ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަގާމުން އަޒުލުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރެވޭނެ ކަމަށް ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން މިއަދު ބުނެފިއެވެ.
ރައީސް ޞާލިޙްގެ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިވަޑައިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕަކީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގުރޫޕެކެވެ.
އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ މެންބަރުންނާއި ކެންދޫ ދާއިރާ ތަމްސީލު ކުރައްވާ ޖޭޕީގެ މެންބަރު ޢަލީ ޙުސައިނާއި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ އެމްއެންޕީގެ މެންބަރު އަޙްމަދު އުޝާމާއި ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޞާލިޙާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތާއި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ރިފްޢަތުގެ މައްސަލަ މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.
ގާނޫނުގައި އޮންނަ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 10 މެންބަރުންގެ ސޮޔާއެކުއެވެ. “ސަންދާނު“ އަށް އެނގިފައިވާ ގޮތުން ރިފްޢަތުގެ މައްސަލަ ހުށަހެޅުއްވީ 15 މެންބަރުންގެ ސޮޔާއެކުއެވެ.
ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައީސް ޞާލިޙް މަގާމުން އަޒުލުކުރުމަށް ބޭނުންވާ އަދަދަށް މަޖިލީހުގެ މެންބަރުންގެ ސޮއި ލިބޭނެ ކަމަށާއި މައްސަލަ ހުށަނާޅުއްވައި ލަސްވަނީ ބައެއް މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވުމުން ކަމަށެވެ.
މަޖިލީހުގެ ތަފްސީލް:
މަޖިލީހުގައި ޖުމްލަ 87 މެންބަރުން.
ރައީސް ޞާލިޙާއެކު އެމްޑީޕީގެ 55 މެންބަރުން.
ފިކުރެއްގެ ދިރުން ފެކްޝަނުގައި ރައީސް ނަޝީދާއެކު އެމްޑީޕީގެ 13 މެންބަރުން.
ޕީޕީއެމްގެ 5 މެންބަރުން.
ޕީއެންސީގެ 3 މެންބަރުން.
ޖުމްހޫރީ ޕާޓީގެ 2 މެންބަރުން.
އެމްއެންޕީގެ 3 މެންބަރުން.
އެމްޑީއޭގެ 2 މެންބަރުން
މިނިވަން 4 މެންބަރުން.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. 19 ވަނަ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން އެއީ 29 މެންބަރުންނެވެ.
މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ 5 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ 2 މެންބަރުންނާއި އެމްއެންޕީގެ 3 މެންބަރުންނާއި ފިކުރެއްގެ ދިރުން ފެކްޝަނުގެ 13 މެންބަރުންނާއެކު ޖުމްލަ ތިއްބަވާނީ 26 މެންބަރުންނެވެ.
އާދަމް ޝަރީފް “ސަންދާނު“ އަށް ވިދާޅުވި ގޮތުގައި މިހާރު ވެސް 29 މެންބަރުންނަށްވުރެ ވެސް އިތުރަށް ހަމަވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
އަޅުގަނޑުމެން މި ވަގުތު އޭގެ ޑީޓެއިލް ހިއްސާކުރާކަށް ނެތީމު. އެހެންނަމަވެސް އަޅުގަނޑުމެންނަށް [ސޮއި] ހަމަވޭ އިނގޭތޯ.“
މަޖިލީހުގައި ކެބިނެޓްގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ވޯޓުންނެވެ.
އެހެންކަމުން އިދިކޮޅު މެންބަރުން ގުޅިވަޑައިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މަސައްކަތްތަކަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ތާއީދެއް ބޭނުންވާނެއެވެ.
މެންބަރުންގެ ސޮއި ހަމަކުރައްވައި މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް ރައީސް އަޒުލު ކުރެވިދާނެ ކަމުގެ ޔަގީންކަން އޮތީ ކިހާވަރަކަށްތޯ ސުވާލު ދެންނެވުމުން އާދަމް ޝަރީފް ވިދާޅުވީ “ހާލަތު ބަދަލުވާ ގޮތެއް“ ނޭނގޭނެ ކަމަށެވެ.
“މީގެކުރިއަކު އަޅުގަނޑުމެންނަކަށް ނެތެއް ނޫންތޯ މިނިސްޓަރެއްގެ ނޯ ކޮންފިޑެންސް އޮތްތޯ ބަލަން މަޖިލީހަށް ވެއްދިފައެއް ވެސް. އެކަމު މިހާރު މި އޮތީ ވެއްދިފަ. އެހެންވީމަ ހާލަތު ބަދަލުވަމުން އެދަނީ އިރާދަކުރެއްވިއްޔާ.“ އާދަމް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޝާހިދުގެ މައްސަލަ ވެއްދުމަށް ވެސް މިހާރު މެންބަރުން ސޮއިކުރައްވާފައިވާ ކަމަށާއި އެ މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ވަރަށް ސޮއި ވެސް ހަމަވެއްޖެ ކަމަށެވެ.
މިނިސްޓަރެއްގެ އިތުބާރު އޮތްތޯ ބަލަން މަޖިލީހަށް ހުށަހެޅުއްވިފައިނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް 2020 ވަނަ އަހަރު ހޯމް މިނިސްޓަރު ޝައިޚު އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް/ޕީއެންސީގެ 09 މެންބަރުންނާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްގެ ސޮޔާއެކުގައެވެ. ނަމަވެސް މަޖިލީހުން ފާސްކުރީ އިމްރާނުގެ އިތުބާރު އޮތް ކަމަށެވެ.
19 ވަނަ މަޖިލީހަށް ބަލާއިރު މީގެކުރިން ވަނީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި އިތުބާރު ނެތް ކަމަށް ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރިއިރު އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައެވެ.
One Response
ތިކަމެއް ނުވާނެއެވެ. މަލޭސިޓީ ރައީސްގެ ގަރާރަކުން އެޗްޑީސީ އާއި ޙަވާލުކޮށް އެމްޕީ ތަކަށް ހިލޭގޯތިދީގެންވެސް ތިކަން ވިޔަކަނުދޭނެއެވެ. ތިކިޔާ ފިކުރެއްގެ ދިރުމާއި ގުޅިގެން ކީއްކުރެވޭނީ؟ ގިނަވާނީ ދެބޯގެރިދުއްވާ މީހުނެވެ. ގާސިމުކައިރިން ބޭނުންވާގޮތް ނުވީމާ މިހާރު ޗާގޯސްއޭ ކިޔައިގެން ޕޕއެމް އަށް އެ މެހިގަތީއެވެ. އެވެސް މެރިޖް އޮފް ކޮންވީނިއަންސް އެވެ. މުޅިންވެސް ރާވާނީ ވާހަކަޔާއި ޢަމަލާއި ދިމާނުވާގޮތަށެވެ. މިހާރު ދިވެހިންގެ ގިނަބަޔަކުވެސް ތިބީ އަމިއްލަ އަތުން ބަޔަކު ވައްކަން ކޮށްގެން އައިސް އެފައިސާކޮޅުން ކުޑައެތިކޮޅެއް ދިނީމާ ވޯޓް ވިއްކާލަންޏާއި ދެން ކީއްކުރެވޭނީ؟