންތައް ދުޅަހެޔޮވެ ވަރުގަދަކޮށްދޭ ކަމެކެވެ. އަދި ކަންބޮޑުވެ ހާސްވާ ހާލަތްތަކުގައި އެހީތެރިވުމަށް އެންމެ މުހިންމީ އިޖުތިމާޢީ ބައިވެރިކަމާއި އިޖުތިމާޢީ ގުޅުންތަކެވެ. އެހެންކަމުން، ކަމުގެ މާހިރުން ލަފާދެނީ ތަފާތު ވައްޓަފާޅިތައް ގެންގުޅޭ ރަހުމަތްތެރިންނާއި އެކުވެރިންގެ ވިއުގައެއް ގެންގުޅުން މުހިންމުކަމަށެވެ. 

އިތުބާރުކުރެވޭ އާއިލީ މެންބަރުންނާއި ރަހުމަތްތެރިންގެ މަދަދު ހޯދުން

އާއިލާއާއި ރަހުމަތްތެރިންގެ ތެރެއިން އިތުބާރުކުރެވޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމުން ދިރިއުޅުމުގައި ކުރިމަތިވާ ކަންބޮޑުވުންތަކާއި ބައްދަލުކުރުމަށް ފަސޭހަވެގެންދާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެމީހުންގެ ފަރާތުން ލިބޭ ނަސޭޙަތް ގަބޫލުކުރެވުމުގެ އިތުރުން، ބައްދަލުވެ ނުވަތަ ފޯނުން ގުޅައިގެން ނަމަވެސް ވާހަކަދެކެވުމަކީ ވެސް ތަސައްލީ ލިބޭކަމެކެވެ. ގާތް ރަހުމަތްތެރިންނާއި އާއިލާއާއި އަބަދުވެސް ގުޅުން ބަދަހިކުރުމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ. 

ފައްސި ވިސްނުން ގެންގުޅުން

ހަމަޖެހޭ، މަންތިޤް ނަޒަރަކުން ދުނިޔެއާއި މެދު ދެކުމުގެ އިތުރުން ނައްސި ވިސްނުންތަކާއި ކަންކަމާއި ވީހާވެސް ދުރުވެގަތުމަކީ މުހިންމުކަމެކެވެ. ވިސްނާގޮތް ބަދަލުކޮށްފިނަމަ ފައްސި ފިކުރުތަކާއި އިޙްޞާސްތަކަށް ޖާގަހުޅުވޭނެއެވެ. އަދި މީގެ ސަބަބުން ރުޅިވެރިކަމާއި ހިތާމަވެރިކަމުން ވެސް ދުރުވެގެންދާނެއެވެ. 

ޝުކުރުވެރިވުމުގެ އާދަ އަށަގެންނެވުން

ދިރިއުޅުމުގައި ދިމާވާ ހެޔޮ ކަންކަމާއިމެދު ޝުކުރުވެރިވުމަކީ ވަރަށް ރަނގަޅު ސިފައެކެވެ. ޝުކުރުވެރިވުމުގެ އާދަ އަށަގެންނެވުމަކީ ނައްސި ތަޖުރިބާތަކަށް މަގުފަހިކޮށްދޭ ކަމެއްވެސްމެއެވެ. 

ހަރަކާތްތެރި އަދި މުރާލި ދިރިއުޅުމެއް ޚިޔާރުކުރުން

ހަރަކާތްތެރިކަން ނުވަތަ މުރާލިކަމަކީ ކަންބޮޑުވެ ހާސްވާ ހާލަތްތަކާއި ކުރިމަތިލުމުގައި އެހީތެރިވެދޭ ކަމެކެވެ. ތިމާއަކީ މުރާލި މީހެއްނަމަ އޭނާ އެދޭ ކަންކަމުގައި ކުރިއަރައިދިޔުމުގެ އިތުރުން ދިރިއުޅުމުގައި ކުރިމަތިވާ ނޭދެވޭ ކަންކަމާއި ކުރިމަތިލުމުގައި ވެސް އޭނާ ކުރިއަރައިދާނެއެވެ. 

އަމިއްލަ ނަފްސަށް އިހުތިރާމްކުރުމާއި، އަމިއްލަ ނަފުސާއި މެދު ފަޚުރުވެރިވުން

ކޮންމެ މީހަކީ ވެސް އޭނާއަށް ހާއްސަ ސިފަތަކެއް ލިބިފައިވާ މީހެކެވެ. އެގޮތުން އަމިއްލަ ނަފްސަށް ކުރާ އިހުތިރާމުގެ ސަބަބުން ތިމާ އެހެންމީހުންނާއި ވަކިކޮށްދޭއިރު، އަމިއްލަ ނަފުސާއި މެދު ދެރަކޮށްދެކުމުގެ ބަދަލުގައި ފަހުރުވެރިވުމަކީ އޭގެ އެންމެ ދުޅަހެޔޮގޮތެވެ. 

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ފާހަގަކުރެވުނު ކަންކަމުގެ ބޭނުން ހިފުމުގެ އިތުރުން އަމިއްލަ ނަފްސަށްޓަކައި ތިމާގެ ހިތުގައި ލޯބި އާލާކުރުމަށް ވެސް އިސްކަން ދޭށެވެ. އަދި ބޭނުންޖެހިއްޖެނަމަ ނަފްސާނީ ބަލީގެ ފަރުވާދެއްވާ ފަރާތަކާއި ވާހަކަދެއްކުމަށް ވެސް ޖެހިލުންވެގެން ނުވާނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް