ޕާކިސްތާން ހައިކޯޓުތެރޭގައި އިމްރާން ޚާން އެނެއްކާވެސް ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަޒީފާއިން ވަކިކުރިފަހުން އެމަނިކުފާނާ ދެކޮޅަށް ހުށައަޅާފައިވާ ދައުވާތަކަކާއި ގުޅިގެން ޕާކިސްތާނުގެ ހައިކޯޓުގައި ހުންނަވަނިކޮށް ފަނޑިޔާރުންނަށްވެސް އެނގުމަކާ ނުލައި ހައްޔަރުކޮށްގެން ގެންގޮސްފިއެވެ. 

އެމަނިކުފާނު މިހާރު ހުންނެވީ ހައިކޯޓުގެ އިމާރާތުގެ ތެރޭގައިކަން ނުވަތަ އެހެންތަނަކަށް ގެންގޮސްފިކަން އޮޅުންފިލާނެ ގޮތެއްވެސް ނުފެނުނެވެ.އެމަނިކުފާނު ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާން ތަހްރީކޭ އިންސާފު ޕާރޓީގެފަރާތުން ރައްޔިތުންނަށް ގޮވާލަމުން ގެންދަނީ އެމަނިކުފާނު ހައްޔަރު ކުރުމާ ދެކޮޅަށް މަގުތަކަށް ނުކުތުމަށެވެ.

އެހެންނަމަވެސް ފުލުހުންދީފައިވާ އިންޒާރުގައި ބުނެފައިވަނީ ހަތަރުމީހުންނަށްވުރެން ގިނައިން އެއްވެއްޖެނަމަ އެބަޔަކާމެދު ހަރުކަށިގޮތެއްގައި ފިޔަވަޅު އަޅާނެކަމަށެވެ.

ފުލުހުންގެ މުއައްސަސާއިން ބުނަނީ އިމްރާން ޚާން ހައްޔަރު ކުރެވުނީ ގަދްރުޓްރަސްޓްގެ ނަމުން ނަންދެވިފައިވާ ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. އެހެންނަމަވެސް މަގުމައްޗަށް އެއްވެފައިވާ މީހުންތަކުގެތެރޭގައި ހިމެނޭ ސިފައިންގެ ޚިދުމަތުގައި ކުރިން އުޅެފައިވާ ބައެއް މީހުން ލައިވްކޮށް ބުނަމުންގެންދަނީ އިމްރާން ޚާން ހައްޔަރުކުރުމުގައި ބައިވެރިވެފައިވަނީ ސިފައިން ކަމަށެވެ. ހައިކޯޓުގެ ބޭރުގައި ޕީ ޓީ އައިގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދު ހިނގަމުންދާ ދެކޮޅުވެރި ކުރިމަތިލުންތައް ލޯކަލް ޓީވީ ތަކުން ގެންދަނީ ދައްކަމުންނެވެ.                

އިމްރާން ޚާން ހައްޔަރުކޮށްފައި މިވަނީ ސިފައިންގެ އިސް އޮފިސަރަކު އެމަނިކުފާނު އަވަހާރަކޮށްލަން ރާވަމުން ގެންދާކަމަށް އިމްރާން ޚާން ވިދާޅުވުމާގުޅިގެން ހަގީގަތެއްނެތް ވާހަކަ ނުދެއްކުމަށް ސިފައިންގެ ފަރާތުން އިންޒާރުކުރިތާ އެއްދުވަސް ފަހުންނެވެ. 

މިއިން ދޭހަވަނީ އިމްރާން ޚާން ވެރިކަމަށް ގެނައުމަށް ތާއީދުކުރި މިލިޓަރީން 2018 ވަނައަހަރު އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޕާލަމެންޓުގައި ނެގުން އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން އެ ތާއީދު އަނބުރާ ގެންދިއުމަށްފަހު މިހާރުވެސް ސިފައިންގެ ތާއީދު ނެތް ކަމެވެ.            

