ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މިދިޔަ އޭޕްރީލް މަހުގައި ހައްޔަރުކުރި އިންޑިއާގެ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
އޭޕްރީލް 12 ވަނަ ދުވަހު ހައްޔަރުކުރި ލަލްތުލަންޕަރި (56އ) ގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ ބަންދަށް ކުރިން ޖެހި 5 ދުވަސް ހަމަވުމާއެކު ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.
ލަލްތުލަންޕަރިއަށް އިނގިރޭސި އަދި ހިންދީ ބަސް ވެސް ނޭނގޭތީއާއި އޭނާގެ ބަސް ދަންނަ ތަރުޖަމާނަކު ނުލިބޭތީ މައްސަލަ ކުރިއަށް ގެންދަން މީގެކުރިން ދަތިތަކެއް ދިމާވި ނަމަވެސް އިއްޔެގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އޭނާގެ ބަސް ދަންނަ ތަރުޖަމާނަކާ އެކުގައެވެ.
ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެއައި ލަލްތުލަންޕަރިގެ ލަގެޖުން ޖުމްލަ 5.3 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަދި ޑައިމޯފިންއެވެ.