ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަން ކުރައްވައި ފަތްކޮޅު އަރުވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ އިސް ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ކޮށްފައިވާ 02 އިއުލާންގެ ދަށުން މި ދެ މަގާމަށް ކުރިމަތިލީ ފަރާތްތަކާ ”ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“ އިން އިންޓަރވިއުކުރެއްވުމަށްފަހު, ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޅ.ހިންނަވަރު/މާތިލަ އާދަމް މުޙައްމަދު އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ގއ.މާމެންދޫ/ފެހިގެ, އަޙްމަދު ނިމާލް ޖުނައިދު ހަމަޖެއްސުމަށް އެ ކޮމިޓީން ކޮމިޝަނަށް ލަފާއަރުވާފައިވާ ކަމަށެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް މުޙައްމަދު އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އަޙްމަދު ނިމާލް ޖުނައިދު ހަމަޖެއްސުމަށް މި މަހުގެ 3 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމައި 2023 މިއަދު ފަތްކޮޅު އަރުވާފައިވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.