ޕާކިސްތާނުގެ އިގްތިސާދު މިހާރު ވެއްޓިފައިވާ ފުން ވަޅުގަނޑާ އެކުގައިވެސް އިމްރާން ޚާން ބާރުއަޅުއްވަމުން ގެންދަވަނީ އަވަސް އާންމު އިންތިބެއް ބޭއްވުމަށެވެ.                                           

ހަފްތާ ބަންދުގައި ލާހޯރުގައި ބޭއްވުނު އެއްވުމެއްގައި އިމްރާން ޚާން ތަކުރާރުކޮށް ވިދާޅުވެފައިވަނީ މިދިޔަ އަހަރު އެމަނިކުފާނުގެ ފައި ޒަޚަމްކޮށްލި ޙަމަލާގައި ޖެނެރަލް ފައިސަލް ނަސީރު ބައިވެރިވާކަމަށެވެ. 

އެހެންނަމަވެސް ޕާކިސްތާނު ސިފައިންގެ އިންޓަރ ސަރވިސް ޕަބްލިކް ރިލޭޝަންސް އިން ބުނެފައިވަނީ އެއީ އިމްރާން ޚާން ހަދައިގެން ދައްކަވާ ވާހައެއްކަމަށާއި އެޒާތުގެ ވާހަކަތައް ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އަދި މިބާވަތުގެ ވާހަކަ ދައްކާ ފަރާތްތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އެޅުމަކީ އެ އޭޖެންސީއަށް އިޚްތިޔާރު ލިބިގެންވާ ކަމެއް ކަމަށެވެ. ފާއިތުވެގެންމިދާ އަހަރެއްހާ ދުވަހުގެ ތެރޭގައި މިލިޓަރީއާއި އިންޓެލިޖެންސް އޭޖެންސީތަކުގެ ބަހުރުވަ ހުންނަނީ މިގޮތަށް ކަން ފާހަގަކުރެވެއެވެ.

ޕާކިސްތާނުގެ ސިޔާސަތުގައި މިލިޓަރީގެ ދައުރުގެ ބާރުގަދަކަން އެއީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ޕާކިސްތާނުގެ މިލިޓަރީއަކީ ދުނިޔޭގެ ނިސްބަތުން ހަވަނައަށް އެންމެ ބިޔަ މިލިޓަރީ ކަމަށް ބެލެވެއެވެ.                                                      

ޕާކިސްތާނު ސަރުކާރުން ހާމަކުރާގޮތުގައި އިމްރާން ޚާން އަވަހާރަކޮށްލަން ދެވުނު ޙަމަލާއަކީ އަމިއްލަ ފަރުދަކު ދިން ޙަމަލާއެއް ކަމަށާއި އޭނާ އެކަމަށް އިއުތިރާފް ވެފައިވާކަމަށެވެ. އެހެންނަމަވެސް އިމްރާން ޚާން ވިދާޅުވަނީ އެއީ ދޮގު އިއުތިރާފެއް ކަމަށާއި ޙަގީގަތް އޮޅޭގޮތަށް ވާހަކަ ފެތުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އަދި މިހާތަނަށް އެ މައްސަލަ ފުލުހުންނަށް ހުށައަޅަން ކުރެއްވި މަސައްކަތްވެސް ނާކާމިޔާބު ވެފައިވާ ކަމަށެވެ. މަޝްރަހުން ފެންނަނީ ކޯޓުގެ އަމުރުތަކަށް މިލިޓަރީ މިކަމުގައި ތަބާވާނެ ފާޑަކަށް ނޫނެވެ. އެހެނީ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ހައިކޯޓުންވެސް ވަނީ އިމްރާން ޚާން ދެން ދެހަފްތާގެ ކުރީގައި ހައްޔަރު ނުކުރެވޭގޮތަށް ކަފާލާތުގެ ދަަށުން ދޫކޮށްލުމަށް އަމުރުނެރެފައެވެ.                                                                       

Loading

One Response

  1. އިމްރާން ޖެހޭނީ ދޫކޮށްލަން . އެހެނީ ރައްޔަތުންގެ މެޖޯރެޓީ ތިބީ އިމްރާން ޚާން އާއިއެކުގައެވެ. ވީމާ މިލިޓަރީ ބޭނުންގޮތެއް ނުވާނެއެވެ. އެހެނަސް އަދިވެސް މަރާލަން އުޅެ މަރާވެސް ލައިފާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް