ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސައިލަން ސްޕްރީމް ކޯޓުން އަންގައިފި

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޚިޔާނާތް ހިންގާފައިވާކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އިތުރު ބަޔަކަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސައިލަން ސްޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި 1,117,000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ. 

ކްރިކް ރިޟާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު, ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ނިންމި ބައެއް ނިންމުންތައް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެ ކޯޓުން ނިންމެވީ ޔާމީނާ ދެކޮޅަށެވެ.

އެ ނިންމުން ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެ ކޯޓުން މިއަދު ވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވައިފައެވެ.

ޔާމީންގެ ފަރާތްޕުޅުން އެދުނީ ސްޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސައިލުމުގެ އަމުރަކަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތް މަޑުޖައްސައިލުމުގެ އަމުރެއް ނެރުމަށެވެ.

އެ ގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހާ ޖެހެންދެން މައްސަލަ މަޑުޖައްސައިލުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އަމުރު ކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް