ޚާރިޖީ ވުޒާރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މ.އެންދެރިމާގޭ އާބިދާ އަޙްމަދު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 66 އަހަރުގައި އާބިދާ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އާބިދާގެ ކަށު ނަމާދާއި ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އާބިދާ އަވަހާރަވުމާ ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ވަކިވެގެން އެ ދިޔައީ ޚާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ.
އާބިދާގެ ހަނދާންތައް އެ ވުޒާރާގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެކަމަށާއި އާބިދާ ނެތްކަމުގެ އިހުސާސްކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ޓުވީޓުގައި ވަނީ ވަފާތެރިކަމާއި ލޯތްބާއި ޝައުގުވެރިކަމާއެކު 40 އަހަަރަށްވުރެ ދިގު މުއްދަތެއްގައި އެ ވުޒާރާއަށް އާބިދާ ޚިދުމަތް ކުރައްވާފައިވާކަން ފާހަގަކުރައްވައިފައެވެ.
އާބިދާ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ މުލީއާގޭ މެއިޑެއްގެ ވަޒީފާއިންނެވެ. އެއީ 15 ނޮވެންބަރު 1978 ގައެވެ.
މެއިޑެއްގެ ވަޒީފާއިން ވަކިވެވަޑައިގަތީ 8 ޖޫން 1982 ގައެވެ.
އެއަށްފަހު އަލުން ޚިދުމަތް ފެށްޓެވީ 26 ސެޕްޓެންބަރު 1983 ގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން 15 އޮގަސްޓު 1985 އިން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ ޚާރިޖީ ވުޒާރާގައެވެ.
އާބިދާ އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ އެ ވުޒާރާގެ އިދާރީ ހިންގުމާބެހޭ ސެކްޝަންތަކުގައްޔާއި ޑިޕާޓްމަންޓްތަކުގައެވެ.
އެ ވުޒާރާގައި އާބިދާ ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި 2 ނަންބަރު ކާތިބާކަމާއި ސީނިއަރ ކްލާކް ކަމާއި އެސިސްޓެންޓް ސެކްރެޓަރީކަމާއި ސެކްރެޓަރީކަމާއި އެސިސްޓެންޓް ޑެސްކް އޮފިސަރުކަމާއި ޑެސްކް އޮފިސަރުކަމާއި ސީނިއަރ ޑެސްކް އޮފިސަރުކަން ހިމެނެއެވެ.
އާބިދާއަކީ އަލަށް އެ ވުޒާރާއާ ގުޅިވަޑައިގަންނަވާ ޒުވާން މުވައްޒަފުން އެ މިނިސްޓްރީގެ މާހައުލަށް އަހުލުވެރިކުރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ނަމޫނާ ބޭފުޅެކެވެ.
އާބިދާގެ އަގު ވަޒަންކޮށް 2021 ވަނަ ސަރުކާރުން ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް ދެއްވައިފައެވެ.
One Response
މި ރައީސްވަރެއް ނެތެވެ.. ހަމަ ހުރިހާގޮތަކުންނެވެ.