ރައްކަލަކަށް ބޭނުންކުރާ ސެނިޓައިޒާ ނުރައްކަލަކަށް ވެދާނެ!

Loading

Facebook
Twitter
WhatsApp

ކޯވިޑް19 ގެ މިހާލަތުގައި ވައިރަސް ”މަރާލުމަށް“ މި ބޭނުންކުރާ ސެނިޓައިޒަރ އިން އަހަރެމެން ހަލާކުގެ ތެރެއަށް ވައްޓާލަފާނެ ކަން އެނގޭ ހެއްޔެވެ؟

ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ 2 ބާވަތެއްގެ ސެނިޓައިޒަރ އަކުން ކޮންމެވެސް އެއް ބާވަތަކީ ”އެޑަލްޓެރޭޓެޑް“ އުފެއްދުމެކެވެ. އަދި މި ސެނިޓައިޒަރ ތަކުގައި އަސްލު ވައިރަސް މަރަން ބޭނުންކުރާ އެތަނޯލްގެ ބަދަލުގައި، އިންސާނުންގެ ހަށިގަނޑަށާއި ތިމާވެއްޓަށް ނުރައްކާތެރި ބާވަތެެއް ކަމުގައިވާ މެތަނޯލް ބޭނުން ކޮށްފައި ހުރެއެވެ. މި ދިރާސާ ހަދާފައިވަނީ 120 ބާވަތުގެ ސެނިޓައިޒަރގެ ސާމްޕަލް ބޭނުން ކޮށްގެންނެވެ.

އެޑަލްޓަރޭޓެޑް ސެނިޓައިޒަރ ތަކުގެ ލޭބަލްގައި އެޕްރޮޑަކްޓާއި ބެހޭ އެންމެ ފުރިހަމަ މައުލޫމާތެއް ލިބޭކަށް ނުހުރެއެވެ. މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ކުޑަ ހަރަދެއް ކޮށްގެން ބޮޑު މާލީ ފައިދާއެއް ހޯދުމެވެ. މިފަދަ ސެނިޓައިޒަރ ތަކުން ލިބެނީ އަތް ހިރުވުމާއި ހަމަށް ގެއްލުންވުން ފަދަ ކުދި ކުދި ގެއްލުމަށް ވުރެން ބޮޑަށް، ދިގުދެމިގެންދާފަދަ ބޮޑެތި ގެއްލުންތަކެވެ.

މެތަނޯލް އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަދެގެން ދިޔުމުން ހަަށިގަނޑު ވެއްޓިގެން ދަނީ މަރުގެ ދަންތުރައަކަށެވެ. މެތަނޯލްގެ ސަބަބުން ލޮލާއި، މޭ އަދި ކިޑްނީފަދަ މުހިންމު ގުނަވަންތައް ހަލާކު ކޮށްލާ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ކަންތައްތައް ދެއެވެ. ހަމަ އެއާއިއެކު މިލިބޭ ގެއްލުމާއި އެކު، އެފަދަ އުފެއްްދުންތަކުގައި ވައިރަސް މެރުމުގެ ޤާބިލްކަމެއް ވެސް ނުހުރެއެވެ. އެހެންކަމުން ބޮޑު ޚަރަދެއް ކޮށްގެން ފައިދާއެއް ނުލިބި، ގެއްލުން މިދެވެނީ އަމިއްލަ ނަފުސަށެވެ.

ދާދި ފަހުން އެމެރިކާއިން ވަނީ ބޭނުން ކުރަން ރަނގަޅު ނޫން ސެނިޓައިޒަރ ތަކުގެ ލިސްޓެއް ނެރެފައެވެ. ރާއްޖޭގައިވެސް މިކަމާއިމެދު އިތުރަށް ސަމާލުވެ އެއުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމެވެ. އެހެންނޫންނަމަ ކޯވިޑަށްވުރެން ބޮޑު ނުރައްކަލަކާ ދެން ކުރިމަތިވުން ވަރަށް ގާތެވެ. ސެނިޓައިޒަރގެ ބަދަލުގައި އާދައިގެ އެންޓި-ވައިރަލް ސައިބޯނިން އަތްދޮވުން މާ ރައްކާތެރިކަމަށް ގިނަ ސައިންސެވެރިން ދަނީ ބުނަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް